ތަފާތު ހަތަރު މޮޑެލް އާއެކު އެޕަލް ކުންފުނީގެ އައިފޯން ސީރީޒްގެ އެންމެ ފަހުގެ ފޯނު “އައިފޯން 12″ގެ ފޯނުތައް ރޭގައި ދައްކާލައިފި އެވެ.
އައިފޯން 12ގެ ރޭންޖު ތައާރަފު ކުރުމަށް ރޭ ކުރިއަށް ގެންދިޔަ ހާއްސަ އިވެންޓްގައި ދައްކާލި ބައެއް އުފެއްދުންތަކުގެ ތެރޭގައި، 5.4 އިންޗި ސްކްރީންއަކާ އެކު ތައާރަފުކުރި “މިނީ” މޮޑެލް ފާހަގަ ކުރެވެއެވެ.
އަލަށް ތައާރަފުކޮށްފައިވާ ސައިޒުގެ ފޯނަށް ކިޔަން ހަމަޖެހިފައިވަނީ “އައިފޯން 12 މިނީ” އެވެ. އެ ފޯނަކީ އެކުންފުނީގެ ކުރީގެ އައިފޯން 6 ސީރީޒްގެ ފޯނުތަކުގެ ފުޓްޕްރިންޓަށް ތައްޔާރުކޮށްފައިވާ 5.4 އިންޗީގެ ޑިސްޕްލޭއެއް ހިމެނޭ ފޯނެކެވެ. އެ ފޯނަކީ މިހާރު އެޕަލް އައިފޯން 12 ލައިންއަޕްގެ އެންމެ ކުޑަ ފޯނެވެ.
އައިފޯން 12 ގެ ތަފާތު ތަކެއްގެ ގޮތުގައި އެކުންފުނިން ފާހަގަ ކުރަނީ، ކުރީގެ އައިފޯން 11އާ އަޅާ ބަލާއިރު 11 އިންސައްތަ ތުނިވެފައި 15އިންސައްތަ ކުޑަވުމެވެ. ހަމައެއާއެކު 16 އިންސައްތަ ލުއިވެފައި އައިފޯން 12 ގައި 5ޖީ ބޭނުން ކުރެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
މީގެ އިތުރުން، އެޕަލްގެ މި އާ އުފެއްދުންތަކުގެ ޑިޒައިނަށްވެސް ފާހަގަކޮށްލެވޭ ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
އައިފޯމް 12 ޕްރޯ މޮޑެލްގެ ފޯނުތައް ފަރުމާ ކޮށްފައިވަނީ ކުރިއަށް ވުރެ ބޮޑު ސްކްރީން ތަކަކާއެކުގައެވެ. އަދި ފަނޑު އަލީގައިވެސް ފުރިހަމަ ފޮޓޯތަކެއް ނެގޭނެ ފަދަ ޓެކްނޮލޮޖީއާވެސް އެކުގައެވެ.
އެޕަލް އިން ބުނާ ގޮތުގައި އައިފޯން 12 ގެ ސްކްރީންގައި ބޭނުންކޮށްފައި ވާނީ އެލްސީޑީގެ ބަދަލުގައި އޯލެޑް ޓެކްލޮނޮޖީއެވެ. މިއާއެކު 11 ޕަސެންޓަށް ޑިވައިސް ތުނިކޮށްލެވުނު ކަމަށްވެސް އެޕަލްއިން ބުނެއެވެ.
އެހެން ނަމަވެސް ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ކަމުގައި ބުނެ ފޯނާއެކު ޗާޖަރު ނުދިިނުމާއި “ބޭކާރު އެއްޗެހި” ދިނުން ހުއްޓާލުމުގެ ގޮތުުން ހެޑްސެޓެއް ވެސް އައިފޯން 12 އާއެކު ނުލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެޕަލް ކުންފުނިން އެންމެ ފަހުން މި ލޯންޗްކުރި އައިފޯން12 ސީރީޒްގެ އަގުތައް އުޅެނީ 649 ޑޮލަރާއި 1199 ޑޮލަރާ ދެމެދުގައެވެ.