ދަރަވަންދޫއަށް ހޯމް މިނިސްޓްރީން ދިން 3 ލައްކަ ރުފިޔާއިން މަގުބައްތި ޖަހަން ފަށައިިފި

113454313.jpg

ބ. ދަރަވަންދޫ. ހޯމް މިނިސްޓްރީން ދެއްވި 3 ލައްކަ ރުފިޔާއިން އެރަށުގެ މަގު ބައްތިޖެހުމުިގެ މަސައްކަތް މިހާރުވަނީ ފަށާފައި / ފޮޓޯ: ބުކިންގް ޑޮޓްކޮމް

ރަށްރަށުގައި އިޖްތިމާޢީ ގޮތުން ހިންގާ ކުދިކުދި މަޝްރޫޢުތަކަށް ހޯމް މިނިސްޓްރީން މިއަހަރު ދިން އެހީގެ ތެރެއިން ބ. ދަރަވަންދޫއަށް ދެއްވި 3 ލައްކަ ރުފިޔާއިން އެރަށު މަގު ބައްތި ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.

ބ. ދަރަވަންދޫ ކައުންސިލުން ބުނީ ހޯމް މިނިސްޓްރީން 3 ލައްކަ ރުފިޔާ ދެއްވި މިޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހި ފެށިގެން ކުރިޔަށް އެބަދާކަމަށާ، މި ޕްރޮޖެކްޓްގެ ދަށުން ރަށުގެ މަގުތަކުގައި 37 މަގުބައްތި ޖަހާނެކަމަށެވެ. ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ މާޖިދު އީވީއަށް ވިދާޅުވީ މިޕްރޮޖެކްޓްގެ މުޅިއަގު ހަލައްކަ ސާޅީސްހާސް ރުފިޔާއަށްވުރެ ބޮޑުވާނެކަމަށާ، އިތުރަށް ހަރަދުވާ ފައިސާ ނަގާނީ ކައުންސިލްގެ ބަޖެޓުންކަމަށެވެ.

“މިހާރު ހޮޅި ދަނޑިތައް ހެދުމަށް ބަޔަކާ މިވަނީ ހަވާލުކުރެވިފައި. ދެން ކޭބަލްވެސް ގެނައުމުގެ މަސައްކަތް ކުރިޔަށް އެބަދޭ. އެންމެ ފުރަތަމަ ހޮޅިދަނޑި މިހާރު ޖަހާނިމިފައި މިވަނީ އެއާޕޯޓަށް ދާ ތާރުމަގުގައި. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ބާކީހުރި ސަރަހައްދުތަކުގެ މަސައްކަތްވެސް ފެށިގެންދާނެ” މާޖިދު ވިދާޅުވިއެވެ.

މާޖިދު ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ ދަށުން 37 މަގުބައްތި ޖެހިނަމަވެސް ދެވަނަ ފިޔަވައްސާއެކު މިޕްރޮޖެކްޓްގެ ދަށުން ދަރަވަންދޫގެ މަގުތަކުގައި ޖުމްލަ 50 މަގުބައްތި ޖަހާނެކަމަށެވެ. އޭނާ ވިދާޅުވީ މިޕްރޮޖެކްޓް ނިމުމުން ދަރަވަންދޫގެ މަގުމަގާ އާންމު ސަރަހައްދުތަކުގެ ތެރެއިން މިވަގުތައް ނިންމަންޖެހިފައިވާ މަގުބައްތި ޖަހާ ސަރަހައްދުތައް ކަވަރުކުރެވިގެންދާނޭކަމަށެވެ.

ރަށްރަށުގައި އިޖްތިމާޢީ ގޮތުން ހިންގާ ކުދިކުދި މަޝްރޫޢުތަކަށް އެހީތެރިވެދިނުމުގެ ގޮތުން ހޯމް މިނިސްޓްރީން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގެ ބޭނުން ހިފައިގެން ޕްރޮޕޯސަލް ހުށަހެޅި ބ. އަތޮޅުގެ 3 ރަށަކަށް މިއަހަރު ފައިސާގެ އެހީ ލިބުނެވެ. އެގޮތުން ދަރަވަންދޫއަށް ތިންލައްކަ ރުފިޔާ ލިބުނު އިރު، ތުޅާދުއާ މާޅޮހަށް ދެލައްކަ ފަންސާސްހާހަށްވުރެ ގިނަ ރުފިޔާ ލިބުނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top