އޭދަފުށީގައި އަލަށް އިމާރާތް ކުރަން ވިދާޅުވި ހޮސްޕިޓަލް ކޮބައިތޯ؟

l_158278823660WPBs-800x566-800x566-1.jpg

ބ. އަތޮޅު ހޮސްޕިޓަލްގައި އަލަށް އިމާރާތްކުރާ ބައިގެ ކުރެހުން— ފޮޓޯ: ހެލްތު މިނިސްޓްރީ

މިސުވާލު ކުރަނީ ހަމައެކަނި އޭދަފުށީ ރައްޔިތުންނެއް ނޫނެވެ. މުޅި ބ.އަތޮޅެވެ. މި ސަރަހައްދުގެ ރަށްރަށުން އޭދަފުއްޓަށް ބޭސް ފަރުވާ ހޯދަން ކޮންމެ ދުވަހަކު އަންނަ އެތައް ބައެއްވެސް މެއެވެ. ހަމައެހެންމެ އޭދަފުށި ވަށައިގެން އޮތް 16 އަށްވުރެ ގިނަ ރިސޯޓުތަކުގެ ދޭސީންނާއި ބިދޭސީންނެވެ.

ބ.އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް އޭދަފުށީގައި ބޭއްވި ޚާއްސަ ޖަލްސާއެވެ. 2019 ވަނަ އަހަރު ޖުލައި 30ވަނަ ދުވަހުގެ ރެއެވެ. ރިޔާސަތުގައި އިންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވި އެެވެ.

”ބ.އަތޮޅު ހޮސްޕިޓަލްގައި އަލަށް އިތުރު ކުރެވޭ އާއިމާރާތް މި އަހަރުގެ ތެރޭގައި އަޅައި އަންނަ އަހަރު ޚިދުމަތް ދޭނެ” މިއީ ރައީސް ވިދާޅުވި އިބާރާތެވެ.

ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ 50 މިލިޔަން ރުފިޔާ ހަރަދު ކޮށްގެން އިމާރާތްކުރާ މި ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރު ނިންމައި ޚިދުމަތަށް ހުޅުވާލާއިރު ޕްރައިވެޓް ރޫމް ތަކާއި ފިޒިޔޮތެރަޕީއާއި ޑަޔަލިސިސްގެ އިތުރުން ސްކޭންގެ ހިދުމަތާއި ލެބޯޓަރީގެ ހިދުމަތް ލިބިގެން ދާނެކަމަށެވެ. ކޮންފަދަ އުފާވެރި ވާހަކަތަކެއްތޯއެވެ.

އޭދަފުށީގައި އިމާރާތް ކުރަން 2016ވަނަ އަހަރު ބަޖެޓްކުރެވިފައި އޮތް 4 ބުރީގެ ހޮސްޕިޓަލް އެހެން ރަށަކަށް ބަދަލު ކުރި ކަމުގެ ހިތާމައިގާ ތިއްބާ އެއަށްވުރެ މާ ފުރިހަމަ ހޮސްޕިޓަލެއް މީގެ 18 މަސްދުވަހުގެ ފަހުން އޭދަފުށީގެ ލޭންޑްމާކްގެ ގޮތުގައި ފެންނަން ހުންނާނެ ވާހަކަ އެވިދާޅުވީ ގައުމުގެ ރައީސުލްޖުމްހޫރިއްޔާއެވެ. ޝައްކު ކުރާނެ ޖާގައެއް ނެތެއް ނޫންތޯއެވެ.

މިވާހަކަފުޅު އަޅުގަނޑުގެ ސަމާލު ކަމަށް އައީ ރައީސް ސޯލިހު ދާދި ފަހުން ނައިފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި، ސަރުކާރުން ވީ ވައުދުތައް ފުއްދަމުން ގެންދަވާނީ އެއްވެސް ރަށެއް ތަފާތު ކުރުމެއްނެތި ކަމަށް ވިދާޅުވުމުންނެވެ. ނައިފަރުގައި މިވާހަކަ މިގޮތަށް ވިދާޅުވިއިރު އޭގެ ކުރިންވެސް އެކި މުނާސަބަތު ތަކުގައި ހަމަ މި އިބާރާތުން ”ސަރުކާރުން ވީ ވައުދުތައް ފުއްދަމުން ގެންދަވާނީ އެއްވެސް ރަށެއް ތަފާތު ކުރުމެއްނެތި” ކަމަށް ތަކުރާރު ވިދާޅުވެ އެވެ. އެކަމަކު ކަންތައް ހިނގަމުން ދަނީ މިހެން ބާއެވެ؟

