އެކަން އޮޅުން ފިލުވަން އެންމެ ފަހުން ކައުންސިލުގެ އިދާރާގެ ކުރިމަތީގައި މުޒާހަރާވެސް ކޮށްފިއެވެ. އޭދަފުށީގައި ޕްރީސްކޫލް ތައުލީމު ބޭނުންވާ އުމުރުފުރައިގެ ދަރިން އެހައްގުން މަހުރޫމް ކުރެވިގެން ނުވާނެ އެވެ. އެއީ ރަށު ކައުންސިލުން ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތެކެވެ. ވަރަށް ސާފުކޮށް ގާނޫނު އަސާސީގައި މިކަން ބަޔާން ކޮށްފައި އެބައޮތެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 4 ވަނަ ބާބުގެ 24ވަނަ މާއްދާ ގެ ކ. ގައި އޮންނަނީ މިހެންނެވެ. ”ޕްރީސްކޫލްގެ ހިދުމަތްތައް ދިނުމަކީ އެ ކައުންސިލެއް ނިސްބަތްވާ ރަށެއްގެ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތެކެވެ. އެހިދުމަތް ރައްޔިތުންނަށް ދޭންވާނެ އެވެ. “
ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތެއްގެ ގޮތުގައި މިކަން އޮތް ހިނދު އެހިދުމަތް ނުލިބި ދެ އަހަރު ވަނީއެވެ. ކައުންސިލުން މިކަމަށް މަސައްކަތް ނުކުރާ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް ރަށު ކައުންސިލުގެ ލަސް ސްޕީޑްގެ ސަބަބުން ކޮންމެ ކަމެއްަގއިވެސް ގިނަދުވަސްތަކެއްވާތީ ރައްޔިތުންނަށް ވާނުވާ ނޭނގެނީ އެވެ. ހަގީގަތަކީ ޕްރީސްކޫލް ކުއްޔަށް ދިނުމުގެ މަސައްކަތް ފެށީ ކުރީގެ ކައުންސިލުންނެވެ.
އޭދަފުށީ މަޝްހޫރުވެފައިވަނީ ތައުލީމީ ބަޔަކު ދިރިއުޅޭ ތައުލީމީ ރަށެއްގެ ގޮތުގައި އަބަދުވެސް ރަތްވަނައިގައެވެ. މިއަދުގެ ހަގީގަތަކީވެސް އެއީއެވެ. އޯލެވެލް އާއި އޭލެވެލް އިމްތިހާނުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ގިނަ ދަރިންތަކެއް މި ފަސްގަނޑުން އުފައްދައިފި އެވެ. މިފަދަ ރަށެއްގައި ޕްރީސްކޫލް ތައުލީމު ދޭތަނެއް ނެތޭ ބުނެފިނަމަ އެވާނީ ޖޯކަކަށެވެ. ސަމާސާއަކަށް ބުނެލި ވާހަކަ އަށެވެ. ގަބޫލު ކުރަން ފަސޭހަ ވާހަކައަކަށް ނުވާނެ އެވެ. އެކަމަކު ރަށު ކައުންސިލުން ދޭން ޖެހެ ހިދުމަތެއް ނުދެވިގެން ޕްރީސްކޫލް އުމުރު ފުރައިގެ ކުދިން އެތިބީ އެ ހައްގުން މަހުރޫމު ވެފައެވެ.
”އަހަރެންގެ އެބަހުރި ޕްރީސްކޫލަށް ދާ އުމުރުގެ ދަރިއެއް. އެދަރިފުޅަށް މިފެންނަނީ އޭނާގެ ބޭބެ ކޮންމެ ދުވަހަކު ސްކޫލަށް ދާން ތައްޔާރުވެ ޔުނިފޯމް ލައިގެން ނުކުންނަ ތަން. ބޭބެފަދައިން އޭނާވެސް ބޭނުންވެ ޔުނިފޯމްގައިސްކޫލަށް ދާން. ތުއްތު އަޑުން އެޝަކުވާ ކުރޭ. ކީއްވެގެންހޭ ކޮއްކޮއަށް ސްކޫލަށް ނުދެވެންވީ. އެކަމަކު ކޮން ޖަވާބެއްތޯ އެދަރިފުޅަށް ދޭނީ؟ އެހެންވީމާ އަޅުގަނޑުމެން މިހަދާ ގޮތަކީ ޔުނިފޯމެއް ލައްވައިގެން އޭނާވެސް ސްކޫލަށް ގެންދާ ޑްރާމާ ކުޅެނީ.“އޭނާ ބުނަނީ ދަރިފުޅު ކޮންމެ ދުވަހަކު އެޝަކުވާ ކޮށް ރޮއިހަދާތީ އެންމެ ފަހުން މިޑްރާާމާ ކުޅެން ޖެހެނީ ކަމަށެވެ.
