އިސްލާމީ ޝަރީއަތުގެ ވާހަކަ ދައްކާއިރު ސާފުވެފައި އޮންނަންޖެހޭ ބައެއް މުހިއްމު މަފްހޫމުތަކުގެ މައްޗަށް ނަޒަރު ހިންގައިލުމެއް:

18163661.jpg

1. ‘ދީން’ މިމަފްހޫމުގެ މާނައިގެ މައްޗަށް ބަލައިލުން

އަބްދުލް ޣަފޫރު އަބްދުއްރަހީމު ގ.މަންޒިލް

(1މާރޗް އާއި ގުޅޭ)   ޖަޒާ ދިނުމުގެ ދުވަހުގައި އެބަހީ އާޚިރަތްދުވަހުގައި، ސަލާމަތްކަން ލިބިގެންވަނީ ކޮންބަޔަކަށްކަން މި އާޔަތްކޮޅުން އެނގެއެވެ. އެއީ، މި އާޔާތްކޮޅުގައި ނަންގަނެވިފައިވާފަދައިން، މާތްﷲއަށް އީމާންވެ، އެކަލާނގެއަށް ބޯލަނބައި ކިޔަމަންގަނެ، އަދި ހެޔޮ ޢަމަލުކުރާމީހުންނެވެ. އެމީހުން ވާނީ ދާއިމީ ނިޢުމަތުގައި ކަން މިއާޔަތްތަކުގައި ބަޔާންކުރެވިފައިވެއެވެ. މިއިން އެނގެނީ އާޚިރަތް ދުވަހުގައި ޖަޒާދިނުން ބިނާވެފައި ވަނީ މީހާގެ އީމާންކަމާއި އޭނާގެ އަމަލުތަކުގެ މައްޗަށްކަމަށެވެ. ހެޔޮ އަމަލުތަކުގެ އަހުލުވެރީންނަށް ހެޔޮޖަޒާއެވެ. ހެޔޮ ބަދަލެވެ. ނުބައި އަމަލުތައް ކުޅަ މީހުންނަށް، އެމީހުންނަށް ހައްގުވާ ޖަޒާއެވެ.

މީގެ އިތުރުން އެފަދަ ދުވަހަކީ ކޮންމެހެން އަންނަންޖެހޭނޭ ދުވަހެއްކަންވެސް މިއާޔަތްތަކުގައި އިޝާރަތް ކުރެވިފައިވާތަން ފެނެއެވެ. އެހެނީ އާޚިރަތް ދުވަހެއް ނެތްނަމަ، އަދި، އިންސާނުން، އެމީހުންގެ ދުނިޔަވީ އަމަލުތަކަށް ޖަވާބުދާރީވާން ނުޖެހޭނަމަ، ދުނިޔަވީ ހަޔާތުގައި ރަނގަޅާއި ނުރަނގަޅު، ހެވާއި ނުބައި، ކަނޑަ އަޅާލުމުގެ މާނައެއްނެތެވެ. ދުނިޔޭގެ ގާނޫނުތަކުން ރެކެވޭން އޮތްނަމަ، ތެދުބުނުމާއި ދޮގުހެދުން، އަމާނާތްތެރި ވުމާއި ވައްކަންކުރުން، އަދުލުއިންސާފަށް ކަންތައްކުރުމާއި އަނިޔާވެރިވުން، އިންސާނީ ހަޔާތުގެ ހުރުމަތް ރައްކާތެރި ކުރުމާއި މީހުން މެރުން، މިކަންކަމުގެ އެއްވެސް މާނައެއް، ތަފާތެއްނެތެވެ. ހަމައެކަނި އޮތް ހަޔާތަކީ ދުނިޔަވީ ހަޔާތްކަމަށްވާނަމަ، ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ މަސްލަހަތު ނިޔާކުރާ ގޮތެއްގެ މަތީން ކަންތައްތައް ކުރަންވީއެވެ. ދެންމެ މިދެންނެވިފަދަ އެއްވެސް އަޚުލާގީ މިންގަނޑަކަށް ބަލާލުމެއް ނެތިއެވެ. މިއީ ސަލާމަތްބުއްދި ގަބޫލުކުރާނޭ ކަމަކަށް ވާނޭހެނެއް ހިޔެއްނުވެއެވެ. ކަންކަމުގެ ހެވާއި ނުބައި ކަނޑައަޅާލުން ގުޅެނީ އެކަންކަމަށް ޖަވާބުދާރީވާން ޖެހޭޖެހުމާއި ކަމުން، އާޚިރަތް ދުވަހަކީ އަންނަން ޖެހޭނޭ ދުވަހެއްކަން ސަލާމަތް ބުއްދިއަށް ގަބޫލުކުރެވެއެވެ. މިކަން، މިނަންގަތް އައްތީނު ސޫރަތުގެ ހަތަރުވަނަ އާޔަތުގައި އިޝާރާތް ކުރެވިފައިވެއެވެ. ކުރިންވެސް ދެންނެވި ފަދައިން، އެއާޔަތުގައި ބަޔާންކޮށްދީފައި ވަނީ، ހެވާ ނުބައި ވަކިކޮށް ކަނޑައެޅުމުގެ އެކަށޭނަކަން އިންސާނާ އުފެއްދެވުމުގައި، އޭނާގެ ކިބައިގައި ލެއްވިފައިވާކަމެވެ. އޭނާގެ ސަލާމަތް ބުއްދި ބޭނުންކޮށްގެން، ހެޔޮގޮތުގައި ދުނިޔަވީ ހަޔާތް ވޭތުކުރުމަށް ޓަކައެވެ. އާޚިރަތް ދުވަހަށް ތައްޔާރުވުމުގެގޮތުންނެވެ. އޭނާގެ ދުނިޔަވީ އަމަލުތަކަށް ޖަވާބުދާރީވުމަށްޓަކައެވެ.

