ދިރާގު ޓީވީ އާއި ދިރާގު ޕްލޭގެ ޚިދުމަތް ހުއްޓާލުމަށް ދިރާގުން ނިންމައިފިއެވެ.
މި ކަމާބެހޭ ގޮތުން އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ މުއްދަތު ހަމަވާތީ، ލައިސަންސް އާ ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމުން ދިރާގަކީ ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކުރުމަށް ޝަރުތު ފުރިހަމަނުވާ ކުންފުންޏެއްކަމަށް ނިންމައިފައިވާ ކަމަށެވެ.
އެމްބީސީން ވަނީ ބޭރުގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކަށް ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުން މަނާކޮށްފަ އެވެ.
އެ ގަވާއިދަށް ގެނައި ކުއްލި ބަދަލާ ގުޅިގެން، އިންސާފުވެރި ހަމަތަކުގެ މަތިން ހިންގާ ދެމެހެއްޓެނިވި ރެގިއުލޭޓަރީ ނިޒާމެއް ނެތި، ދިރާގު ޓީވީ އަދި ދިރާގު ޕްލޭގެ ހިދުމަތް ކުރިއަށް ނުގެންދެވޭނެތީ، އެކަން ހައްލުކުރުމަށް ކަމާބެހޭ އިދާރާތަކާއެކު މި އަހަރު ތެރޭގައި ގިނަ ގުނަ މަސައްކަތްތަކެއް ދިރާގުން ކޮށްފައިވާ ކަމަށް ދިރާގުންބުންޏެވެ.
“ލައިސަންސް އާ ވާނެކަމުގެ ޔަގީންކަމެއް ނެތުމުގެ ސަބަބުން ޕްލޭންތަކާއި އެއްގޮތަށް ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ވިޔަފާރި ފުޅާކޮށް ކުރިއަށް ނުގެންދެވި ގެއްލުންތަކެއް ވެފައިވަނީ. ރެގިއުލޭޓަރީ ގޮތުން ކުރިމަތިވެފައި މިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، ކުންފުންޏާ ހިއްސާދާރުންގެ ރައްކަލާއި މަންފާއަށާއި އަދި ކުންފުންޏަށް ލިބޭނެ ގެއްލުން އިތުރުވިޔަ ނުދިނުމަށްޓަކައި، ދިރާގު ޓީވީ އަދި ދިރާގުޕްލޭގެ ހިދުމަތް ހުއްޓާލުމަށް ދިރާގު ބޯޑުންވަނީ ނިންމާފައި.” ދިރާގުން ބުންޏެވެ.
އެ ގަވާއިދުގައިވާ ގޮތުގެމަތިން ހިދުމަތް ހުއްޓާލުމުގެ 30 ދުވަސް ކުރިން ކަސްޓަމަރުންނަށް އެންގުމަށް ލާޒިމްކޮށްފައިވާތީ، އަންނަ ޖެނުއަރީ 29 ވަނަ ދުވަހަކީ ދިރާގު ޓީވީ އަދި ދިރާގުޕްލޭ ޚިދުމަތް ފޯރުކޮށްދިނުމުގެ އެންމެފަހު ދުވަސް ކަމަށް އެ ކުންފުނިން ބުނެއެވެ. ދިރާގުން އެ ނިންމުން ނިންމަންޖެހުނީތީ ވެ ނުހަނު ހިތާމަކުރާ ކަމަށާއި އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.
“ކަން މިހެން އޮތް ނަމަވެސް، މިދަނޑިވަޅުގައި ދިރާގުން އެންމެ އިސްކަމެއް ދީފައިވާނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ދިރާގު ޓީވީ ކަސްޓަމަރުންނަށް، ތަފާތެއްނެތި ރަނގަޅު ފެންވަރެއްގައި އައިޕީޓީވީ ޚިދުމަތްތައް އިޚްތިޔާރުކުމުގެ ފުރުސަތުން މަހްރޫމްވިޔަ ނުދީ، އެކަމަށް ހައްލެއް ހޯދައި ދިނުމަށް. އެގޮތުން، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށް އެކުންފުންޔަށް ހުށަހެޅި އެކި ފަރާތްތަކާއިއެކުވަނީ މަޝްވަރާކޮށްފައި.” ދިރާގުން ބުނެއެވެ.
ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އަލަށް ލިބިފައިވާ އެސްއެސް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑާއެކު ކުރެވުނު މަޝްވަރާގެ ނަތީޖާއަކީ، ދިރާގުގެ އައިޕީޓީވީ އަދި އޯޓީޓީ ވިއުގަ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް އެ ފަރާތާއެކު އެއްބަސްވުމަކަށް އައުން ކަމަށް ދިރާގުން ބުނެފައިވެއެވެ.
އަދި އާ ރީބްރޯޑްކާސްޓަރުގެ ޚިދުމަތަށް ބަދަލުވާން ބޭނުންވާ ނަމަ، އެކަން ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމުވެސްވަނީ ހަމަޖެހިފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މިކަމާއިބެހޭ އިތުރު ތަފްސީލު ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ކަސްޓަމަރުންނަށް ހިއްސާ ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.