އެހެންކަމަށްވާ ނަމަ 2020ވަނަ އަހަރު ނިމޭއިރު އޭދަފުށީގައި އިމާރާތް ކޮށް ޚިދުމަތް ދޭނެކަމަށް ވިދާޅުވި ފެންވަރު ރަނގަޅު ހޮސްޕިޓަލް ކޮބައިތޯއެވެ.؟ އެމަނިކުފާނުގެ ދައުރުގެ 4 ވަނަ އަހަރު ގުނެވެމުން ދާއިރު އޭދަފުށި ހަނދުމަފުޅު ނައްތާލައްވައިފި ކަމަށް ދެންނެވުން އުނދަގޫ ވިޔަސް ހަގީގަތަކީ އެއީއެެވެ.

މިއަހަރުގެ ބަޖެޓުގައި ރާއްޖޭގެ 60 ރަށެއްގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތައް ޒަމާނީ ފެންވަރަށް ހަދަން 448 މިލިއަން ރުފިޔާ ހިމަނާފައިވާއިރު އޭގެ ތެރޭގައިވެސް އޭދަފުއްޓެއް ނެތެވެ. އެހެންވީމާ ވައުދުތައް ފުއްދަމުން ގެންދަވާނީ އެއްވެސް ރަށެއް ތަފާތު ކުރުމެއްނެތިއޭ ވިދާޅުވުމުން ހިތަށް އައި ހާސަރެކެވެ.

ހަމަ އެޖަލްސާގައި، ބ.އަތޮޅުގައި ފަތުރުވެރިކަން ފުޅާވަމުން އަންނަ ނިސްބަތަށް ބަލާއިރު ވެސް އެ އަތޮޅުގައި ސިއްހީ ހިދުމަތްތައް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ.

ތެދުފުޅެކެވެ. ފަތުރުވެރިކަން ފުޅާވަމުން އަންނަ ނިސްބަތަށް ބަލާއިރު އޭދަފުށީގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ހުރުން މުހިއްމެވެ. އެއީ ވަށައިގެން އޮތް 16 ލަގްޒަރީ ރިސޯޓަށް ޒިޔާރަތް ކުރާ މަލްޓި މިލިޔަނަރުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. މުޅި މިސަރަހައްދުގެ ސިއްހި ނިޒާމަށްވެސް ލިބޭނެ ކުރިއެރުމެކެވެ.

ބ.އަތޮޅުގެ ފައިވްސްޓާރ ރިސޯޓްތަކަށް އަންނަ ފަތުރުވެރިން ތެރެއިން އަމިއްލަ ޖެޓްތަކުގައި ރާއްޖެއައިސް ރިސޯޓުން ފުރުމާ ހަމައަށް އުޅެމުން ގެންދަނީ ފައިވްސްޓާ ފެންވަރުގައެވެ. އެކަމަކު ދިމާވާ އެކްސިޑެންޓްތަކާއި އިމަޖެންސީ ހާލަތްތަކުގައި އެންމެ ކައިރިން ޚިދުމަތް ލިބެން ހުރި ބ.އަތޮޅު ހޮސްޕިޓަލް ހުރީ އާދައިގެ ހެލްތު ސެންޓަރެއްގެ ފެންވަރުގައި ނިވާވެލާނެ ކޮޓަރިގަނޑެއްވެސް ނެތް ހާލުގައެވެ. މިދައްކަނީ ބިލިޔަނަރުންނާއި އިންޓަނެޝަނަލް ސެލެބްރިޓީންގެ އިތުރުން ގައުމުތަކުގެ ސިޔާސީ ލީޑަރުން ޗުއްޓީ ހޭދަކުރަން އަންނަ ރިސޯޓުތަކާ ކައިރީގައި ހުންނަ ސިއްހީ ޚިދުމަތް ދޭ ބ. އަތޮޅު ހޮސްޕިޓަލްގެ ހާލު ހުރި ގޮތެވެ. އެކަމަކު ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމުގައި ބުނެއުޅެތެވެ.