ހަމަ މިމާނަ – ޖަޒާދިނުމާއި މީހާގެ އަމަލުތަކާ ގުޅިފައިއޮތުމުގެ މާނަ – އަލްމާޢޫނު ސޫރަތުންނާއި އަދި އަލް މަޢާރިޖު ސޫރަތުންވެސް ސާފުވެއެވެ. އަލްމާޢޫނު ސޫރަތުގައި ބަޔާންކޮށްދެވިފައިވަނީ ‘ދީނުގެ ދުވަސް’ (ޖަޒާ ދިނުމުގެ ދުވަސް) އަންނާނޭކަން ގަބޫލުކުރަން ބޭނުން ނުވާނީ އެމީހުންގެ އަމަލުތައް ހެޔޮގޮތުގައި ބަހެއްޓުމުގެ ބޭނުމެއް އޮތްކަން ދެކެން ބޭނުންނުވާ މީހުންނެވެ.

أرأيت الذي يكذب بالدين    ކަލޭގެފާނަށް (މުހައްމަދުގެފާނަށް)، ‘ދީން’ – އާޚިރަތް ދުވަސް އަންނާނޭ ކަމާއި، އެދުވަހު ޖަޒާ ދެވޭނޭކަން – ދޮގުކޮށް އުޅެނީ ކާކުކަން އެނގިވަޑައިގެންވޭތޯއެވެ؟

فذلك الذي يدعّ اليتيم            ފަހެ، އޭނާއަކީ ޔަތީމު ކުއްޖާ (އަށް އަޅާނުލާ) ކޮއްޕާ ދުރަށްލާ މީހާއެވެ.

ولا يحض على طعام المسكين     އަދި ފަގީރު ނިކަމެތި މީހާއަށް (އެއްމެ ކުޑަވެގެން) ކާއެތިކޮޅެއްހާ ހިސާބުވެސް ފޯރުކޮށްލުމަށް (އޭނާގެ އަމިއްލަ ނަފްސަށް) ބާރުއަޅާ ނަހަދާ މީހާއެވެ.

މިއިން ދޭހަވަނީ އީމާންވެ ހެޔޮއަމަލު ކޮށްއުޅޭ މީހުން، އާޚިރަތްދުވަސް އަންނާނޭކަން ބަލައިގަތުން ކައިރިކަމެވެ. މިއާޚިލާފަށް، ހިތަށް އެރިހާ ކަމެއްކޮށް، އޭނާގެ ހަވާނަފްސު އެދޭ ގޮތަކަށް ކަންތައްތައް ކުރަން ބޭނުންވާ މީހުން، އާޚިރަތް ދުވަހާ ދޭތެރޭ ވިސްނަން ބޭނުންނުވާނޭކަމެވެ. އެދުވަހަކީ އަންނާނޭ ދުވަހެއްކަމާމެދު އެމީހުން ގަބޫލުކުރަން ބޭނުން ނުވާނޭކަމެވެ.

