އޭދަފުށީ ފެރީ ޓާމިނަލް ނިންމަން 4.4 މިލިޔަނަށް ނޯތު ވެސްޓް ކުންފުންޏާ ހަވާލުކޮށްފި

ފެރީ ޓާމިނަލްގެ މަސައްކްތް ނޯތު

މަސައްކަތް ހުއްޓިފައިވާ އޭދަފުށީ ފެރީޓާމިނަލްގެ ހުރިހާ މަސައްކަތެއް ނިންމުމަށް 4.4 މިލިޔަން ރުފިޔާ އަށް ނޯތު ވެސްޓް ޕްރައިވެޓް ލިމިޓެޑާއެކު، އޭދަފުށީ ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ނޯތު ވެސްޓާ އެކު ކައުންސިލުން ސޮއި ކޮށްފައި މިވަނީ، މިޕްރޮޖެކްޓް ކުރިން ހަވާލުކުރި ކުންފުންޏަށް މިމަސައްކަތް ނުނިމި މަސައްކަތް ހުއްޓިފައި އޮންނަތާ ދުވަސްތަކަކަށް ފަހު އެވެ.

އޭދަފުށީ ކައުންސިލުން ބުނީ ނޯތު ވެސްޓާއެކު ވެވުނު އެއްބަސްވުމުގެ ދަށުން މުޅި ޕްރޮޖެކްޓް ނިންމައި ފިނިޝިންގް މަސައްކަތްވެސް އެކުންފުނިން ކުރާނެކަމަށެވެ.

180 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރެވުނު މިއެއްބަސްވުމުގެ އަގަކީ 4.4 މިލިޔަން ރުފިޔާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

ކައުންސިލްގެ މެންބަރު ޒައިދު އަލީ ކުރިން އީވީއަށް ވިދާޅުވިގޮތުގައި 4900 އަކަފޫޓުގެ 2 ބުރިއަށް އިމާރާތް ކުރާ މިފެރީ ޓާމިނަލްގެ ތިރީގައި ހުންނާނީ 80 މީހުންގެ ޖާގައިގެ ހޯލެއްގެ އިތުރުން 580 އަކަފޫޓުގެ ދެ ތަނެވެ. މި ދެ ތަނަކީވެސް ފިހާރައެއް ނުވަތަ ގުދަނެއްގެ ގޮތުގައިވެސް ބޭނުން ކުރެވިދާނެ ދެ ތަން ކަމަށް ޒައިދު ވިދާޅުވި އެވެ. މީގެ އިތުރުން ދެ ފާޚާނާއާއި ޅަދަރި މައިންނަށް ބޭނުންވާ ޚިދުމަތްވެސް މި ފްލޯ އިން ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަތީބުރި ޚާއްސަ ކޮށްފައި ހުންނާނީ ވިޔަފާރި އުސޫލުން ކުއްޔަށް ދޫކުރާ ރެސްޓޯރެންޓް ނުވަތަ ކެފޭ އަކަށެވެ.

މައްސަލަ ބޮޑުވެ މަސައްކަތް ނުނިމި ގިނަ ދުވަސްވެފައިވާ އޭދަފުށީ ފެރީޓަމިނަލް ޕްރޮޖެކްޓަކީ 2014 ވަނަ އަހަރު އޭދަފުށީ ކައުންސިލުން ފެށި ޕްރޮޖެކްޓެކެވެ. އެމަޝްރޫއުގެ ދަށުން ފުރަތަމަ އަޅަންފެށި ޓާމިނަލް ފަހުން ތަޅާލައި، އަލުން މިޕްރޮޖެކްޓަށް ބަދަލު ގެނެސް އިމާރާތް ކުރަން ފެށީ މިދިޔަ އަހަރު ފަހުކޮޅުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top