ބ.އަތޮޅު ހޮސްޕިޓަލްގެ ތަންކޮޅެއް ދުރު މާޒީއަށް ޖެހިލާއިރު، އޭރުވެސް އެތަނުގައި ޕްރައިވެޓް ކޮޓަރިއެއް ނެތުމުގެ އުނިކަން ފާހަގަވެއެވެ. ރިސޯޓުތަކުންނާއި ރަށްރަށުން އަންނަ މީހުން، އާދައިގެ ވޯޑެއްގައި ދެ ޖިންސު އެއްކޮށް ތިބެން ޖެހުމުގެ ޝަކުވާ އޮވެ އެވެ. އެކަން ހައްލު ކުރުމުގެ ގޮތުން މައުމޫން ދައުރުގެ ފަހުކޮޅު އެތަނުގައި ޕްރައިވެެޓް ކޮޓަރިތަކެއް އެޅޭތޯ ހޮސްޕިޓަލުން މަސައްކަތް ކުރެއްވި ކަމަށް މިހާރު ބ. އަތޮޅު ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ހެޑް.ގެ މަގާމުގައި ހުންނެވި ސިދުގީ އަބްދުﷲ ވިދާޅުވިއެވެ.

”މައުމޫން ދައުރުގައި އިލްޔާސްގެ ހެލްތު މިނިސްޓަރު ކަމުގައިވެސް އަޅުގަނޑުމެން އައީ މިމަސައްކަތް ކުރަމުން. ޑރ. ވަހީދުގެ ސަރުކާރުގައި ޑރ. ޝަކީލާގެ ހެލްތް މިނިސްޓަރު ކަމުގައިވެސް މަސައްކަތް ކުރިން. ހަމަ ދެންމެ ބިންގާ އަޅާފާނެހެން ވެސް ހީވި. އެކަމަކު އެހެންނެއްވެސް ނުވިތާ!“ 2017ވަނަ އަހަރު ސެޕްޓެމްބަރު 11ވަނަ ދުވަހު ސިދްގީ ވިދާޅުވިއެވެ.

އޭދަފުށީގެ އުތުރުން ޖެހިގެން އޮތް ސޮނެވާފުށި ރިސޯޓުން ވެސް ހޮސްޕިޓަލުގައި ރޫމްތަކެއް އަޅަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެއްބަސްވުމަކަށް ނާދެވި އެކަންވެސް ފޭލިވީއެވެ.

މި ހޮސްޕިޓަލު ތަރައްގީކޮށް ރޫމްތަކެއް އެޅުމަށް ބ.އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމުގައި މުހައްމަދު އާދިލު ހުންނެވި ދައުރުގައި ވެސް މަސައްކަތް ކުރެއްވިއެވެ.

”އެކަން ވާގޮތެއްނުވި. ހެލްތު މިނިސްޓްރީން ބުނަނީ މިހޮސްޕިޓަލް ތަރައްގީކުރާނެކަމަށް އަދި ވަރަށް އަވަހަށް އެތަނުގައި ޕްރައިވެޓް ކޮޓަރިއެޅުމަށް ނިންމާފައިވާކަމަށް، އެކަމަކު އަދިވެސް އެކަމެއްނުވޭ.” އާދިލް ވިދާޅުވިއެވެ.

ހޮސްޕިޓަލް ހިންގަން ތިއްބެވި ބޭފުޅުންނާއި އަތޮޅު ކައުންސިލާއި ހޮސްޕިޓަލުން ފަރުވާ ހޯދަން ކޮންމެ ދުވަހަކުހެން އަންނަންޖެހޭ ރިސޯޓުތަކުގެ މުވައްޒަފުން ހޮސްޕިޓަލް ތަރައްގީ ކުރަން މަސައްކަތްތަކެއް ކުރައްވައިފިއެވެ.

އޭގެ ފަހުން ބ.އަތޮޅު ހޮސްޕިޓަލް ތަރައްގީކުރާ ވާހަކަ އެންމެ ބާރު ލައްވާފައި ވިދާޅުވީ ރައީސް ސޯލިހެވެ. ހޮސްޕިޓަލު އޮތް ހާލު ފެނިވަޑައިގެން ދެރަފުޅުވެގެން ވިދާޅުވެވުނީ ކަމަށް ވެދާނެއެވެ. އެކަމަކު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އޭދަފުށީގައި 2019ވަނަ އަހަރު ޖަނަވަރީ 21ވަނަ ދުވަހު އޮތް ޖަލްސާއެއްގައި ވިދާޅުވިފަދައިން ބަޖެޓްގައި ފައިސާ ނެތަސް ރައްޔިތުންނަށް ބޭނުންވާ ސިއްހީ ފަރުވާ ހޯދޭނެ ގޮތް ހަމަޖައްސަން ޖެހެއެވެ.