ކީރިތި ޤުރުއާނުގައި ‘ދީން’ މިލަފުޒު ނަންގަނެވުނު ފުރަތަމަފަހަރު އެލަފުޒުގެ މާނައަކީ ޖަޒާ ދިނުންކަމާއި، އަދި މިކަން ގުޅިފައިވަނީ މާތްﷲއަށް އީމާންވެ، އެކަލާނގެއަށް ކިޔަމަންގަނެގެންކަމާއި، އަދި މި ކިޔަމަންގަތުން އަމަލީ ސިފައެއްގައި ފެނިގެންދަނީ ހެޔޮއަމަލު ކުރުމުގެ ތެރެއިން ކަން، މަތީގައި ނަންގަނެވުނު އާޔަތްތަކުގައި އިޝާރާތްކުރެވި ބަޔާންކުރެވިފައިވެއެވެ. މިއިން، ދީނުގެ މަފްހޫމު ކޮންމެވެސް  ވަރަކަށް ސާފުވެއެވެ. މާތްﷲއަށް އީމާންވެ، އެކަލާނގެއާއި ގުޅުންއުފައްދައި، ހެޔޮ އަމަލުކުޅައުމެވެ. އާޚިރަތްދުވަހުގައި މެދުކެނޑުމެއް ނެތި ނިއުމަތްލިބޭ ނަސީބުވެރިއަކަށްވުމަށްޓަކައެވެ.

‘ދީން’ އަޅުކަންކުރުމުގެ މާނައިގައި

މިއަށްފަހު، ކީރިތި ޤުރުއާނުގައި ‘ދީން’ މިލަފުޒު ބޭނުންކުރެވިފައިވާތަން ދެން ފެންނަނީ މާތްﷲއަށް އީމާންވެ އެކަލާނގެއަށް ކިޔަމަންގަތުމާއި ގުޅޭ އިތުރު ތަފްސީލު ދިނުމުގެ ގޮތުންނެވެ. މިތަފްސީލު ކޮށްދިނުން ތިން މަރުހަލާއަކަށް ބަހާލެވިދާނެއެވެ. އެންމެފުރަތަމަ މަރުހަލާގައި މާތްﷲއަށް ކިޔަމަންގަތުން އަދާކުރެވެނީ އެކަލާނގެއަށް އަޅުކަން ކޮށްގެންކަން ބަޔާންކޮށްދެވިފައިވެއެވެ. މިމާނައިގައި ‘ދީން’ ބޭނުންކުރެވިފައިވާތަން އަލްކާފިރޫން ސޫރަތުގެ ހަވަނަ އާޔަތުން ފެނެއެވެ. މިކަން ފަހުމުކޮށްގަތުމަށްޓަކައި އަލްކާފިރޫން ސޫރަތުގެ މައްޗަށް ނަޒަރުހިންގާލުން މުހިއްމެވެ.

قل يا أيها الكافرون        ކަލޭގެފާނު (މުހައްމަދުގެފާނު) ވިދާޅުވާށެވެ. އޭ ކާފިރުވީ މީހުންނޭވެ! (އޭ މައްކާގެ މުޝްރިކުންނޭވެ!)

لا أعبد ما تعبدون        ތިމަންކަލޭގެފާނު (މުހައްމަދުގެފާނު)، ކަލޭމެން އަޅުކަންކުރާ އެއްޗަކަށް، އަޅުކަމެއް ނުކުރައްވަމުއެވެ.

ولا أنتم عابدون ما أعبد    އަދި ކަލޭމެންވެސް، ތިމަންކަލޭގެފާނު އަޅުކަން ކުރައްވާއެއްޗަކަށް، އަޅުކަމެއް ނުކުރެތެވެ.

ولا أنا عابد ما عبدتم      ކަލޭމެން އަޅުކަންކުރި އެއްޗަކަށް، ތިމަންކަލާގެފާނު، އަޅުކަމެއް ނުކުރައްވާހުރީމެވެ.

