ތަރާވީސް ނަމާދުގައި ޤުރްއާން ޚަތިމުކުރުމަކީ ކޮންމެހެން އޮންނަ ކަމެއް ނޫން ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން މިއަހަރުގެ ރޯދަމަހަސް ޚާއްސަކޮށްގެން ގެނެސްދޭ ”މޫރިތި މަސް“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އުސްތާޒް މައުމޫން ވިދާޅުވީ ރަމަޟާންމަހުގެ ރޭތަކުގައި ޤުރްއާން އެއްކޮޅުން އަނެއްކޮޅަށް ކިޔަވައި ނިންމަންޖެހޭނެ ކަމަށް އޮންނަ އެއްވެސް ދަލީލެއް ފެނިފައިނުވާ ކަމަށެވެ.
މައުމޫން ވިދާޅުވީ ޚަތިމު ކުރުމަކީ ވަކި ސުންނަތެއް ވެސް ނޫން ކަމަށާއި އެއީ އޮތްކަމެއް ނޫން ކަމަށެވެ.
”ތިޔަބައިމީހުންނަށް ފަސޭހަވީ ތަނެއް ޤުރްއާނުން ކިޔަވާށޭ އަންގަވާފަ އޮންނަނީ.“
”އަޅުގަނޑުމެން (ޚަތިމް) ކުރަނީ ގިނައިން ކުރީމަ އޭގެ ބަރަކާތް ހާސިލުވާނެ ކަމަށް ބަލާފައި. އެއީ ހަމަ ވަރަށް ރަނގަޅު ކަމެއް. އެހެން ނަމަވެސް އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ނޫން. ޤުރުއާން އެއްކޮޅުން އަނެއް ކޮޅަށް ނިންމުމަކީ ވަކި މުއްދަތެއްގެ ތެރޭގައި ކުރަން ޖެހޭނެ ކަމެއް ނޫން.” މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޤުރްއާން ގިނައިން ކިޔެވި ވަރަކަށް ސަވާބު ލިބޭނެ ކަމަށާއި ގުރުއާން ކިޔަވާއިރު ކިޔަވަން ވާނީ ކިޔަވާ އެއްޗަކާ މެދު ވިސްނައި އެއިން ފައިދާއެއް ކުރާނެ ގޮތަކަށް ކަމަށެވެ. އަވަސް އަރުވާލައިގެން ގުރުއާން ކިޔެވުމުން އޭގެ ސަވާބު ވެސް ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.
މައުމޫން އިތުރަށް ވިދާޅުވީ އަޅުކަންތަކަށް ވަކި ޚާއްސަ ވަގުތެއް އޮންނާނެ ކަމަށާއި ރޯދައަށް ހުންނަންޏާ އެއީ ފަޖުރުލީއްސުރެ އިރު އޮއްސިއްޖައުމަށް ދާންދެން ކަމަށާއި ނަމާދުކުރާ ވަގުތުވިއްޔާ އެ ނަމާދެއް ކުރާ ވަގުތު ކަމަށެވެ. އަދި އެ ނޫން ވަގުތުތަކުގައި އެ މީހާގެ ދިރިއުޅުން ކުރިއަށް ގެންދަން މަސައްކަތް ކުރުމަކީ ވާޖިބެއް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.