ބ.އަތޮޅު ހޮސްޕިޓަލުގައި ލޮލުގެ ފަރުވާ ދޭން ރަސްމީކޮށް ފަށައިފި

IMG20221201083610.jpg

ބ.އަތޮޅު ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ފަރުވާ ދޭން މިއަދު ރަސްމީކޮށް ފަށައިފި އެވެ.

ޚާއްސަ ރަސްމިއްޔާތަކާއި އެކު މިޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ބ.އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އަފްރާހެވެ.

މި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ މެނޭޖަރު ހެލްތު ސާވިސް މުހައްމަދު ރަޝީދު ވިދާޅުވީ އެ ހޮސްޕިޓަލުން ލޮލުގެ ފަރުވާ ލިބެން ފެށުމަކީ އަތޮޅުގެ ރައްޔިތުންގެ ތެރެއިން މި ޚިދުމަތް ބޭނުން ވެފައިވާ ގިނަ ބަޔަކަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމުގަ އެވެ.

އަދި މިއީ އެތަނަށް ފަރުވާ ހޯދަން ޒިޔާރަތްކުރި ފަތުރުވެރިއަކަށް ހޮސްޕިޓަލުގެ ނަރުހުން ބެހެއްޓި އޯގާތެރިކަމާއި ހިތްހެޔޮ ކަމުގެ ނަތީޖާއެއްގެ ގޮތުން އެފަތުރުވެރިޔާ ހަދިޔާ ކުރެއްވި މެޝިނަރީޒް ތަކެއްކަން ފާހަގަކުރައްވައި އެކަމުގެ ތަފްސީލު ދެއްވިއެވެ.

”ޚާއްސަކޮށް ނަރުހުންގެ ފަރާތުން އެ ފަތުރުވެރިޔާއާއި މެދު ބެހެއްޓެވި އޯގާތެރިކަމާއި ހިތްހެޔޮކަމުގެ އަގު އޭނާ އަދާކުރަން ބޭނުންވީ. ކިތަންމެ އަގު ބޮޑު އެއްޗެއް ނަމަވެސް އެ އެއްޗެއް ހޯއްދަވައިދެއްވާނެ ކަމަށާއި މި ހޮސްޕިޓަލަށް އެންމެ ބޭނުންވަނީ ކޯއްޗެއްތޯ އެއްސެވި. ހޮސްޕިޓަލުން ބޭނުންވީ ލޮލުގެ ޚިދުމަތަށް ބޭނުންވާ މެޝިނަރީޒް ހޯދުމަށް. އޭގެ ނަތީޖާ މި ފެނުނީ.“މެނޭޖަރު ރަޝީދު ވިދާޅުވި އެވެ.

އެކަމަށްޓަކައި ޚާއްސަކޮށް ހުރިހާ ނަރުހުންނަށް މެނޭޖަރު ރަޝީދު ޝުކުރު އަދާކުރެއްވިއެވެ.

މެނޭޖަރު ވިދާޅުވީ އަދިވެސް ހޮސްޕިޓަލުގެ ކުރިއެރުމަށާއި ވަސީލަތް އިތުރުކޮށް ފުޅާކޮށް ދިނުމަށް އެހީތެރިވާނެ ކަމުގެ ޔަގީންކަން އެފަތުރުވެރިޔާ ދޭކަމަށެވެ.

ބ.އަތޮޅު ހޮސްޕިޓަލަށް ލިބުނު އާމެޝިނަރީސް އާއި އެކު ޑިޖިޓަލްކޮށް ލޯ ބެލުމާއި، ލޮލުގެ ނަމްބަރު ނެގުމާއި ލޮލުގެ އެހެނިހެން މައްސަލަތަކަށް ވެސް ފަރުވާ ދެވޭނެކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއްވި އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top