ولا أنتم عابدون ما أعبد    އަދި ކަލޭމެންވެސް، ތިމަންކަލޭގެފާނު އަޅުކަންކުރައްވާ އެއްޗަކަށް، އަޅުކަމެއް ނުކުރެތެވެ.

لكم دينكم ولي دين   ކަލޭމެންނަށް ކަލޭމެންގެ ‘ދީނެވެ’ (އެބަހީ ކަލޭމެންގެ ‘އަޅުކަންކުރުމެވެ’). އަދި ތިމަން ކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ‘ދީނެވެ’ (އެބަހީ ތިމަން ކަލޭގެފާނުގެ ‘އަޅުކަން ކުރެއްވުމެވެ).

އަލްކާފިރޫން ސޫރަތަށް ބަލައިލުމުން ‘ދީން’ ދެފަހަރު ބޭނުންކުރެވިފައިވާތަން ފެނެއެވެ. ފުރަތަމަ ފަހަރު މައްކާގެ މުޝްރިކުންނަށް ނިސްބަތްކޮށެވެ. ‘ކަލޭމެންނަށް ކަލޭމެންގެ ‘ދީނެވެ’.’ މިސޫރަތުގެ ދެވަނަ އާޔަތާއި (ما تعبدون) އަދި ހަތަރުވަނަ އާޔަތަށް (ما عبدتم) ބަލާލުމުން މައްކާގެ މުޝްރިކުންގެ ‘ދީނަ’ކީ ކޮބައިކަން އެނގެއެވެ. މިދެއާޔަތުން އެނގެނީ އެކަން ގުޅެނީ އެމީހުންގެ އަޅުކަން ކުރުމާ ކަމެވެ. ދެވަނަފަހަރަށް މިސޫރަތުގައި ދީން ބޭނުންކުރެވިފައި ވަނީ ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ މުހައްމަދުގެފާނަށް ނިސްބަތް ކޮށެވެ. ‘ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ‘ދީނެވެ’. މިސޫރަތުގެ ތިންވަނަ އާޔަތާއި (ما أعبد) ފަސްވަނަ އާޔަތަށް (ما أعبد) ބަލާލުމުން އެކަލޭގެފާނު ދީނަކީ ކޮބައިކަން އެނގެއެވެ. އެކަން ގުޅެނީ އެކަލޭގެފާނުގެ އަޅުކަން ކުރެއްވުމާ ކަމެވެ. މިއިން މިސޫރަތުގައި ދީން ބޭނުން ކުރެވިފައިވަނީ އަޅުކަމުގެ މާނައިގައިކަން ސާފުކޮށް އެނގެއެވެ.

