ކިހާދޫގައި މިއަހަރު 30 ދަނޑު. ރޯދައިގެ ކުރިން ކަރާ ބާޒާރަށް ނެރެވޭނެ– ކައުންސިލް

59716030_10158511607773009_3427234583374987264_n.jpg

ކިހާދޫ ދަނޑެއްގައި ކަރާތަކެއް ބަހައްޓާފައި. އީވީ ފައިލް ފޮޓޯ މުހައްމަދު ޒުބައިރު

މިއަހަރުގެ ރަމަޟާންމަހަށް ތައްޔާރުވުމަށްޓަކައި ކިހާދޫ ދަނޑުވެރިންނަށް 30 ދަނޑު ދޫކޮށްފައިވާ ކަމަށާ، ދަނޑުތަކުގައި މުޑުވައް ކުރުމުގެ މަސައްކަތް ދަނޑުވެރިން ފަށާފައިވާކަމަށް ކިހާދޫ ކައުންސިލުން ބުނެފިއެވެ.

މިއަހަރުގެ ރަމަޟާންމަހަށް ކިހާދޫ ދަނޑުވެރިން ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުން އީވީއާ މައުލޫމާތު ހިއްސާކުރަމުން ކައުންސިލްގެ އޮފިޝަލް އަދުނާން އިބްރާހީމް ވިދާޅުވީ ދަނޑުތައް މުޑުވައްކުރުމަށް ދަނޑުވެރިން ތައްޔާރުވަމުންދާއިރު، ބައެއް ދަނޑުތައް މިހާރު މޭވާ ލިބެން ފަށާހިސާބުގައި ހުރިކަމަށެވެ. އޭނާ ވިދާޅުވީ މިއަހަރު ހައްދާ ދަނޑުތަކުން މުޅިރަށަށް ބޭނުންވާ ވަރަށް ކަރައާއި، މިރުސް އަދި ތަރުކާރީ ހެއްދުނު ނަމަވެސް އަތޮޅުތެރެއަށް ވިއްކާނެ މާބޮޑު އެއްޗެއް ނުލިބޭނެކަމަށެވެ.

“ގިނަ ދަނޑުތައް މިހާރު ހުރީ މަސައްކަތް ފެށިފަ. ރަށަށް ބޭނުންވާ ވަރުވާނެ. އަދި ކޮންމެވެސް ވަރަކަށް އަތޮޅު ތެރެއަށް ކަރާ، ކިއުކަމްބާ، މިރުސްކަހަލަ އެއްޗެތި ފޯރުކޮށްދެވޭނެ” އަދުނާނު ވިދާޅުވިއެވެ.

ކައުންސިލުން ބުނީ ކިހާދޫން ދޫކުރި ދަނޑުތަކުގެ ސައިޒަކީ 4000 އަކަފޫޓް ކަމަށެވެ. އަދި އެއީ ރަށުގެ ބިމުގެ ސައިޒު އޮތްގޮތުން މިވަގުތު ބިންދޫކުރެވެން އޮތް ގޮތްކަމަށްވެސް ކައުންސިލުން ބުންޏެވެ.

ކިހާދޫގެ ދަނޑުވެރިއެއްކަމަށްވާ ލުގުމާނު ބުނީ މޫސުން މިވަގުތު ދައްކާގޮތުން ދަނޑުވެރިކަން ރަނގަޅުވާނޭކަމަށް ލަފާކުރެވޭ ކަމަށާ، އެހެންވެއްޖެނަމަ މިދިޔަ އަހަރަށްވުރެ އުފެއްދޭ ތަކެތި އިތުރުވާނެކަމަށެވެ.

“އަހަރެންވެސް މިއަންނަ ހަފްތާތެރޭގައި ދަނޑުގައި ކަރާ ޖަހާނެ. ރޯދައަށް ކަރާ ލިބޭނެ މޫސުން ރަނގަޅަށް ދާނަމަ. މިހާރު ބައެއް ދަނޑުތައް އެބަހުރި މާއަޅާފަވެސް. މޭވާ ލިބޭ ހިސާބުގަވެސް.” ދަނޑުވެރިކަމުގެ މަސައްކަތުގައި 23 ވަނަ އަހަރު ހޭދަކުރަމުންއަންނަ ލުގުމާން ބުންޏެވެ.

500 އަށްވުރެ ބޮޑު އާބާދީއެއް އޮތް ކިހާދުއަކީ ބ. އަތޮޅުގައި ދަނޑުވެރިކަން ގަވާއިދުން ކުރަމުން އަންނަ2 ރަށުގެ ތެރެއިން 1 ރަށެވެ. އަތޮޅުގައި ދަނޑުވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރަނީ ގޮއިދޫގައެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ބައެއް ރަށްރަށާއި، ފަޅުރަށްރަށުގައިވެސް ދޭތެރެ ދޭތެރެއިން ދަނޑު ހައްދައި ހަދައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top