ޕީޕީއެމް ކެމްޕޭން ޓީމްތައް އަތޮޅު ތަކަށް

DSCN0673.jpg

ރައީސް ޔާމީން އޭދަފުށީގައި./ އީވީ ފައިލް ފޮޓޯ

ރައީސް ޔާމީން 2018 ވަނަ އަހަރަށް ހޮވުމަށްޓަކައި ކެމްޕޭން ކުރުމުގެ ގޮތުން ޕީޕީއެމްގެ ޓީމްތައް 5 އަތޮޅަކަށް ފުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެގޮތުން ކުރިއަށް އޮތް ހަފްތާތެރޭގައި ޕީޕީއެމް އިން ދަތުރުކުރަން ހަމަޖެހިފައިވަނީ، އުތުރުން ރ، ބ، ށ އަދި ދެކުނުން ވ.އަތޮޅާއި އަދި އދގެ ބައެއް ރަށްތަކަށެވެ.

ޕީޕީއެމްއިން އަތޮޅުތަކަށް ދަތުރުކުރަން ނިންމާފައި ވާއިރު ރަމަޟާން މަހު އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް މަދުކުރަން ނިންމާފައިވާ ކަމަށް ކުރިން ބުނެފައިވެއެވެ.

މި ދަތުރާ ގުޅިގެން ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގައި މަޖިލިސް މެމްބަރުންނާއި މިނިސްޓަރުން ބައިވެރިވެވަޑައިގަތް ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަފްތާ ތެރޭގައި ޕީޕީއެމްގެ އިސްވެރިން ހިމެނޭ ވަފުދުތައް އެކިއެކި އަތޮޅުތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާއި ވީހާވެސް ގާތުން ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

“ރައީސް ޔާމީން 2018 ވަނަ އަހަރަށް ހޮވުމަށްޓަކައި އަޅުގަނޑުމެން އެންމެން. މުޅި ރާއްޖެ ގުޅިގެން މަސައްކަތް ކުރާތަން މިހަފްތާގައިވެސް ފެނިގެންދާނެ. އަޅުގަނޑުމެން ރޫހު އާލާކުރުމާއި ރަމަޟާން މަހުގައި އެކުވެރިކަން އާލާކުރުންވެސް މީގެ ތެރެއިން ފެނިގެންދާނެ،” މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ ޖުމުލަ ގޮތެއްގައި ހުރިހާ ރަށެއްގައި ކެމްޕެއިން ހަރަކާތް ކުރިއަށްދާނެ ކަމަށާއި މީގެ ކުރިންވެސް ގިނަ ރަށްތަކެއްގައި ބޮޑެތި ޖަލްސާތަކާއި ހަރަކާތްތައް ބޭއްވިފައިވާ ކަމަށެވެ.

ކެމްޕޭންގެ މިދަތުރުގައި ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ފަރާތުންވވެސް ބައިވެރިވެއެވެ. އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕެއިން މަސައްކަތުގައި އެމްޑީއޭއިން ބައިވެރިވާނެ ކަމަށާއި އެގޮތުން އަތޮޅުތަކަށް ފަށާ ދަތުރުގައިވެސް އެމްޑީއޭގެ ފުރިހަމަ ހިއްސާ އޮންނާނެ ކަމަށެވެ.

ޕީޕީއެމްއިން މީގެ ކުރިން ފުވައްމުލަކު ސިޓީ، ހއ، ގއ އަދި އައްޑޫ ސިޓީގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު ކުރިއަށް އޮތް ތަނުގައި އިތުރު އަތޮޅުތަކަށްވެސް ދާނެކަމަށް ޕީޕީއެމުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top