ދީން މިސޫރަތުގައި ބޭނުންކުރެވިފައިވާ ގޮތުގެ މާނަ އިތުރަށް ވިސްނި ފަހުމުވެ ދިޔުމަށްޓަކައި މައްކާގެ މުޝްރިކުންގެ އަޅުކަންކުރުމާއި އަދި ކީރިތި ރަސޫލާ އަޅުކަން ކުރެއްވުމާމެދު ނަޒަރު ހިންގާލަންޖެހެއެވެ. މިސޫރަތް ބާވާލެއްވި ސަބަބަށް ބަލާލުމުން މިކަން އިތުރަށް ސާފުވެގެންދެއެވެ. އިބްނު އައްބާސް ރިވާކުރައްވާގޮތުގައި މިސޫރަތް ބާވާލެއްވުން ގުޅެނީ، އިސްލާމްދީނުގެ ދައުވަތުގެ ކުރީކޮޅު، މައްކާގެ ބޮޑުން އިސްލާން ދީނާއި ނުރުހި، އެދައުވަތު ހުއްޓުވުމުގެ ގޮތުން އެމީހުން، ކީރިތި ރަސޫލާއާއި ވާހަކަ ދައްކައި އެކަމާ ބެހޭގޮތުން ދެފަރާތުން އެއްބަސްވުމަކަށް އާދެވޭތޯ، ކުރެވުނު މަސައްކަތާއެވެ. އިސްލާމީ ދައުވަތު ހުއްޓުވުމުގެ ގޮތުން، މައްކާގެ ބޮޑުން، ކީރިތި ރަސޫލާއަށް ތަފާތު ކަންތައްތަކެއް ހުށަހަޅާލިއެވެ. ވެރިކަމާއި ޖާހެވެ. ފައިސާއާއި މުދަލެވެ. އަދި އަންހެންކުދީން ، ކައިވެނިފުޅު ކުރައްވަން ރީތި އަންހެންކުދީންނެވެ. އަދި އެކަލޭގެފާނު މޮޔަފުޅުވެފައި ކަމުގައިވާނަމަ ބޭސްކޮށް، އެކަމަށް ފަރުވާއެއް ހޯދައިދިނުމެވެ. މިކަންކަން އެކަލޭގެފާނުންގެ ކުރިފުޅުމައްޗަށް، މައްކާގެ ބޮޑުން ހުށަހަޅާލިއެވެ. އެމީހުންގެ އިލާހުންނަށް ފާޑުކިޔުން ދޫކުރައްވައި، އަދި އެމީހުންގެ އިލާހުންތަކަށް، އެކަލާގެފާނުވެސް އަޅުކަން ކުރެއްވުން ޝަރުތުކޮށްފައެވެ. އެކަލޭގެފާނުންގެ އިލާހުވަންތަ ފަރާތަށް، އެމީހުން އަޅުކަންކުރާ މުއްދަތަކަށެވެ. (އައްޠަބަރީގެ ތަފްސީރު 331-330/30) ކީރިތި ރަސޫލާގެ ޖަވާބުފުޅަކަށްވީ ‘ކަލާމެން ތިމަންކަލޭގެފާނުންގެ ކަނާއަތްޕުޅުގައި އިރު އަދި ވައަތްޕުޅުގައި ހަނދު ބެހެއްޓިކަމުގައިވިޔަސް މިކަން [އިސްލާމި ދައުވަތުގެ މަސައްކަތް] ދޫކޮށް ނުލައްވާނޭކަމެވެ’. (އައްސިޔަނަބަވިއްޔާ ލި އިބްނިހިޝާމް 266/1) މިހާދިސާއިން މައްކާގެ މުޝްރިކުން އަޅުކަން ކުރަނީ ކޮންއެއްޗިއްސައްކަމެއް ސާފުވެއެވެ. އެމީހުންގެ ބުދުތަކާއި އެމީހުން ކީރިތިރަސޫލާއަށް ހުށަހަޅާލި އެމީހުން ހަޔާތީ އަގުތަކެވެ. އެމީހުން އަޅުކަންކުރަނީ މިއެއްޗިއްސަށެވެ. މިއާ ހިލާފަށް، އަލްކާފިރޫން ސޫރަތުގައި ތަކުރާރުކޮށް ބަޔާންކުރެވިފައިވަނީ، މިތަކެއްޗަކަށް، ކީރިތ ރަސޫލާ  އަޅުވެތި ނުވާ ވާހަކައެވެ. އެކަލޭގެފާނު އަޅުކަން ކުރައްވަނީ މާތްﷲގެ ކިބަފުޅަށެވެ. އަދި މުހިއްމުކަން ދެއްވަނީ މިއަޅުކަމާއި ގުޅިފައިވާ އަގުތަކަށެވެ. މިއަގުތަކަކީ ކޮބައިކަން ފަހުން އިތުރަށް ސާފުކޮށްދެވޭނެއެވެ.

