ރައީސް ޔާމީން ޖަލަށްލުމަކީ މި ސަރުކާރުން ފަހަތަށް އެޅި ފިޔަވަޅެއް: އެމްޕީ ސަލީމް

1582695306Saleem-final.jpg

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު ،އަހުމަދު ސަލީމް

ރައީސް ޔާމީން ޖަލަށް ލުމަކީ މިސަރުކާރުން ފަހަތަށް އެޅި ފިޔަވަޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރ، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވަމުން އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބުދާރީ ވުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

ސަލީމް އިތުރަށް ވިދާޅުވީ ، މިއަދު ފެންނަމުން މިދަނީ ވެރިކަން ކުރުމުގެ ބާރުގެ މައްޗަށް ގާނޫނު ހަދާ ބާރު އަރަމުންދާ މަންޒަރު ކަމަށާއި ވަޒީރު ކަންކުރަންވީ ގޮތް ކިޔައިދެމުން އެދަނީ މަޖިލީހުގެ މެންބަރުން ކަމަށެވެ. އަދި ޖޭއެސްސީގައި ސިޔާސީ މީހުން ތިބިހާ ހިނދަކު އެއީ މިނިވަން މުއައްސަސާއެއް ކަމަށް އިދިކޮޅުން ގަބޫލުނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެމްޑީއެން ރިޕޯޓަކީ އިސްލާމްދީނާ ހިލާފަށް މިފަހުގެ ތާރީހެއްގައި ނެރުނު އެންމެ ދަށުދަރަޖައިގެ ރިޕޯޓްކަމަށާއި ރައީސުލްޖުމުހޫރިއްޔާގެ ރިޔާސީ ބަޔާނުގައި އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށްފައި ނުވާކަމީ އިދިކޮޅުން އެކަމާ ކަންބޮޑުވާ ކަމެއް ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ދަށަށްގޮސް ރައްޔިތުންވަނީ މާޔޫސްވެފައި ކަމަށާއި ސްޓިކަރ ނުޖަހާނެ ކަމަށް ބުނެ އައި ސަރުކާރު ފެންނަނީ ކުރިއަށްވުރެވެސް ގިނައިން ސްޓިކާ ޖަހައިގެން ދައުލަތަށް ފައިސާ ހޯދަމުން ދާ މަންޒަރުކަމަށެވެ.

ސަލީމުގެ ވާހަކަފުޅުގައި ސަރުކާރުން މިދިޔަ އަހަރު ގާއިމްކުރާނެ ކަމަށް ވައުދުވި ސިއްހީ މަރުކަޒުތައް، ހޮސްޕިޓަލްތަކަށް ބަދަލު ނުކުރުމަކީވެސް ރައްޔިތުން ވަރަށް ބޮޑަށް މާޔޫސްވިކަމެއް ކަން ފާހަގަކުރެއްވިއެވެ. އަދި އެއީ ސަރުކާރަށް ކުރަމުންދިޔަ އިތުބާރު ގެއްލުނު ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ހަމަ އެއާއެކު ސިއްހީ ގޮތުން ރަށްރަށުގައި ލިބެންހުރި ޚިދުމަތްތައް އިތުރަށް ތަރައްގީ ކުރަންޖެހިފައިވާ ކަމަށާއި ސީއެމްބިއުލާންސްގައި އާސަންދައިގެ އެހީގެ ދަށުން ކުރެވޭނެ ނިޒާމެއް ރައީސް ޔާމީންގެ ޒައާމަތުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ގާއިމު ކުރެއްވި ކަމަށްވެސް މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު ސަލީމް ވިދާޅުވިއެވެ.

ސަލީމު ވިދާޅުވީ މިދިޔަ އަހަރުގެ ބަޖެޓުން އެކަށީގެންވާ ކަންތައްތަކެއް ކުރެވިފައި ނުވާތީ މި އަހަރުގެ ބަޖެޓުން ވެސް ސަރުކާރުން ހުށަހެޅި ކަންކަމުގެ ފޮނި، މީރުކަން ދިވެހި ރައްޔިތުންނަށް ފޯރާނެ ކަމަށް ގަބޫލު ކުރައްވަން ދަތި ކަމަށެވެ. ހަމައެއާއެކު ތަރައްގީގެ މަޝްރޫއުތައް ހިންގިދާނެ ކަމަށް ގަބޫލު ކުރައްވަން ދަތި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top