ސްކޫލްތަކުގެ ޕްރިންސިޕަލުންގެ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމައިފި އެވެ.
މި މަހާސިންތާ އަކީ ސްކޫލްތައް ހިންގުމުގަ އާއި ޕްރިންސިޕަލުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް އެކަންކަން ރަނގަޅުކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަހާސިންތާއެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޕްރިންސިޕަލުންގެ މި އަހަރުގެ މަހާސިންތާ އެހެން އަހަރުތަކުގެ މަހާސިންތާތަކާ ތަފާތުވާނެ ކަމަށެވެ.
މި މަހާސިންތާއާ ބެހޭ ގޮތުން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މިފަހަރުގެ މަހާސިންތާގައި މުދައްރިސުން ތަމްރީނު ކުރުމަށް އެކި ލެވެލްގައި ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، މިދާއިރާއަށް ފެންވަރު ރަނގަޅު މުދައްރިސުން ހޯދުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ. މީގެ އިތުރުން މަންހަޖު ތަންފިޒުކުރުމާއި، މުޖުތަމައާ ސްކޫލާ އޮންނަ ގުޅުމާއި، ޕްރިންސިޕަލުން ސްކޫލް ހިންގާ ގޮތާއި، ކްލާސްރޫމްގައި ކިޔަވައިދޭ ފެންވަރު މަތިކުރުންފަދަ ހުރިހާ ކަމަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކަރުދާސްތައް ސްކޫލްތަކަށް ފޮނުވާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މަހާސިންތާގެ ތައްޔާރީތަކަށް ޓީޗަރުންނާއި ޕްރިންސިޕަލުންގެ ޚިޔާލުތައް ހޯދާ މަޝްވަރާކުރުމަށް ދުރާލައި ކަރުދާސްތައް ސްކޫލްތަކަށް ފޮނުވާފައިވެ އެވެ.
ޕްރިންސިޕަލުންގެ މަހާސިންތާ އޮންނާނީ މި މަހުގެ 11 އާއި 12 ގައި ކްރޮސް ރޯޑްސްގަ އެވެ.





