ތުޅާދޫގައި ސަރުކާރުން އިމާރާތްކުރި 100 ހައުސިން ޔުނިޓު ހައްގުވެރިންނަށް ދިނުމުގެ މަސައްކަތުގައި އެ ރަށު ކައުންސިލުގެ އެއްބާރުލުން ނުލިބިގެން އެމަސައްކަތް ހައުސިން މިނިސްޓްރީން ކުރާ ގޮތަށް ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހައުސިން ޔުނިޓުތައް ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ފޯމުތައް އިވެލުއޭޓުކޮށް، ހައުސިން ޔުނިޓުތައް ހަވާލުކުރުމުގެ މަސައްކަަތް، ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ހަވާލުކޮށްފައި އޮތީ ތުޅާދޫ ކައުންސިލާ ކަމުގައެވެ.
ނަމަވެސް ތުޅާދޫ ކައުންސިލުން އެންމެ ފުރަތަމަ އެކުލަވައިލި އުސޫލަށް އެ ކައުންސިލުން ގެނައި އިސްލާހުތަކަކީ ބާތިލު އިސްލާހުތަކެއް ކަމަށް ކަނޑައަޅައި، އެ އިސްލާހަށް ބިނާކޮށް އޮކްޓޯބަރު 09، 2023 ގައި ތުޅާދޫ ކައުންސިލުގެ އިދާރާއިން ޝާއިއުކުރި ވަގުތީ ލިސްޓަކީ ބާތިލު ލިސްޓެއްކަމަށް ކަނޑައަޅައިދިނުމަށް ހުށަަހެޅި މައްސަލައެއްގައި، ބ.ތުޅާދޫ މެޖިސްޓްރޭޓު ކޯޓުން އެ އިސްލާހުތަކަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ހައުސިން މިނިސްޓްރީގެ ލަފައާ ހިލާފު އިސްލާހަކަަށްވާތީ ބާތިލު އިސްލާހުތަކެއް ކަމުގައި ކަނޑައަޅާފައިވެއެވެ. އެހެންވެ އެ ކޯޓުން އަމުރުކޮށްފައިވަނީ 11 މޭ 2022 ގައި އާއްމުކުރި އުސޫލަށް އަމަލުކުރުމަށެވެ.
ކޯޓުގެ ހުކުމް އިސްތިއުނާފުކުރުމަށް ސެޕްޓެންބަރު 11، 2024 ވަނަ ދުވަހު ތުޅާދޫ ކައުންސިލުން ނިންމުމަށްފަހު، ޖެހިގެން އައި އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު އިސްތިއުނާފު ނުކުރުމަށް ނިންމިއެވެ. އަދި ކޯޓުގެ ނިންމުން ކައުންސިލުން އިސްތިއުނާފުކޮށްފައި ނުވަނީސް އިސްތިއުނާފުގެ މުހުލަތު ހަމަވެ، އެ ނިންމުމަކީ ނިހާއީ ނިންމުމަކަށް ބަދަލުވެފައިވެއެވެ.
މިނިސްޓްރީން ބުނީ ކައުންސިލުން އުސޫލަށް ގެނައި އިސްލާހުތަކަކީ ބާތިލު އިސްލާހު ތަކެއްކަމަަށް ކޯޓުން ކަނޑައެޅި ނިންމުން ނިހާއީ ހުކުމަކަށްވެ، 11 މެއި 2022 ގައި އާއްމުކުރި އުސޫލަށް އަމަލުކުރުން ލާޒިމުވުމާ ގުޅިގެން 21 ޖުލައި 2022 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލަށް ހުށަަހެޅި ފޯމުތައް އިވެލުއޭޓު ކުރުމަށް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
ތުޅާދޫގައި އަޅާފައިވާ 100 ހައުސިން ޔުނިޓު ދިނުމަށް ކައުންސިލުން 18 ސެޕްޓެންބަރު 2025 ގައި ނެރުނު ދާއިމީ ލިސްޓު ބާތިލުކޮށް، ކޯޓުގެ ހުކުމާ އެއްގޮތަށް މެއި، 11 2022 ގައި އާއްމުކުރި އުސޫލާއި، މިނިސްޓްރީގެ އުސޫލުގައި އަމަލުކުރުން ލާޒިމުކޮށްފައިވާ ކަންކަމަށް ރިއާޔަތް ކޮށްގެން އަލުން ފޯމުތައް އިވެލުއޭޓުކޮށް، މިނިސްޓްރީއަށް އަންގައިދިނުމަށް ކައުންސިލުގައި އެދިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ނަމަވެސް ފާއިތުވި މުއްދަތުގައި ތުޅާދޫ ކައުންސިލުން މި މައްސަލައަށް އެއްވެސް ހައްލެއް ހުށަހަޅާފައި ނުވެއެވެ. އަދި މި ޔުނިޓުތައް ވީހާވެސް އަވަހަކަށް ހައްގުވެރިންނަށް ދިނުމަށް ސަރުކާރުން އަމާޒު ހިފާފައި އޮތް ނަމަވެސް، ކައުންސިލުން އަމަލުކުރާ ގޮތުގެ ސަބަބުން އެކަމަށް ހުރަސް އެޅިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
މިކަމުގެ ސަބަބުން ފުލެޓުތަކުގެ ހައްގުވެރިންނަށް ގެއްލުންވަމުންދާ ކަމަށާއި، އަދި އެ އިމާރާތް ބޭނުންނުކުރެވި ލަސްވާނަމަ އެތަން ހަލާކުވެ ތަކެއްޗަށް ގެއްލުވުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، އެތަންތަަން ހަވާލުކުރުން ލަސްވާނަމަ އިމާރާތްތައް ބަލަަހައްޓައި މަރާމާތު ކުރުމަށް ބޮޑު ހަރަދެއްވެސް ކުރަންޖެހި ދައުލަތަށް އިއާދަ ނުކުރެވޭ މިންވަރުގެ ގެއްލުންވާ ކަމަށެވެ.
މި ހައުސިން ޔުނިޓުތަކުގެ މައްސަލަ ހައްލުކުރުމުގައި ކުރިއަށްދެވޭނެ އެއްވެސް މަގެއް ތުޅާދޫ ކައުންސިލުން ފަހިކޮށްދީފައިނުވާކަން ފާހަގަކުރަމުން މިނިސްޓްރީން ބުނެފައިވަނީ، ފުލެޓުގެ ހައްގުވެރިން ކަނޑައެޅުމަށް ތުޅާދޫ ކައުންސިލާ މަތިކުރި ޒިންމާއާއި މަސްއޫލިއްޔަތު ތައް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އަދި ދެން ހައުސިން ޔުނިޓުތައް ހަވާލުކުރުމުގެ މަސައްކަތްކުރާނީ މިނިސްޓްރީން އެކުލަވާލައި އާއްމުކުރާ އުސޫލާ އެއްގޮތަށް ފޯމު ހުށަހެޅުމުން އިވެލުއޭޓު ކުރުމަށްފަހު އެ މިނިސްޓްރީން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.





