އޭދަފުށި ހިމެނޭހެން 25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމު އިފްތިތާހުކޮށްފި

big_ztv2gTB2RAUrpL09LzNARvrpa.jpeg

ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގުޅިގެން އޭދަފުށި ހިމެނޭހެން ރ. އަތޮޅާއި ބ. އަތޮޅުގެ 25 ރަށެއްގައި ގާއިމުކުރި 6.4 މެގަވޮޓްގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް އިފްތިތާހުކޮށްފިއެވެ.

މި ނިޒާމުތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ  އިއްޔެ ރ.ކިނޮޅަހުގައެވެ.

މިއީ “ޕްރިޕެއަރިން އައުޓަ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް)” މަޝްރޫއުގެ ދަށުން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގެ އެހީގައި ހިންގި މަޝްރޫއެއްކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން ރ. އަތޮޅުގެ 13 ރަށެއްގައި އަދި ބ. އަތޮޅުގެ 12 ރަށެއްގައި ވަނީ ޖުމްލަ 6.4 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމުތައް ގާއިމްކޮށްފައިވާނެކަމަށް މިނިސްޓްރީން ބުންޏެވެ.

މި ރަށްރަށުގެ ތެރޭގައި ރ. އަތޮޅުގެ އަލިފުށި، ވާދޫ، މަޑުއްވަރީ އަދި ބ. އަތޮޅުގެ އޭދަފުށި، ތުޅާދޫ އަދި ދަރަވަންދޫ ފަދަ ބޮޑެތި އާބާދީތައް ހިމެނޭކަމަށް މިނިސްޓްރީން ބުންޏެވެ.

ޕޮއިސްޑް މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ 160 ރަށެއްގައި ގާއިމުކޮށްފައިވާ ޑީސަލުން ކަރަންޓު އުފައްދާ ނިޒާމުތައް ސޯލާ ޕީވީ ހައިބްރިޑް ނިޒާމުތަކަކަށް ބަދަލުކުރުމެވެ.

މި މަޝްރޫއުގެ ދަށުން މިހާތަނަށް 72 ރަށެއްގެ މަސައްކަތް ނިމި، އެ ރަށްރަށުގައި އަންނަނީ ހައިބްރިޑް ނިޒާމުތައް ބޭނުންކުރަމުންނެވެ.

މި ރަށްރަށުގައި ޖުމްލަ 13.4 މެގަވޮޓް ޕީކްގެ ސޯލާ ޕީވީ އާއި، 10.6 މެގަވޮޓް އަވާގެ ބެޓަރީ އެނަޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ގާއިމުކުރުމާއި އަދި މިސިސްޓަމްތަކަށް ބޭނުންވާ އެނާޖީ މެނޭޖްމަންޓް ސިސްޓަމް (އީއެމްއެސް) ހަރުކުރުމާއި އަދި އެކަމަށް ބޭނުންވާ ގްރިޑް އަޕްގްރޭޑްކުރުންވެސް މީގެތެރޭގައި ހިމެނެ އެވެ.

މީގެ އިތުރުން 27 މެގަވޮޓްގެ ޑީސަލް ޖަނަރޭޓަރު ވެސް ވަނީ ފޯރުކޮށްދީފައެވެ.

އިފްތިތާހުކުރެވުނު 25 ރަށުގެ ނިޒާމުތަކުގައި ޖުމްލަ 6.36 މެގަވޮޓް ޕީކްގެ ސޯލާ ޕީވީ އާއި 10 މެގަވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ހިމެނޭކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވި އެވެ.

މި ނިޒާމުތަކުން އަހަރަކު 10.4 ގިގަވޮޓް އަވާގެ ސާފު ހަކަތަ އުފައްދާނެ ކަމަށާއި މީގެ ސަބަބުން އަހަރަކު 3 މިލިއަނަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑްގެ މިންވަރު 8,400 މެޓްރިކް ޓަނުން މަދުކުރެވޭނެކަން މިނިސްޓްރީން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top