އެހެން ބެލެނިވެރިއަކު ބުނީ ޕްރީސްކޫލް ހިންގާނެ ރީތި އިމާރާތެއް ބަޔަކު ހަދިޔާކޮށް ސްޓޭންޑް ބައިގާ ހުރިއިރު އިތުރަށް ކޮށްލަން ޖެހޭހައިވެސް ކަމަކީ ޓީޗަރުން ހޯދުން ކަމަށެވެ. ރަނގަޅު ނިޔަތެއް އޮވެގެން އެތަން ހިންގަން ބޭނުން ނަމަ މިހާރު ހުންނާނީ ނިމިފައި ކަމަށެވެ. މިވަރު ކޮށްނުލެވޭ ކައުންސިލަކަށް ދެން އިތުރަށް ކުރެވޭނީ ކޮންކަމެއް ކަމާމެދު އޭނާ ސުވާލު އުފެއްދެވި އެވެ.
ޕްރީސްކޫލް ނުހުޅުވިގެން މިއުޅޭ އަސްލު ސަބަބަކީ ކޮބާހެއްޔެވެ؟ އެންމެ ރަގަޅަށް ޖަވާބު ދެއްވެވޭނީ ރަށު ކައުންސިލުގެ ރައީސަށެވެ. ރައީސް ފާތިހުގެ ޖަވާބު ސާދާވެފައި ކުރެވެ. ވަރަށް ހަމަޖެހިލައްވާފައި ޔަގީންކަމާއެކު ވިދާޅުވި އެވެ.
”އަންނަ ދިރާސީ އަހަރު ފެށޭއިރު ބަހިއްޔާ ޕްރީސްކޫލް ހުންނާނީ ހުޅުވިފަ.“
އެގޮތަށް އެތައް ފަހަރަކު ތާރިހުތައް ދެއްވައިފިއެވެ. އަނެއްކާވެސް އާ ތާރީހެކެވެ. އެހެންނަމަވެސް ޕްރީސްކޫލެއްގެ ހިދުމަތް ނުލިބި ރައްޔިތުންގެ ސިކުނޑިތައް ހަރާބު ކުރަމުން އަންނަތާ އެއް އަހަރު ފުރުނީއެވެ. ދިގު މުއްދަތެކެވެ. ހިދުމަތް ނުދެވި މިހާ ގިނަދުވަސް ވީ ކީއްވެގެން ހެއްޔެވެ؟ އޭގެ ޖަވާބު ރައީސް ފާތިހު ކަނޑާލެއްވީ ސުވާލު ކުރި މީހާގެ ބޮލަށެވެ. ވިދާޅުވަނީ ޕްރީސްކޫލް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މަސައްކަތް އެންމެ ބޮޑަށް އެނގޭނެ އެއް ފަރާތަކީ ”އޭދަފުށި ވޮއިސް“ ކަމަށެވެ.
އެންމެ ފަހުން ޕްރީސްކޫލް ހިންގަމުން އައި މައިކޮލެޖުން އެތަން ދޫކޮށްލުމުން ޕްރީސްކޫލް ހިންގާނެ ބަޔަކު ހޯދަން އިއުލާނު ކުރެއްވީ ކުރީ ކައުންސިލުން ދައުރު ނިމެން އުޅެނިކޮށެވެ. ކުއްޔަށް ހުށަހެޅޭ އެންމެ ދަށް އަގަކީ 4500 ރުފިޔާއެވެ. އެކަމަށް ކުރިމަތިލީ ދެ ފަރާތުންނެވެ. ތަން ހަވާލުކުރަން ކައުންސިލުން ނިންމީ ބޮޑުއަގު ހުށަހެޅި ފަރާތަށެވެ. 7000 ރުފިޔާ އާއި ގާތްކުރާ ކުއްޔަކަށެވެ. ސުވާލު އުފެދުނީ ރަށު ކައުންސިލުން ދޭންޖެހޭ ހިދުމަތެއް އައުޓްސޯސް ކުރުމަކުން ނޫނެވެ. ކުލި ކަނޑައަޅާއިރު މާލެއާއި އަޅާ ކިއުމެވެ. ސީދާ ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތަކަށް ވާއިރު ހަމައެކަނި ކުއްޔަށް ބަލައި ”ވަރަށް ރަނގަޅު ހުށަހެޅުމެއް“ ކަމަށް ކައުންސިލުން ނިންމައިލިއެވެ.
