ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ރެކޯޑުކޮށް، އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.
ފުލުހުން އެ މީހުން ދޫކޮށްލައި މައްސަލަ ފައިލްކުރީ އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހާ މަޝްވަރާ ކުރުމުން، ލިބިފައިވާ ހެއްކަކީ ޖިނާއީ ދައުވާއެއް ކުރެވޭނެ ވަރުގެ ބުރަދަން ހުރި ހެކިތަކެއް ނޫން ކަމަށް އެ އޮފީހުން އެންގުމުން ކަމަށެވެ. އެހެންވެ މައްސަލަ ފައިލްކޮށް، ޕީޖީ އޮފީހުގެ ލަފާގެ ދަށުން ދޫކުރީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
މި މައްސަލައަކީ އަލްމަގީރާއެކު ބަޔަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެގެން ފެންމަތިވި މައްސަލައެކެވެ. ފުލުހުން ބުނީ މިމައްސަލައިގާ އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ވީޑިއޯތައް ލީކު ކޮށްލާނެކަމަށް ބުނެ ބިރުދައްކައި، ބްލެކްމެއިލް ކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށް، އަދި ރެކޯޑް ކޮށްފައިވާ ކަމަށެވެ.
ބްލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑުކޮށް އަދި ބައެއް ވީޑިއޯތައް އާއްމުކުރި މައްސަލައިގައި ތުހުމަތުކޮށް ތިން މީހަކު ހައްޔަރުކުރި އެވެ. އެއީ ބ. ދަރަވަންދޫ އަކިރި، ހަމްދޫން އަބްދުﷲ، 37، އާއި އެ ރަށު ހީމަ، މުހައްމަދު މިހާދު މުސްތަފާ، 24، ގެ އިތުރުން ށ. ފުނަދޫ ސީސްޓާ މައުމޫން މޫސާ، 41، އެވެ.
ފުލުުހުން ކުރިން ބުނެފައިވާ ގޮތުގައި މި މައްސަލާގައި ހިމެނޭ ހަމްދޫނަކީ ވީޑިއޯތައް ދައުރުކޮށް، ބްލެކްމެއިލްކިރުމުގައި އިސްކޮށް އުޅުނު މީހާ އެވެ.
މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ލިބިއްޖެ ނަމަ މައްސަލަ އަލުން ބެލުމުގެ ފުރުސަތު އޮތް ކަމަށް ފުލުހުން ބުންޏެވެ.