”ބ. އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ ލެބޯޓަރީ އާއި އެހެން ވަސީލަތްތަށް ގާއިމްކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ. ބަޖެޓުގައި ފައިސާ ނެތަސް.” އަމީން އިތުރަށް ވިދާޅުވިއެވެ.

ދެން އައީ 2020ވަނަ އަހަރުގެ ފެބްރުވަރީ 26ވަނަ ދުވަހެވެ. ޚަބަރު ފަތުރާ ވަސީލަތްތަކުގެ ބޮޑު ހަބަރެއްގެ ގޮތުގައި އެދުވަހު ފެނިގެން ދިޔައީ އޭދަފުށީގެ އިތުރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކެއް އިމާރާތް ކުރުމުގެ ނިކަން ރީތި ކުރެހުން ތަކެކެވެ.

މާލޭގެ މާގިރި ހޮޓަލުގައި ބޮޑު ރަސްމިއްޔާތެއް ބާއްވައިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މި ޕްލޭން ތައާރަފު ކޮށްދެއްވަމުން ވިދާޅުވީ ބ.އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތާއެކު މިހާރު ބޭނުންކުރާ އިމާރާތުގެ ބޮޑު ބައެއް ކުރިއެކޭ ވެސް އެއްގޮތަށް ބޭނުންކުރާނެ ކަމަށެވެ.

ހޮސްޕިޓަލަށް އަލަށް އިތުރު ކުރެވޭ ބައި ފަރުމާކޮށްފައި ވަނީ ޒަމާނާ އެއްގޮތަށް ޖުމްލަ 55 އެނދުގެ ހޮސްޕިޓަލެއްގެ ގޮތަށެވެ. ޖުމްލަ 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމާއި ހަ ޕްރައިވެޓްރޫމްގެ އިތުރުން ތިން އެނދުގެ އެންއައިސީޔޫ، ތިން އެނދުގެ އައިސީޔޫ، ދެ އޮޕަރޭޝަން ތިއޭޓަރު އަދި 12 އެނދުގެ އަށް ވޯޑު ހިމެނިގެންދާ ގޮތަށެވެ.

އޭގެ އިތުރުން ޑައިގްނޯސްޓިކް ހިދުމަތް ދިނުމަށް ބޭނުންވާ ތަހުލީލުތައް ހެދުމަށް ޓަކައި ޖާގަ ތަނަވަސް ލެބޯރެޓަރީ، އެކްސްރޭ ރޫމް އަދި އަލްޓަރާ ސައުންޑް ސްކޭން ހެދުމަށް ބޭނުންވާ ޖާގަތައް ހިމެނިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރީތި ހޮސްޕިޓަލެއްގެ ކުރެހުން ދައްކައިގެން ރައްޔިތުންގެ އިހުސާސްތަކާ ކުޅެލީއެވެ. އޭގެ 8 މަސް ފަހުން، އޮކްޓޫބަރު 15ވަނަ ދުވަހު ބިދޭސީ ކުންފުނިތައްވެސް ހިމެނޭ ގޮތަށް އަނެއްކާވެސް ކޮންޓްރެކްޓަރު ފައިނޭންސް ކުރާގޮތަށް ބ.އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް، އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނު ކުރެއްވިއެވެ.

ކޮންމެ ގޮތަކަށް އިއުލާނު ކުރެއްވި ނަމަވެސް ބ.އަތޮޅު ހޮސްޕިޓަލުގައި އާ އިމާރާތެއް އެޅުމަކީ 2020 ވަނަ އަހަރާއި 2019 ވަނަ އަހަރުވެސް ބަޖެޓުގައި ހިމަނާފާއިވާ މަޝްރޫއެކެވެ.

