ޝައިޚް މަޖީދުގެ ދަރެސް : ނަރަކައިގެ ދަރަކީ، އިންސާނުންނާއި ހިލައެވެ.

hell-endothermic-or-exothermic.jpg

ހަމަކަށަވަރުންވެސް ޤިޔާމަތްދުވަހަކީ، އަންނާނޭ ދުވަހެކެވެ. އެކަމަކު ޤިޔާމަތްވާނީ ކޮންއިރަކުކަމެއް އެއްވެސް މީހަކަށް ނޭގޭނެއެވެ. ދުނިޔެއަކީ ވަގުތީތަނެއްކަމާއި ދުނިޔޭގެ އެންމެހާ މަންފާ ތަކަކީ ވަޤުތީ ކަންތައްތައްކަމުގައި ބެލެވި އުޚްރަވީޙަޔާތުގެ ކަންކަމަކީ ނިމުމެއްނުވާ ދާއިމީ ކަންކަންކަމުގައި ކޮންމެ އިންސާނަކުވެސް ހިތުގެ އަޑިންޤަބޫލުކޮށް ވިސްނާ ފިކުރުކުރާނަމަ މާތްﷲ އެންގެވި މަގު އިޚްތިޔާރުކޮށް އެމަގުންހިނގާނެއެވެ. ދުނިޔެއިން ލިބެންވީ ބައި ޙަލާލުގޮތުގައި ހޯދުމަށާއި، އުޚްރަވީޙަޔާތް ބާއްޖަވެރި ކުރެވޭނެހައި ކަމެއް ރެއާއިދުވާލު ކެނޑިނޭޅި ކުރަމުން ގެންދާނެއެވެ.

ތިމާގެ ނަފްސު ސީދާކޮށް  ތިމާ ބެލެހެއްޓުމުގެ ދަށުގައިވާ ކޮންމެ މީހަކުވެސް ހެޔޮމަގަށް އެޅުވުމަކީ ޚުދު ތިމާގެ ޒިންމާއެއްކަން ރަނގަޅަށް އެނގޭނަމަ ކޮންމެގޮތެއް ހަދައިގެންވެސް އެކަން ކުރާނެއެވެ. ކޮންމެ މީހަކުވެސް އިޞްލާޙުވެ އެމީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާހާ ބަޔަކަށް އިސްލާމްދީނުގެ މަގު ދެއްކުމަކީ ޚުދު އެމީހެއްގެ ޒިންމާއެކެވެ. ތަޙްރީމު ސޫރަތުގެ 6 ވަނަ އާޔަތާމެދު ވިސްނާލުމުން މިކަން ވަރަށް ރަނގަޅަށް ހާމަވެގެންދާނެއެވެ. މި އާޔަތާމެދު ވިސްނާ ފިކުރުކޮށް، ޙަވާލުވެފައިވާ ޒިންމާތައް އިޚްލާޞްތެރިކަމާއެކު އަދާކުރުންމަތީ ދެމިތިބުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެކެވެ. އަދާކުރަންޖެހޭ ޒިންމާތަކަށް ފަރުވާކުޑަކުރެވިއްޖެނަމަ، ކުރިމަތިވާނެ ހިތާމައެއްގެ ބޮޑުކަމާއެވެ! އެހިތާމައިގެ ނުރައްކާތެރިކަން ހިތަށް ގެންނަންވެސް ނޭނގޭނެއެވެ. ތަޙްރީމުސޫރަތުގެ 6 ވަނަ އާޔަތުގެ މާނައިގައިވަނީ، “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި، ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުން ވެއެވެ. ﷲ އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބެކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާ ކަންތައް އެބޭކަލުން ކުރައްވާނެތެވެ.”

އިސްވެދިޔަ ބަސްފުޅުން، ދޭހަވާ އެއްކަމަކީ، ކޮންމެމުކައްލަފަކުވެސް އަމިއްލަ ނަފުސު ނަކައިން ސަލާމަތް ކުރުމަށްޓަކައި މާތްﷲއާއި އެކަލާނގެ ރަސޫލާ އެންގެވި ގޮތަށް އުޅުމުގެ މުހިންމުކަމެވެ. އަދި އަނެއްކަމަކީ، ތިމާގެ ބެލުމުގެ ދަށުގައިވާ މީހުންނަށްވެސް އުޅެއްވީ ރަނގަޅު މަގު ދެއްކުމަކީ، ތިމާއަށް ކޮންމެހެން މަޖުބޫރުކަމެއްކަމެވެ.

