ޖަވާބުދެއްވީ: ސިދުގީ އަބްދުﷲ
1 ހުންއަންނަނަމަ ހޮސްޕިޓަލަށް ނުގެންގޮސް ގޭގައި ދެވޭނެ ފަރުވާއެއް އޮންނާނެތޯ؟ އެހެންނަމަ، އެކަމުގެ ތަފްސީލެއް ދެވިދާނެތޯއެވެ؟
ޖ: ހުމަކީ އާންމުގޮތެއްގައި އޭގެ ޒާތުގައި ގާތްގަނޑަކަށް ހަފްތާއެއްގެތެރޭގައި އަމިއްލައަށް ރަނގަޅުވާ ބައްޔެކެވެ. ބައެއް ހާލަތްތަކުގައި މިމުއްދަތު 7-10 ދުވަހާއި ދެމެދުގެ މުއްދަތަކަށް (ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދީންނަށް) ދެމިގެންދިއުމަކީ ވެދާނެގޮތެކެވެ. އެހެންކަމުން މިބައްޔަށް ހާއްސަ ފަރުވާއެއް ނޯވެއެވެ. ބޭސްދެވެނީ ހުންތިރިކުރުމަށާއި، ގައިގައި އުފެދޭ ތަދު ކެންޑުވުމަށާއި، ރިހުން ކުޑަކުރުމަށެވެ. މިގޮތުން އެންމެ އާންމުކޮށް ދެވެނީ ޕެނަޑޯލެވެ.
ހުންގަދަވުމުގެ ސަބަބުން ފިޓްޖެހުން މެދުވެރިވިޔަ ނުދިނުމަށްޓަކައި ހުންތިރިކުރުމުގެ ގޮތުން ބޮލާއި ގައިގައި ފެންފޮތި އުނގުޅުމަކީ ކުރެވޭ ރަނގަޅުކަމެކެވެ. ބަލިވުމުގެ ސަބަބުން ކާހިތްކެނޑި ނުކާން އުޅުމަކީ ވަރަށްގިނައިން ދިމާވާ ގޮތެކެވެ. ނަމަވެސް މަދުއެތިކޮޅު އެކިފަހަރުމަތިން ކާތަކެތި ދެމުންގެންދިއުން މުހިއްމެވެ. އަދި ދިޔާތަކެތި ގިނަގިނައިން ދިނުމަކީ ކުރެވިދާނެ ކަމެކެވެ. ދިޔާތަކެތީގެ ގޮތުގައި ސާފުފެން، ގާތުންދޭކިރު، ދަޅުކިރު، ޖޫސް، ކުރުނބާފެން، ކުކުޅުސުރުވާ، ތަރުކާރީ ސުރުވާ، ބަތްޕެން، ޔޯގަޓް، މާމުއި ފަދަތަކެތި ދެވިދާނެއެވެ.
2 އަޅުގަނޑުގެ ދަރިފުޅު އާންމުގޮތެއްގައި އަރިދަފުސްރޯގާޖެހިއްޖެނަމަ ވަރަށްގިނަދުވަހު ނޭފަތުން އަރިދަފުސް އައިސް ރަނގަޅުނުވެ ހުންނަކަން ފާހަގަކުރެވެއެވެ. އުޅޭއުޅުމުން މާބޮޑުކަމަކަށް މިކަމެއް ނުވެއެވެ. އެހެންނަމަވެސް މިކަން ހައްލުކުރަން އަޅުގަނޑު ބޭނުމެވެ. މިކަމުގައި ގޭގައި ދެވޭނެ ފަރުވާއެއް އޮންނާނެތޯ؟
ޖ: އަރިދަފުސްރޯގާޖެހުމުން އަމިއްލައަށް ގޭގައި ކުރެވޭނެ ފަރުވާއަކީ އަރާމުކުރުން، ގިނައިން ދިޔާތަކެތި ދިނުން، ރޯގާޖެހިގެންއުޅޭ ކުދިންނާއި، ގައިގޯޅިވެ ނޫޅުން.
ކިޔުންތެރިންގެ ޚިޔާލު