ތާޖު އެގްޒޯޓިކާ ރިސޯޓް ކައިރިއަށް އިއްޔެ ހެނދުނު ބޯޓެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި މަރުވި ދިވެއްސަކީ ހިތާދޫ މީހެއްކަން އެނގިއްޖެ އެވެ.
ހާދިސާގައި މަރުވި ދިވެއްސަކީ އުމުރުގެ ބޮޑުބައި ކަނޑު އުޅަނދުފަހަރު ދުއްވުމުގައި ހޭދަކުރި، އުމުރުން 60 އަހަރުގެ ހިތާދޫ އަލީ ހުސައިން އެވެ. އޭނާއަކީ އުމުރުގެ ބޮޑުބައި ކަނޑު އުޅަނދުފަހަރު ދުއްވުމުގައި ހޭދަކޮށްފައިވާ ބ. ހިތާދޫގެ ތަޖުރިބާކާރު ކެޕްޓަނެކެވެ.
އަލީ ހުސައިންގެ އުމުރުގެ ވަރަށް ކުރީކޮޅުން ފެށިގެން އައީ ކަނޑުއުޅަނދުފަހަރުތަކުގައި މަސައްކަތް ކުރަމުންނެވެ. ހާއްސަކޮށް ކެޕްޓަނެއްގެ ގޮތުން ބަލާ ނަމަ އެއީ ތަޖުރިބާކާރެއް ކަމަށް އޭނާ ދަންނަ މީހުން ބުންޏެވެ.
ދުވަހު ނޫސް މިހާރު ގައި ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދާއި ހަވާލާ ދީ ބުނެފައިވާ ގޮތުގައިއަލީ ހުސައިނަކީ އެންމެންނާ ވެސް ވަރަށް ގުޅޭ ހިތްހެޔޮ މީހެއް ކަމަށެވެ.
“އުމުރުގެ ބޮޑުބައި ހޭދަކުރީ ކަނޑުމަތީގައި. މަހަށްދާ ދޯނިތަކުގެ ކެޕްޓަންކަން ކުރިން ކޮށް އުޅުނު. ދެން ސަޕްލައި ދޯނިތަކުގެ ކެޕްޓަންކަން ކުރި. އެ ބަންޑުން ޖަހާލި ދޯނި ދުއްވާތާ ވެސް ވަރަށް ގިނަ އަހަރު ވެފައިވާ ކަމަށް މައުލޫމާތު ލިބެނީ،” އޭނާ ބުންޏެވެ.
“ވަރަށް ރަނގަޅު މީހެއް އެއީ، އެންމެންނަށް ވެސް، އެންމެންނާ ވެސް ވަރަށް ގުޅޭނެ.”
އަލީ ހުސެއިން ނިޔާވިއިރު އޭނާގެ އާއިލާ ދިރިއުޅެމުން އައީ މާލޭގަ އެވެ. އޭނާގެ ކަށުނަމާދު ކުރުން އޮތީ ރޭގެ އިޝާ ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.
ދޯނި ބަންޑުން ޖަހާލި ސަބަބެއް އަދި އެމްއެންޑީއެފަކުން ނުބުނެ އެވެ.






