އަޅުގަނޑުގެ އަމިއްލަ ހަރަދުގައިނަމަވެސް އޭދަފުށީ ފުޓްބޯޅަ ދަނޑު ހަދާނަން – ރެޑްވޭވް ސަލީމް

ހުޅަނގު ޖަގަހަ ހުޅުވުމަށްފަހު ސަލީމް ރޭ ވާހަކަ ދައްކަވަނީ: ފޮޓޯ އީވީ

ހުޅަނގު ޖަގަހަ ހުޅުވުމަށްފަހު ސަލީމް ރޭ ވާހަކަ ދައްކަވަނީ: ފޮޓޯ އީވީ

އޭދަފުށީގެ ފުޓްބޯޅަ ދަނޑު ފެންވަރުރަނގަޅު ދަނޑަކަށް ބަދަލުކުރުމުގެ މަސައްކަތް އެއްވެސް ފަރާތަކަށް ކޮށްނުދެވިއްޖެނަމަ އަމިއްލަޖީބުން ހަރަދުކޮށްގެންނަމަވެސް އެކަންކުރަން ތައްޔާރަށް ހުންނެވިކަމަށް އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރ އަހްމަދު ސަލީމް (ރެޑްވޭވް) ވިދާޅުވެއްޖެއެވެ.

ސަލީމް މިހެންވިދާޅުވީ އޭދަފުށީ އެދާއިރާގެ މަޖިލިސް ގޮޑިއަށް ދެވަނަ ދައުރަކަށް ކުރިމަތިލައްވައި ކުރައްވަމުންގެންދަވާ ކެންޕޭންގެ ދަށުން ރޭ އޭދަފުށީ “އިރުވަރު” ގޭގައި ހުޅަނގު ޖަގަހަ ހުޅުވުމުގެ ހަފްލާގައި ވާހަކަދައްކަވަމުންނެވެ. ސަލީމް ވިދާޅުވީ އިރުމަތީކޮޅުގައި އޮތްދަނޑު ތަރައްޤީކުރުމަށް މިހާރުވެސް ގޮތްތަކެއް ހަމަޖައްސަވާފައިވާކަމަށާ، ބިންހިއްކާނިމޭއިރަށް އެމަސައްކަތް ފައްޓަވާނެކަމަށެވެ.

“ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް އިރުމަތީ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަކީ މިސަރުކާރުން ކުރާނެކަމެއް. އެކަން ނުވިޔަސް ﷲ ރަހްމަތާއެކު އަޅުގަނޑު މިތަނަވަސްކަންމަތީ ލަހައްޓަވައިފިއްޔާ އެކަމަކީ އަޅުގަނޑުގެ ޖީބުންވެސް ކޮއްލެވޭވަރުގެ ކަމެއް. އެކަން އިރާދަކުރެއްވިޔާ އަޅުގަނޑުކޮށްދޭނަން” ސަލީމް ވިދާޅުވިއެވެ.

އޭދަފުށީގެ ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭގޮތުން ސަރުކާރުގެ މަސައްކަތްތައް މިހާރުގޮސްފައިވާ ހިސާބެއްވެސް ރޭވަނީ އާންމުންނާ ސަލީމް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ ކަމާބެހޭ މިނިސްޓްރީތަކުގެ ވަޒީރުންނާ ކޮންމެ ދުވަހަކުވެސް އެއްފަހަރު ގުޅުއްވައި ކަންކަން އަވަސްކުރުމަށް މަސައްކަތް ކުރެވެމުންދާކަމަށާ، އެގޮތުން އޭދަފުށީގެ ބިންހިއްކުން މިހާރުއޮތީ ފެށުމާ ދާދިގާތަށް ގޮސްފައިކަމަށެވެ. އަދި އޭދަފުއްޓާ، މާޅޮސް، އަދި ހިތާދޫގައި ފެންހޮޅިއެޅުމާބެހޭގޮތުން ސާވޭއެއް ކުރުމަށް ވަރަށް އަވަހަށް މިނިސްޓްރީގެ ވަފުދެއް ދާއިރާއަށް ވަޑައިގަންނަވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“މިއަދުވެސް ހައުސިންގް މިނިސްޓްރީގެ ވަޒީރާ އަޅުގަނޑު ވާހަކަދެއްކީމާ ވިދާޅުވީ ބިންހިއްކުމުގެ މަސައްކަތް މިހާރުއޮތީ ބޮސްކާލިސްއާ ހަވާލުކުރުމާ ހަމައިގައޭ. މިހާރުވެސް މިމަސައްކަތް ކުރަނީ ހިއްކާ ބޯޓު ވީހާއަވަހަކަށް ރާއްޖެގެނެވޭތޯއޭ. މިރަށް ހިއްކަން ނަގާނީ 10 ނުވަތަ 12 ދުވަސް އެންމެގިނަވެގެންވެސް. ދެން އަނެއްކޮޅުން ހިތާދުއާ، މާޅޮސް އަދި އޭދަފުށީގެ ފެންހޮޅި އެޅުމަށްތަކައި ސާވޭޓީމެއް އަންނަހަފްތާގައި އެރަށްރަށަށް ދަތުރުކުރާނެކަމަށް އަޅުގަނޑަށް މިދިޔަ ހަފްތާ މައުލޫމާތު ލިބުނީ”

ސަލީމް ވިދާޅުވީ މިސަރުކާރުގެ ފަސްއަހަރު ނިމޭއިރު އޭދަފުއްޓަށް ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް ކޮށްދޭނެކަމަށާ، ދެންއޮންނާނީ ރައްޔިތުންގެ ގެދޮރު ތަރައްޤީކުރުންކަމަށެވެ.
ސަލީމްގެ ކެންޕޭން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ރޭ ވަނީ ހުޅަނގު ސަރަހައްދު ފަތިސްގޭ ކައިރީގައިވެސް އިތުރު ޖަގަހައެއް ހުޅުވައިފައެވެ. އަދި އަންނަހަފްތާވެސް އިތުރު ޖަގަހަތަކެއް ހުޅުވަން ތައްޔާރުވަމުންދާކަމަށް ސަލީމް ކެންޕޭން އޮފީހުން ބުނެއެވެ.

އެއޮފީހުން ބުނީ ކެންޕޭން ދަތުރެއްގައި މިއަދު ދާއިރާގެ އަނެއް ދެރަށްކަމުގައިވާ ހިތާދުއަށާ، މާޅޮހަށްވެސް ސަލީމް ދަތުރު ކުރައްވާނެކަމަށާ، އެރަށްރަށުގައިވެސް ކެންޕޭންގެ ފޯރިވަރަށް ގަދައަށް އެބައޮތްކަމަށެވެ.
ސަލީމްގެ އިތުރުން އޭދަފުށީ ދާއިރާއަށް އަމިއްލަގޮތުން އަބްދުﷲ ޔަޒީދު އަދި އެމްޑިޕީން ހިސާން ހުސައިން ވާދަކުރައްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top