މިދެންނެވި ހާދިސާއަށް ރިއާޔަތް ކޮށްލުމުން، އަލްކާފިރޫން ސޫރަތުގައި ނަންގަނެވިފައިވާ ‘ދީން’ މިލަފުޒު މާނަގުޅެނީ އަޅުކަންކުރުމާއި ކަން ސާފުކޮށް އެނގެއެވެ. ‘މައްކާގެ މުޝްރިކުންނަށް އެމީހުންގެ ދީނެވެ، ބުނެވޭ ބަހުގެ މާނައަކަށްވަނީ އެމީހުންނަށް އެމީހުންގެ އަޅުކަންކުރުމެވެ. އެމީހުން އެއެއްޗިއްސަކަށް އަޅުކަންކުރާ ބުދުތަކާއި އެއާއި ގުޅިފައިވާ އެމީހުންގެ ހަޔާތީ އަގުތަކާއި ހަމަތަކުގެގޮތެވެ. ކީރިތި ރަސޫލާއަށް އެކަލޭގެފާނުންގެ އަޅުކަންކުރެއްވުމެވެ. އެކަލޭގެފާނުން އެފަރާތަކަށް އަޅުކަންކުރައްވާފަރާތާއި އެއަޅުކަމާއި ގުޅިފައިވާ އަގުތަކާއި ހަމަތަކެވެ. މިމާނަ ދޭހަވާގޮތަށް، ކީރިތި ޤުރުއާނުގެ އިނގިރޭސި ތަރުޖަމާއަކާ އަދި ތަފްސީރެއް ލިޔުއްވި މުހައްމަދު އަސަދު އަލްކާފިރޫނަ ސޫރަތުގެ މާނަ ބަޔާންކޮށްދެއްވުމުގައި ލިޔުއްވާފައިވެއެވެ. (މުހައްމަދު އަސަދުގެ ‘ދަ މެސެޖް’ގެ 981 ވަނަ ސަފްހާ ބައްލަވާލައްވާ!)

މިހިސާބުން، ދީނުގެ އަސާސީމާނަކަމުގައި ކުރިން ފާހަގަ ކުރެވުނު ‘މާތްﷲއަށް ކިޔަމަންގަތުން’ މިކަން އެކަލާނގެއަށް އަޅުކަން ކުރުމާ ގުޅުވާލެވިފައިވާ ތަން ފެނެއެވެ. މިކަން އިތުރަށް ފަހުމްވެ ދިޔިމަށްޓަކައި، މާތްﷲއަށް ‘އަޅުކަންކުރުމުގެ’ މާނައަކީ ކޮބައިކަން މިތަނުގައި ފާހަގަކޮށްލުން މުހިއްމެވެ. ‘ލިސާނުލް ޢަރަބި’ ގައި އިބްނު މަންޡޫރު ލިޔުއްވައިފައިވާގޮތުގައި، އަރަބިބަހުގައި ‘ޢިބާދަތުގެ (އަޅުކަމުގެ) މާނައަކީ ‘އަލްޚުޟޫޢު ޥައްތަޛައްލުލު’ މިއެވެ. ބޯލަނބައި ކިޔަމަންތެރިކަން އަދާކުރުމާއި ދެރަ ނިކަމެތިވެގަތުމެވެ. މާތްﷲއާއި މުއުމިނާއާއި ދެމެދުގައިވާ އަޅުވެތިކަމުގެ ގުޅުން ބަޔާން ކޮށްދެއްވަމުން، އިބްނުކަޘީރުއާއި އިބްނު ތައިމިއްޔާ އަދި އިބްނު އަލްގައްޔިމުފަދަ އިލްމުވެރީން ވިދާޅުވަނީ އެއީ އެކަލާނގެއަށް އެންމެފުރިހަމަ ގޮތުގައި ބޯލަނބައި ކިޔަމަންތެރިކަން އަދާކުރުމެވެ. އެކަލާނގެއަށް ލޯބިކޮށް ބިރުވެތިވާ ހާލުގައެވެ. އާދެ، މިކިޔަމަންގަތުމުގެ ފެށުމަކީ އަޅުކަންކުރުމެވެ. އަޅުކަމުގެ ރަސްމުތައް – ނަމާދު ކުރުމާއި ރޯދަ ހިފުންފަދަ، އަޅުކަމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް- އަދާކުރުމެވެ. މިއަޅުކަން ފުރިހަމަވަނީ އަޅުކަމުގެ ރަސްމުތަކުގެ މަގުސަދުތައް ހާސިލުވެގެންނެވެ. އަޅުކަންކުރުމުގެ މަގުސަދަކީކޮބައިކަން، އަދި ފަހުން، ބަޔާން ކޮށްދެވޭނެއެވެ.

