އޭދަފުށީ އަންހެނުންގެ ކޮމެޓީން ފަހަން ދަސްކޮށްދޭ ކޯހެއް ފަށައިފި

viber_image_2023-02-12_12-54-45-507.jpg

ފަހަން ދަސްކޮށްދޭ ކޯހުގެ ބައެއް ބައިވެރިން

އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އޭދަފުށިީގައި ބޭސިކް/ އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯހެއް ފަށައިފިއެވެ.

25 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯސް އިއްޔެ ފަށާފައިވާ އިރު ކޯހުގައި އޭދަފުށީގެ 30 ކަނބަލުން ބައިވެރިވި އެވެ.

މި ކޯހުގައި ކިޔަވައިދެއްވަނީ ރާއްޖޭގެ މަޝްހޫރު، އައިފާސް ޑްރީމްގެ އޯނަރު އަދި ރާއްޖޭގެ އެތައް ރަށެއްގެ ކަނބަލުންނަށް ފަހަން ދަސްކޮށްދިފައިވާ ތަޖްރިބާކާރު ފެހުންތެރިޔާ އާފިޔާ ޔޫސުފެވެ.

އަންހެނުން ކޮމެޓީގެ ރައީސް ޒީމާ އިބްރާހީމް ވިދާޅުވި ގޮތުގައި މި ކޯހުގެ ބޭނުމަކީ އޭދަފުށީ އަންހެނުންނަކީ ފެހުމުގެ ރޮނގުން ކުރިއަރާފައިވާ ބަޔަކަށް ހެދުން ކަމުގަ އެވެ. ފެހުމާއި އަތްތެރި މަސައްކަތުގައި ކުރިއަރާފައިވާ ބަޔަކަށް އޭދަފުށީ ކަނބަލުން ހެދުމަކީ މިކޮމެޓީގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ބައެއްކަން އޭނާާ ފާހަގަކުރެއްވި އެވެ.

ހަމަ އެހެންމެ މި ކޯސް ހިންގުމުގައި އަންހެނުންގެ ކޮމެޓީއާއި އެންމެ ގާތުން ބުރަކޮށް މަސައްކަތް ކުރެއްވި އޭދަފުށީ ކައުންސިލުން ފަންނީ ގޮތުންނާއި މާލީ ގޮތުން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް ރަށު ކައުންސިލަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

”ކޯހުގެ ބައިވެރިންގެ ފަރާތުން އަޅުގަނޑު އެދެން ތިޔަ ކަނބަލުން ދަސްކުރި އެއްޗެއްގެ ބޭނުން ހިއްޕެވުމަށް. ފޮތެއް އޮތަކަސް އެދުރެއް ނުވާނެއޭ ބުނާ އުސޫލުން އެއްޗެތި ތަކެއް ދަސްވިއެއްކަމަކު އޭގެ ބޭނުން ނުކުރާނަމަ އޭގެ ފައިދާއެއް ނުކުރާނެ.“ޒިމާ ވިދާޅުވި އެވެ.

ޒީމާ ވިދާޅުވީ އޭދަފުށީގައި މީގެ ކުރިންވެސް ފަހަން ދަސްކޮށްދޭ ބޭސިކް ކޯސްތަކާއި އެޑްވާންސް ލެވެލްގެ ކޯސްތައް ވަރަށް ގިނައިން ހިންގައި އެކޯސްތަކުން ސެޓްފިކެޓް ހޯދާފައިވާކަމަށާއި އެކަމަކު އެދެވޭ ނަތީޖާ ފެންނަމުން ނުދާ ކަމުގައެވެ.

”ކަނޑައިގެން ފަހަން ދަސްކޮށްފި ކަމުގެ ސެޓްފިކެޓް ހޯދައިގެން ގެއަށްގޮސް އަމިއްލަ ހެދުން ފަހަން މި ދެވެނީ އެހެން މީހެއްގެ އަތަށް. އެއީ އެކަން ވާންޖެހޭނެ ގޮތެއްނޫން.“

ޒީމާ ވިދާޅުވީ މިއީ ހިތާމަ ހުރި ކަމެއް ކަމަށާއި މި ކޯސް ފުރިހަމަ ކުރާ ބައިވެރިން އަމިއްލަ ހެދުން އަމިއްލައަށް ފެހުން އުފަލަކަށް ހެއްދެވުމަށް އެދޭ ކަމަށެވެ.

ބޭސިކް/އެޑްވާންސް ލެވެލް އަށް ފަހަން ދަސްކޮށްދޭ މި ކޯސް ފުރިހަމަ ކުރައްވާ ބައިވެރިންނަށް ކޯސް ފުރިހަމަ ކުރުމުން ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top