1439 ވަނަ އަހަރުގެ ފިޠުރު ޒަކާތް މިއަދު އޭދަފުށީގައި ބަލައިގަންނަން ފަށައިފިއެވެ.
އޭދަފުށީ ކައުންސިލުން ބުނީ، މިއަދުން ފެށިގެން ޖޫން މަހުގެ 13ގެ ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:15 އިން 13:00 ވަންދެން ޒަކާތް ބަލައިގަންނަމުން ގެންދާނެ ކަމަށެވެ.
ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރުކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އިސްލާމިކް އެފެއަރސް އިން ވިދާޅުވެފައިވާއިރު، ޒަކާތް ނެރެންވާނީ އެބަޔަކު އަހަރުތެރޭގައި ޢާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކުން 2.4 ކިލޯ ހަނޑުލުގެ އަގަށްވާ މިންވަރެވެ.
އެގޮތުން އޭދަފުށީގައި ޒަކާތް ދެއްކުމަށް ހަމަޖެހިފައިވަނީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް 12ރުފިޔާގެ މަގުންނެވެ. ތައިލެންޑް ހުނދު ހަނޑުލުން ނަމަ މީހަކަށް 60ރ. އަދި ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 85ރ.ގެ މަގުންނެވެ.
ފިޠުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މައިމީހާގެ ބަނޑުގައިވާ، ފުރާނަ އެޅިފައިވާ ދަރިފުޅަށް ފިޠުރު ޒަކާތް ނެރުން ސުންނަތް ވެގެންވެއެވެ. ފިޠުރު ޒަކާތް ވާޖިބުވަނީ ޢީދު ދުވަހާއި އީދުވިލޭރޭ، ކެއުމަށްފަހު ބާކީވާ ވަރަށް ހުރުމާއެކުއެވެ.
ފިޠުރު ޒަކާތުގެ ހިކުމަތްތަކުގެ ތެރޭގައި ރޯދަވެރިޔާއަށް އަރައިގަނެވިފައިވާ، ދެބަ އޮޑުވުމާއި ޣީބަ ބުނުން ފަދަ ކުށް ފާފަތަކުން ޠާހިރު ކުރުމާއި، ފަޤީރުން، ޢީދު ދުވަހު ސަލާންޖެހުމާއި ދުރުހެލިކުރުވާ އެމީހުންގެ ހިތްތަކަށް އުފާވެރިކަން ވެއްދުމުގެ އިތުރުން ރަމަޟާންމަހުގެ ރޯދަ ހިފުމުގެ ތައުފީޤު ދެއްވި ކަމަށްޓަކައި މާތްﷲއަށް ޝުކުރު އަދާކުރުން ހިމެނެއެވެ.