‘ދީން’ ހަމައެކަނި މާތްﷲއަށް އަޅުކަންކުރުމުގެ މާނައިގައި

ފުރަތަމަ މަރުހަލައިގައި ދީން އަޅުކަންކުރުމުގެ މާނައިގައި ބޭނުންކުރެވުނުފަދައިން، ދެވަނަ މަރުހަލައިގައި ކީރިތި ޤުރުއާނުގައި ‘ދީން’ ބޭނުން ކުރެވިފައިވަނީވެސް މާތްﷲއަށް އަޅުކަންކޮށް އެކަލާނގެއަށް ބޯލަނބައި ކިޔަމަންގަތުމާ ގުޅުވައިގެންނެވެ. ނަމަވެސް މިމަރުހަލާގައި ބާރުއެޅިފައިވަނީ މިކަމުގައި އިޚުލާސްތެރިވުމުގެ މައްޗަށެވެ. އަޅުކަން ކުރަންޖެހޭނީ ހަމައެކަނި މާތްﷲއަށްކަމަށް ބަޔާންކޮށްދިނުމަށެވެ. އަދި މައްކާ މުޝްރިކުންނަށް، މިގޮތުގައި، އިޚުލާސްތެރިކަމާއެކު މާތްﷲއަށް އަޅުކަންކޮށް، އެއަޅުކަމާއި ގުޅިފައިވާ އަޚުލާގީ އަގުތައް ބަލައިގަތުމަށް ދައުވަތު ދެވިފައިވެއެވެ. މިމާނައިގައި ‘ދީން’ އެކިއެކި ސޫރަތްތަކުގައި ތަކުރާރުކޮށް ބޭނުން ކުރެވިފައިވެއެވެ. މިސާލެއްގެގޮތުން، އައްޒުމަރު ސޫރަތުގެ ދެވަނަ އާޔަތަށް ބަލައިލަމާތޯއެވެ. إنا أنزلنا إليك الكتاب بالحق فاعبدوا الله مخلصا له الدين މިއާޔަތަށެވެ. “ކަލޭގެފާނުންގެ މައްޗަށް (މުހައްމަދުގެފާނުގެ މައްޗަށް) (މި)ފޮތް (އެބަހީ ކީރތިޤުރުއާން) ހައްގުގޮތް  (އެފޮތުގައި) ހިމަނުއްވައި (މާނައަކީ، ހައްގަކީ ކޮބައިކަން އެފޮތުގައި ބަޔާންކުރައްވައި) ތިމަންރަސްކަލާނގެ ބާވާލެއްވީމުއެވެ. ފަހެ، ކަލޭގެފާނު (ހަމައެކަނި މާތް)ﷲއަށް އަޅުކަން ކުރައްވާށެވެ. އެކަލާނގެ ކިބަފުޅަށް ‘ދީން’، (ޔައުނީ އަޅުކަން،) ޚާލިސްކުރައްވާ ހާލުގައެވެ.” (ހަމަމިމާނައިގައި ދީން އަލްޢައުރާފު ސޫރަތުގެ އޮނަތިރީސްވަނަ އާޔަތުގައްޔާއި، ޔޫނުސު ސޫރަތުގެ ބާވީސްވަނަ އާޔަތުގައްޔާއި، އަލްޢަންކަބޫތު ސޫރަތުގެ ފަސްދޮޅަސް ފަސްވަނަ އާޔަތުގައްޔާއި، ލުޤްމާނު ސޫރަތުގެ ބައްތިރީސްވަނަ އާޔަތުގައްޔާއި އަދި އަލް މުއުމިނު ސޫރަތުގެ ސާދަވަނަ އާޔަތާއި ހަމަ އެސޫރަތުގެ ފަސްދޮޅަސް ފަސްވަނަ އާޔަތުގައިވެސް ބޭނުންކުރެވިފައިވެއެވެ.)

