ޑެންގޫއާއި އަރިދަފުސް ރޯގާ އަންނަނީ އިތުރު ވަމުން : ބ.އަތޮޅު ހޮސްޕިޓަލް

DSCN7555.jpg

ޑެންގޫއާއި އަރިދަފުސް އަދި ހުމުގެ ރޯގާތައް އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ބ.އަތޮޅު ހޮސްޕިޓަލުން އެދެފިއެވެ.

ބ.އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ އަހްމަދު ވަހީދު ވިދާޅުވި ގޮތުގައި ރޯދަ މަހާ ގުޅިގެން ކެއުމުގެ އާދަތަކަށް އައިސްފައިވާ ބަދަލުތަކުންނާއި ވިއްސާރަ ވުމުގެ ސަބަބުން ބަލިތައް ފެތުރުން އިތުރުވެގެން އެބަ ދާ ކަމުގައެވެ. އެހެންވެ، އާއްމު ސާފު ތާހިރު ކަމަށް ސަމާލު ވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ރޯގާ ޖެހިގެން އުޅޭ އިރު  މީހުން ގިނަ ތަންތަނަށް ގޮސް ނޫޅުމާއި ކެއްސާ ކިބިހި އަޅާއިރު އަނގަ ނިވާކޮށްގެން ހުރުމަކީ ރޯގާ ފެތުރުން މަދު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަން ކަމާއި ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަކީވެސް ވަރަށް މުހިއްމު ކަމެއް ކަމުގައި ވަހީދު ވިދާޅު ވިއެވެ.

“އެހެން މަސްމަހާ އަޅާ ބަލާއިރު ރޯދަ މަހު އުކާލެވޭ ކާބޯތަކެތި ގިނަ ވޭ. މި ގޮތުން އުކާލެވޭ ކާބޯތަކެތިވެސް ރައްކާތެރިކަމާއެކު ނައްތާލުމަކީވެސް ރޯގާ މަދު ކުރުމަށް އެޅިދާނެ މުހިއްމު ފިޔަވަޅެއް. ” ވަހީދު އިލްތިމާސް ކުރެއްވިއެވެ.

ބ.އަތޮޅު ހޮސްޕިޓަލުން މި ގޮތަށް އިލްތިމާސް ކުރައްވާފައިވާ އިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ ( އެޗް ޕީއޭ ) އިންވެސް ވަނީ މިދުވަސް ވަރު ހުމާއި އިންފްލުއެންޒާގެ ކޭސް ތައް ރާއްޖޭގައި ފެތުރެމުން އަންނާތީ އެކަމަށް ސަމާލު ވުމަށް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން އެޗް ޕީއޭ އިން ނެރުނު ބަޔާނެއްގައި، ރޯދަ މަހާ ގުޅިގެން އާންމު ދިރިއުޅުމުގެ ކަންކަމަށް އައިސްފައިވާ ބަދަލުތަކުން ބަލިތައް ފެތުރުން އިތުރުވެގެން ދިއުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށާއި އެކަމަށް ރައްކާތެރިކަމުގެ ގޮތުން އިތުރު ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އަޅާ މަދިރި ލޯޝަން ފަދަ ތަކެތި ބޭނުން ކުރުމަށާ ފަތިސްގަޑި އާއި އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާ މަގު މައްޗަށް ފެން ހެދޭނެ ގޮތަށް ފުޅިފަދަ ތަކެތި އުކާނުލަން ވެސް އެޗްޕީއޭ އިން އެދެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top