ދިރާސީ އާ އަހަރަށް ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ލިބުމުގައި ދަތިކަމެއް ނެތް ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އާންމު ޓީޗަރުން ހޯދަން ޖެހެނީ ބިދޭސީ ޓީޗަރުން ވަޒީފާއިން ވަކިވާ ނިސްބަތުން ކަމަށެވެ. އަދި 2،000 އަށް ވުރެ ގިނަ ބިދޭސީ ޓީޗަރުން ރާއްޖޭގައި ކިޔަވައިދޭ އިރު، 100-150 ޓީޗަރުންގެ މޫވްމަންޓެއް ކޮންމެ އަހަރަކު ވެސް އުޅޭ ކަމަށް ވަޒީރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ވަޒީފާއިން ވަކިވުމާއި، އަދި ސްކޫލްތަކުގައި ދަރިވަރުން އިތުރުވާ މިންވަރަށް ވެސް ޓީޗަރުން ހޯދަން ޖެހެއެވެ.
ޝަފީއު ވިދާޅުވީ އެ ޢަދަދުތަކަށް ބޭނުންވާ ޓީޗަރުން މިހާރު ހަމަޖައްސާފައިވާ އިރު، އިތުރަށް ބޭނުންވެއްޖެ ޙާލަތުގައި ސްޓޭންޑްބައިގައި ވެސް ޓީޗަރުން ހޯދާފައި ތިބޭ ކަމަށެވެ.
“އެއަށް ވިސްނާފައި އަހަރަކު 400 އެއްހާ ޓީޗަރުން ސްޓޭންޑްބައިގައި ތިބޭނެ. އާދަޔާ ޚިލާފަށް މޫވްމަންޓެއް އަޔަސް، ގިނަވެގެން 5 ދުވަހުގެ ތެރޭގައި ޓީޗަރެއް ގެނެވޭނެ،” މިނިސްޓަރު ވިދާޅުވި އެވެ. “ސްކޫލަށް ނިކުންނަން އޮންނަ ދުވަހު ޓީޗަރު ރިޒައިންކޮށްފި ނަމަވެސް، ލަސްވެގެން ފަސް ދުވަސްތެރޭ ޓީޗަރެއް ލިބޭ ވަރަށް ކަންކަން ވާނީ ހަމަޖައްސާފައި.”
ދިރާސީ އާ އަހަރު ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 27 ގަ އެވެ.