މިއަށްފަހު، އަޅުކަންކުރުމުގައި އިޚުލާސްތެރިވުމާބެހޭގޮތުން އިތުރު ވާހަކަތައް ބަޔާންކޮށްދީ ‘ދީން’ ކީރިތި ޤުރްއާނުގައި ބޭނުން ކުރެވިފައިވެއެވެ. އެއީ މައްކާގެ މުޝްރިކުން އެކަން ބަލައިގަނެ އިހުލާސްތެރި ކަމާއެކު މާތް ﷲގެ ކިބަފުޅަށް އަޅުކަންކުރޭތޯއެވެ. މިގޮތުން އެއްމެ ފުރަތަމަ ފާހަގަކޮށްލަދެވުނީ އިހުލާސްތެރިކަމާއެކު މާތްﷲގެ ކިބަފުޅަށް އަޅުކަން ކުރުމަކީ އިންސާނާގެ ފިތުރަތުގައިވެސް ލެއްވިފައިވާ ކަމެއްކަމެވެ. އަދިމިކަން ފާޅުވަނީ އިންސާނާއަށް ދަތިއުދާގޫ ހާލަތްތަކާ ކުރިމަތިވެ އެފަދަހާލަތްތަކުން ސަލާމަތްވާނޭ އެހެން އެއްވެސްގޮތެއް ނެތްކަން އިހުސާސުވާ ދަނޑިވަޅުތަކުގައެވެ. މިސާލެއްގެގޮތުން ކަނޑުވެ ސަލާމަތްވާނޭ އެއްވެސް އެހެން ގޮތެއްނެތި މަރާކުރިމަތިލާންޖެހޭ މީހާގެ ވާހަކަ ތަފާތު ސޫރަތްތަކުގައި ނަންގެނިވިފައިވެއެވެ. ލުޤްމާނު ސޫރަތުގެ 31 އަދި 32 ވަނަ އާޔަތުގައިވާ ފަދައިންނެވެ. ألم تر أن الفلك تجري في البحر بنعمة الله ليركم من آياته، إن في ذلك لآيات لكل صبار شكور. وإذا غشيهم موج كالظلل دعوا الله مخلصين له الدين فلما نجاهم إلى البر فمنهم مقتصد وما يجحد بآياتنا إلا كل ختار كفور. “ކަލޭގެފާނު (މުހައްމަދުގެފާނު) ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ ނައުފަހަރު ކަނޑުގައި، މާތްﷲގެ ފަޟްލުވަންތަކަމުން، ދުވެދާތަނެވެ. (މިކަމާމެދު، މައްކާގެ މުޝަރިކުން ވިސްނައި ފިކުރުކޮށްލުން އެންމެރަގަޅެވެ! އެއީ) އެކަމުން، އެކަލާނގެ (ކުޅަދުންވަންތަ ކަމުގެ) ހެކިތަކުގެ ތެރެއިން (ހެއްކެއް) ކަލޭމެންނަށް (މައްކާގެ މުޝްރިކުންނަށް) ދެއްކެވުމަށް ޓަކައެވެ. އެކަމުގައި، ކެތްތެރިވެ ޝުކުރުކުރާ މީހުންނަށް، އެތައް ހެކިތަކެއް ވެއެވެ. ދެން (ކަނޑުގަދަވެ،) ފަރުބަދަތަކެއް ފަދަ (ބޮޑެތި)ރާޅު އައިސް އެމީހުން ވަށާލައި ފޮރުވާލައިފި ހިނދު، އެމީހުން މާތްﷲ ކިބަފުޅަށް ދުއާކޮށް، ‘ދީން’ ޚަލާސްކޮށް (މާނައަކީ، އިހުލާސްތެރި ކަމާއެކު އަޅުކަންކޮށް، ސަލާމަތްވުމަށްއެދި)  ގޮވަތެވެ. ދެން، އެކަލާނގެ، އެމީހުން (ސަލާމަތުން) އެއްގަމަށް ފޯރުކޮށްދެއްވުމުން، އެމީހުންގެ ތެރެއިން އެއްބަޔަކު (އެކަމަށްޓަކައި މާތްﷲގެ ކިބަފުޅަށް) ޝުކުރުވެރިވިއެވެ. (އަދި އެމީހުންގެ ތެރެއިން އަނެއްބަޔަކު އެމީހުންނަށް މާތްﷲދެއްކެވި އިހުސާންތެރިކަން ހަނދާންނައްތާލިއެވެ.) އަދި (ތިމަންރަސްކަލާނގެ ދެއްވާ ނިއުމަތަކަށް) ޚިޔާނާތްތެރިވެ ޝުކުރު ނުކުރާ ކޮންމެމީހެއް ފިޔަވައި (އެހެން މީހަކު) ތިމަންރަސްކަލާނގެ ހެކިތަކަށް އިންކާރުކޮށް ދެކޮޅު ނުހަދާނެއެވެ.”(ނުނިމޭ )

 

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top