“ފެލާލައިފި” ނަމުގައި ޕީޕީއެމް އިން އަނެއްކާވެސް ބޮޑު ޖަލްސާ އެއް ބޭއްވުމަށް ނިންމައިފި އެވެ.
މި ޖަލްސާ ބާއްވަން ތައްޔާރުވަމުން އަންނަނީ ޑިސެމްބަރު 23 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި ކާނިވަލުގަ އެވެ.
“ފެލާލައިފި”ގެ ނަމުގައި މި ޖަލްސާ ބާއްވަން ނިންމީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދައި، ރައްޔިތުންގެ އަތުން ނަގަމުންދާ ޓެކްސް ބޮޑުކޮށް، ތަކެތީގެ އަގު އުފުލާ، ޚިދުމަތްތަކުގެ އަގު ބޮޑުވެ، އެކި ނަންނަމުގައި ރައްޔިތުން ޖޫރިމަނާކޮށް ރައްޔިތުން “ފެލަމުންދާތީ” އެކަންކަމަށް އަޑުއުފުލުމުގެ ގޮތުން ކަމުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ.
ސަރުކާރާ މެދު ހިތްހަމަނުޖެހޭ ވީހާވެސް ގިނަ ބަޔަކު މިޖަލްސާގައި ބައިވެރިވުމަށް ޕީޕީއެމް އިން ވަނީ ދައުވަތު ދީފަ އެވެ.
އިދިކޮޅު ކޯލިޝަނުން މީގެކުރިންވެސް ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑު ކިޔުމުގެ ގޮތުން ހާއްސަ ޖަލްސާތަކެއް ބާއްވާފަ އެވެ.
މިފަދަ ޖަލްސާތަކުގައި ވަރަށް ގިނަ ބަޔަކު ބައިވެރިވެ ސަރުކާރަށް ފާޑުކިޔާފައިވާ ކަން ވެސް ފާހަގަކުރެވެ އެވެ.