ފިހާރަތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން އެ ކޮތަޅުގެ ލެވީ (ކޮތަޅުން ނަގާ ޓެކްސް)ގެ ގޮތުގައި މުދާ ގަންނަ މީހާގެ އަތުން ދެ ރުފިޔާގެ ޓެކްސް އެއް ނެގޭ ގޮތަށް ކުނި މެނޭޖުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ބިލުގެ އެ މާއްދާ ގައި ބުނެފައިވަނީ ފިހާރަތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން އެ ކޮތަޅުގެ ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނުވަތަ އެހެން ފައިސާ އަކުން ނަމަ ދެ ރުފިޔާއާ އެއްވަރު އަދަދަކަށް ފައިސާ ނެގޭނެ ކަމަށެވެ.
ލެވީ ނުނެގޭ ޕްލާސްޓިކް ކޮތަޅުގެ ތެރޭގައި ހިމެނެނީ ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮޮށްދޭ ޕްލާސްޓިކް ކޮތަޅާއި ބަންދު ނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅާއި 50 ނުވަތަ އެއަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިއާއި ކުނި މެނޭޖް ކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާ އަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ ”ބިންލައިނަރ“އެވެ.
ބިލްގައިވާ ގޮތުން ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ލެވީ ނެގުން، މިބިލް ގާނޫނަކަށްވެ އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަސް ހަމަވާ ދުވަހުން ފެށިގެން ލާޒިމުވާނެ އެވެ.
އެ މުއްދަތުގެ ފަހުން ލެވީ ނެގޭނީ ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ފިޔަވައި ދިވެހިރާއްޖޭގައި ބޭނުންކުރާ ސިންގަލް-ޔޫސް ޕްލާސްޓިކް ބާވަތްތައް މަދުކުރުމާ ގުޅޭ ގަވައިދެއް މިގާނޫނަށް އަމަލުކުރަން ފަށާތާ ހަމަސް ދުވަސް ތެރޭގައި ކަމާ ގުޅޭ މިނިސްޓްރީން އެކުލަވާލާ ގެޒެޓްކުރުމުންނެވެ.