ކަން މިހެން އޮތްއިރު، އަނބިކަނބުލޭގެއާއި ދަރިން ހަމަމަގަށް އަޅުވައި ނަރަކައިން ސަލާމަތްކުރުމަކީ ފިރިމީހާގެ ޒިންމާއެކެވެ. ދަރިން ހެޔޮގޮތުގައި ތަރުބިޔަތުކޮށް ނަރަކައިން ސަލާމަތްކުރުމުގައި މަންމަގެ ޒިންމާ ވަކި ކުޑައެއްނޫނެވެ. ތިމާއާއި، އަނބިމީހާއާއި، އަދި މުކައްލަފުންގެ ގޮތުގައި ބެލެވޭ ދަރިން،  މާތްﷲ އެންގެވި ގޮތާ ޚިލާފަށް ކަންކަންކުރާނަމަ، އެއެންމެންވެސް ވެގެންދާނީ ނަރަކައިގެ ދަރު ކަމުގައެވެ. އަބަދާއި އަބަދު ތިބޭނީ ނަރަކައިގައި އަނދައަނދައެވެ. ނަރަކައިން ސަލާމަތްވުމަށްޓަކައި އެންމެ އިސްކަންދޭންޖެހޭނެ ކަމަކީ، ފަރްޟު ފަސްނަމާދު، އެނަމާދެއްގެ ވަޤުތު ފާތުވުމުގެ ކުރިން އަދާކުރުމެވެ.  

ކޮންމެމީހަކުވެސް، އެމީހަކު ޒިންމާވާ ބަޔަކާމެދު ކަންތައް ކޮށްދެވުނީ ކޮންގޮތަކަށް ކަމާމެދު ޤިޔާމަތްދުވަހު، މާތްﷲ ސުވާލުކުރައްވާނެއެވެ.

ކީރިތިރަސޫލާޞައްލަﷲޢަލައިހި ވަސައްލަމަގެ ބަސްފުޅެއްގެ މާނައިގައިވަނީ، “ތިޔަބައިމީހުންކުރެ ކޮންމެމީހަކީ ބެލެހެއްޓުންތެރިއެކެވެ.އަދި ތިޔަބައިމީހުންކުރެ ކޮންމެމީހަކީ، އެ މީހަކު ބަލަހައްޓާ ބަޔަކާމެދުގައި ސުވާލުކުރެވޭނެ މީހެކެވެ. އަދި މީސްތަކުންގެ ވެރިމީހާއީ ބެލެހެއްޓުންތެރިއެކެވެ. އަދި އޭނާއީ، އޭނާގެ ބެލުމުގެ ދަށުގައިވާ މީސްތަކުންނާމެދުގައި ސުވާލުވެވޭނެ މީހެކެވެ. އަދި ފިރިހެނާއީ، އޭނާގެ އަހުލުވެރިން ބަލަހައްޓާމީހާއެވެ. އަދި އޭނާގެ ބެލުމުގެ ދަށުގައިވާ މީހުންނާމެދުގައި ސުވާލުވެވޭނެ މީހެކެވެ. އަދި އަނބިމީހާއީ، އޭނާގެ ފިރިމީހާގެ ގޭގެ ބެލެހެއްޓުންތެރިޔާއެވެ. އަދި އެކަނބުލޭގެ ބެލުމުގެ ދަށުގައިވާ ބަޔަކާމެދު ސުވާލުވެވޭނެ މީހެކެވެ. އަދި ނޯކަރުމީހާއީ، އޭނާގެ ސާހިބު މީހާގެ މުދަލާމެދު މަސްއޫލުވެ ބަލަހައްޓާމީހާއެވެ. އަދި އޭނާގެ ބެލުމުގެ ދަށުގައިވާ ތަކެއްޗާމެދުގައި ސުވާލު ވެވޭނެ މީހެކެވެ. ފަހެ، ތިޔަބައިމީހުންކުރެ ކޮންމެ މީހަކީ، ބެލެހެއްޓުންތެރިއެކެވެ. އަދި އެމީހަކު ބަލަހައްޓާ ބަޔަކާމެދުގައި ސުވާލުވެވޭނެ މީހެކެވެ.”

އަޅުގަނޑުމެން މުސްލިމުންނަކީ، ކޮންމެމީހަކުވެސް އެމީހަކާ ޙަވާލުވެފައިވާ ބަޔަކާމެދު ނުވަތަ ކަމަކާމެދު ޤިޔާމަތްދުވަހުން ޒިންމާއުފުލަން ޖެހޭނޭ މީހެއްކަން އެނގިހުރެ މަސްއޫލިއްޔަތު އަދާކުރާ ބަޔަކުކަމުގައިލައްވާށި! އަދި ހެޔޮބަސްއަހާ ހެޔޮބަސް ޤަބޫލުކުރާ ބަޔަކުކަމުގައި ލައްވާށީ އާމީން

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top