ކިހިނެއް އޮތީ މާހެފުން ؟

viber_image_2022-03-26_22-17-19-753.jpg

''ހިސާބުގަނޑު އެންމެންގެ މާހެފުން ''ގެ ނަމުގައި އޭދަފުށީގައި ބޭއްވި މާހެފުމެއް

ކިހިނެއް އޮތީ މާހެފުން. ކޮބާ މާހެފުމެއްނެތް؟، ރޯދަމަސް ކައިރިވާ ވަރަކަށް އެންމެ ގިނައިން އިވޭ އަޑެވެ. އެކަކު އަނެކަކާ ބައްދަލުވާ ހިނދު ދުލުކުރީގައި އޮންނަ ފުރަތަމަ ބަހެވެ.

އާއެކެވެ. މާހެފުން އޮންނަން ވާނެއެވެ. އެއީ ކުރަން ޖެހޭ ކަމެކެވެ. އިޖްތިމާއީ ގުޅުންތައް ވަރުގަދަވެ އެކަކު އަނެކަކުގެ ހާލު އަހުވާލު އެނގި އެންމެން އެކުގައި އެއް ސުފުރާއެއްގެ މަތިން ބައްދަލުވުމަށް ވުރެ އުފާވެރިކަމައް އޮންނާނެ ހެއްޔެވެ. އެހެންވެގެންނެވެ.

ރަމަޟާން މަހަށް މަރުހަބާކިއުމުގެ ގޮތުން ބޭއްވޭ މިސަގާފަތަށް ބަދަލުތަކެއް އަތުވެއްޖެ އެވެ. ކޮންމެ ކަމެއްވެސް ޒަމާނާއެކު ބަދަލުވެގެންދާ ފަދައިންނެވެ.

އެއީ މައްސަލައެއް ނޫނެވެ. ދިރުންހުރި ކޮންމެ ކަމެއްވެސް ބަދަލުވެގެން ދިއުމަކީ އިންސާނީ ސުންނަތެކެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ކުޑައިރުގެ ތާރީޚުގެ ތެރެއަށް ޖެހިލާއިރު މިކަން އޮންނަނީ މިގޮތަކަށް ނޫނެވެ. އިއްޔެ އާއި މިއަދުގެ ތަފާތު ބަލައިލަމާ ހިނގާށެވެ.

އިހުގައި މާހެފުން އޮންނަނީ ރޯދައަށް ހަނދުބަލާ ރެއެވެ. އެހަފްލާ އޮންނަނީ ގޭތެރޭގައެވެ. އާއިލާއާ އެކުއެވެ. އާއްމު ކެއުމަކަށް އޮންނަނީ ބިންބި މާފުށާއި ބިންބި ތެލޭތީގެ އިތުރުން ބައެއް ވައްތަރުގެ ހެދިކާއާއި ވަޅޯމަސް ނުވަތަ ހަރު މަހާއި ކާއްޓާއި ދިޔާ ހަކުރެވެ. އިހުގެ ބައެއް މުސްކުޅިން ބުނާ ގޮތުގައި މިކަހަލަ ބަރު ކެއުމެއް މާހެފުމެއްގެ ގޮތުގައި ބާއްވަނީ އެގާރަ މަސްދުވަހު ނުކައި ހުރުމަށްފަހު ރޯދައަށް ހުންނަންޖެހޭ ފުރަތަމަ ދުވަހު ބަނޑުހައިވުން ކުޑަކޮށްދޭނެތީ އެވެ.

މިހާރު މާހެފުން އޮންނަނީ މުޅިން ތަފާތު ގޮތަކަށެވެ. ގްރޫޕް ގްރޫޕަށެވެ. ތިން ހަތަރު އާއިލާ އެކުވެގެންނެވެ. އަވަށް އަވަށުގެ މެދުގައެވެ. ދާދި ފަހުން އޭދަފުށީގައި”ހިސާބުގަނޑު އެންމެންގެ މާހެފުން“ ނަމުގައި މެދު އަވަށުގެ ގިނަ ބަޔަކު ބައިވެރިވެގެން ވަނީ ދެކުނު ފަރާތުގައި ނިކަން ވަރުގަދަ ބޮޑު މާހެފުމެއް ބާއްވާފައެވެ.

ކޮންމެ ގޮތެެއްގައި މާހެފުން ބޭއްވިޔަސް މަގުސަދަކީ އެކައްޗެކެވެ. އެންމެން އެކުގައި އުފާކޮށްލުމެވެ. މަޖާކޮށްލުމެވެ. ހީސަމާސާ ކުރާ މާހައުލެއްގައި މިފަދަ ކެއުންގަނޑު ބޭއްވުމުން އިޖްތިމާއީ ގުޅުން ވަރުގަދަ ވެގެން ދެއެވެ. އާއިލާތަކުގެ ގުޅުން ވަރުގަދަވެގެން ދެއެވެ. ބޭނުންވެގެން މިއުޅެނީ ވެސް އެކަންތަކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top