ބ.ކެންދޫ ބަޔަކު އަނެއްކާވެސް އެރަށް ކައިރީގައި އޮންނަ ފަޅުރަށެއް ކަމުގައިވާ ހުޅުދޫގައި ވެލާ ފެޅިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
ދުވަހު ނޫސް ”މިހާރު “ގައި މި ޚަބަރު ރިޕޯޓު ކުރަމުން ބުނެފައިވަނީ ހުޅުދޫގައި ބަޔަކު ވެލާ ފެޅި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހުގެ ފަރާތުން މި މަހުގެ 11 ވަނަ ދުވަހު ހެނދުނު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މިމައްސަލައާ ގުޅިގެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންގެ ތަހުގީގު ރިޕޯޓު މިހާރު އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އަށް ވަނީ ފޮނުވާފައި ކަމަށްވެސް ޚަބަރުގައި ބުނެފައިވެ އެވެ.
މިމައްސަލައިގައި ހިމެނޭ މީހުންގެ އަދަދެއް އަދި ރަށެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
މީގެކުރިން 2023 ވަނަ އަހަރު ވެސް ކެންދޫގެ ހަތް މީހަކު އެ އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި މައްސަލައެއްގައި އީއާރުއޭ އިން އެމީހުން ޖޫރިމަނާ ކުރި އެވެ. އެ ފަހަރު އެމީހުން ވަނީ ހަ ވެލާ ފަޅާލާފަ އެވެ.