އޭދަފުށީގައި އިމާރާތް ކުރާނެކަމަށް ވިދާޅުވި 53 އެނދުގެ ހޮސްޕިޓަލުގެ އެތެރެ ހުންނާެނެގޮތުގެ ކުރެހުމެއް–ފޮޓޯ :ހެލްތު މިނިސްޓްރީ

ޚިދުމަތުގައި މެދުކެނޑުމެއް ނެތި 53 ވަނަ އަހަރު ގުނެމުންދާ ބ.އަތޮޅު ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމަށް އޮތް ހުރަހަކީ އަތޮޅު ހޮސްޕިޓަލްތައް ގިންތި ކުރެވިފައިވާ ގޮތުން ކަމަށް ބ. އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރު އަހުމަދު ވަހީދު ކުރިން ވިދާޅުވިއެވެ. އެއުސޫލުން ހޮސްޕިޓަލަކުން ލިބެންޖެހޭ ހިދުމަތްތައް މިތަނުން ލިބޭ ކަމަށް ވަހީދު ފާހަގަ ކުރެއްވި އެވެ.

އެހެންކަމަށް ވާއިރު ރައީސުލް ޖުމްހޫރިއްޔާ އާއި ސަރުކާރުގެ މިނިސްޓަރުން، މި ހޮސްޕިޓަލް ތަރައްގީ ކޮށް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލު ކޮށްލާ ވާހަކަ ދައްކަަނީ ކީއްވެގެން ހެއްޔެވެ.

3ވަނަ ދަރަޖައިގެ ހޮސްޕިޓަލެއްގެ ގޮތުގައި ގިންތި ކުރެވިފައި އޮތަސް، އާމްދަނީގެ ގޮތުންބަލާއިރު އެއީ އަތޮޅު ހޮސްޕިޓަލު ތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދާ ހޮސްޕިޓަލު ކަން ހަނދާން ނައްތާލައިގެން ނުވާނެ އެވެ. ވޭތުވެ ދިޔަ 2020 ވަނަ އަހަރު މި ހޮސްޕިޓަލުން އަހަރަކު 4 މިލިޔަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ކަމަށް ދައުލަތުގެ ބަޖެޓްފޮތް ހެކިދެއެވެ.

2014 ވަނަ އަހަރު އަހަރުން ފެށިގެން އޭދަފުށީގައި ހޮސްޕިޓަލެއް އިމާރާތް ކުރާ ވާހަަކ ދެކެވެމުން ދެއެވެ. ބަޖެޓުގައި ވެސް ހިމަނައެވެ.ގައުމުގެ ރައީސް  ވަނީ ތާރީހު ކަނޑައަޅުއްވައި އެތާރީހަށް ނިމޭނެކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުގެ ވަޒީރުން ވަޑައިގެން ހޮސްޕިޓަލް ތަރައްގީ ކުރުމުގެ އެކި މަރުހަލާތަކަށް ތާރީހު ދެއްވައި ނިންމާނެ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރއިން ބައެއް ވަޒީރުން ވީތަނެއްވެސް މިހާރަކު ނޭނގެ އެވެ. އެހެންނަމަވެސް ސަރުކާރު އެބައޮތެވެ. ސިއްހީ ނިޒާމަށް މީން ޒަމާނަކުވެސް ނާންނަ ވަރުގެ ބޮޑު ކުރިއެރުމެއް އަތުވެއްޖެކަމަށް އެބޭފުޅުން ވިދާޅުވަމުން ދާއިރު ބ.އަތޮޅު ހޮސްޕިޓަލުގެ މަތިން ހަނދުމަފުޅު ނެތުނީކަމަށް ބަލައިގެން ނުވާނެއެވެ. އެއަޑުތައް ސަރުކާރަށް އިއްވުމުގެ ޒިންމާ ނަންގަވައިގެން ތިއްބެވި ބަޔަކުވެސް އެބަތިއްބެވެ. އެއިން އެއްވެސް ފަރާތަކުން މި ޒިންމާ ނުނަންގަވާނަމަ ދެން ޖެހޭނީ ވެރިންނަށް އަޑުއިވޭ ގޮތަށް ”އޭދަފުށީގައި އިމާރާތް ކުރަން ވިދާޅުވި ހޮސްޕިޓަލް ކޮބައިތޯއޭ“ ދަންނަވާށެވެ. އެކަމަކު އެމަންޒަރު މާރީއްޗެއް ނުވާނެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top