މިހާ ބޮޑު ކުއްޔެއް ކަނޑައަޅާފައިވަނީ ކީއްވެގެންތޯ އަހާލުުމުން ޖަވާބުދެއްވީ ކައުންސިލަރުންގެ ހާޒިރުގައި އިދާރީ މުވައްޒަފެކެވެ. އޭނާގެ ވާހަކައިން އިތުރު ހައިރާން ކަމެއް ލިބުނެވެ. ވިދާޅުވީ އެތަނަށް ރަށު ކައުންސިލުން އިންވެސްޓް ކޮށްފައިހުރި ތަކެތީގެ އަގު ހޯދަން ޖެހޭތީ ކަމަށެވެ. މާނައަކީ މިއީ ކައުންސިލުން ވިޔަފާރި އުސޫލުން ހިންގަން އުޅޭ ވިޔަފާރިއެއް ކަމެވެ.
ކޮންމެއަކަސް ބޮޑު ކުއްޔަށް ތަން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން އެއީ ކިހާވަރެއްގެ ބައެއްތޯ އާއި އެމީހުންގެ ފުދުންތެރިކަން ހުރިވަރު ބެލީ ހުށަހެޅި ލިޔުންތަކުގެ މައްޗަށެވެ. ކައުންސިލަށް ފެނުނީ ހަމައެކަނި އެމީހުން ހުށަހެޅި ބޮޑު ކުއްޔެވެ. އެއަށްފަހު އެފަރާތާއި ކައުންސިލާ ދެމެދު ދެން އުފެދުނީ މައްސަލައަކަށް ފަހު މައްސަލައެވެ. ކޯޓާ ހަމައަށް ނުގޮސް ސަލާމަތްވީ ކިރިޔާއެވެ.
ސްކޫލް ހުޅުވުން އަނެއްކާވެސް ލަސް ވީއެވެ. ކުއްލިއަކަށް އިއުލާނެއް ނެރުނެވެ. ޕްރީސްކޫލަށް ވައްދަން ބޭނުންވާ ކުދިން ފޯމް ފުރައި ކައުންސިލަށް ލުމަށެވެ. ހީކުރެވުނީ ސީދާ ކައުންސިލުން ސްކޫލް ހިންގަން އުޅެނީ ކަމަށެވެ. ހަބަރެއްނުވެ ދުވަސް ތަކެއް ދިއުމަށްފަހު އަނެއްކާވެސް އިއުލާނު ކުރިއެވެ. ވިޔަފާރީގެ އުސޫލަށް ފައްތައިގެން ކުރާ ކަމެއްކަމަށް ގަބޫލު ކުރެވިގެން އޭދަފުށީގެ އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅެއް ނުކުރި އެވެ. އެންމެ ފަރާތަކުން ކުރިމަތިލިކަމަށް ވިޔަސް މިކަން ލަސްވާތީ އެފަރާތަށް ދޭން ނިންމީ ކަމަށް ފާތިހު ވިދާޅުވިއެވެ
”އެގްރިމެންޓުގައި އޮންނާނީ ދިރާސީ އާހަރު ސްކޫލްތަކުގެ ކިޔެވުން ފެށޭ ދުވަހު ޕްރީސްކޫލްގެ ކިޔެވުން ފަށަން ވާނެ ކަމަށް. އެދުވަހު ސްކޫލް ނުހުޅުވައިފިނަމަ އެގްރިމެންޓް ބާތިލްވީ.“ ރައީސް ފާތިހު ޔަގީން ކަމާއެކު ވިދާޅުވި އެވެ.
އުފާވެރި ހަބަރެކެވެ. ޕްރީސްކޫލް އުމުރު ފުރައިގެ ކުދިންގެ ބެލެނިވެރިން ކުރަމުން އައި ދިގު އިންތިޒާރަށް ނިމުން އަންނަނީ އެވެ. އަންނަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހެވެ. މި ފެހި ސިގްނަލް މިފަހަރު ރަތަށް ބަދަލު ނުވާނެކަމުގެ ޔަގީންކަން ރައީސް ފާތިހު ތަކުރާރު ކުރެއްވިއެވެ.