އާންމު އުސޫލާ ހިލާފަށް ކުޑަރިކިލުގައި، އިމާމު ހުކުރުނަމާދު ކޮށްފި

21685940_286147201883977_1254617924506217309_n.jpg

ކުޑަރިކިލު ބަޔަކު އެރަށުގައި އޮތް ހިނގާލުމަކަށްފަހު ދުއާއެއް ކުރުމުގައި ބައިވެރިވަނީ. އެރަށުގައި މިދިޔަ ހުކުރުދުވަހު ހުކުރު ކުރީ އާންމު އުސޫލާ ހިލާފަށްކަމަށްވޭ / ފޮޓޯ: ކުޑަރިކިލު ޒުވާނުންގެ ޖަމްއިއްޔާ

އާންމުކޮށް ކަންކުރާ ގޮތާ ތަފާތުގޮތަކަށް މިދިޔަ ހުކުރު ދުވަހު ބ. ކުޑަރިކިލުގައި ހުކުރުނަމާދު ކޮށްފިއެވެ.

ރާއްޖޭގެ މިސްކިތްތަކުގައި ހުކުރު ނަމާދަށް ބަންގި ގޮވާ މީހާއާއި ޚުތުބާ ކިޔާ މީހަކީ ދެ މީހެކެވެ. އެކަކު މި ދެކަންތަކެއް ނުކުރެއެވެ. ނަމަވެސް މިދިޔަ ހުކުރުދުވަހު ކުޑަރިކިލުގައި ހުކުރުނަމާދަށް ބަންގި ގޮވައި ހުކުރު ޚުތުބާ ކީވެސް އެރަށު މިސްކިތުގެ މުދިމެވެ.

ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހަންނާނު އައްބާސް “ރާއްޖެއެމްވީ”އަށް ވިދާޅުވިކަމަށް އެނޫހުގައިވަނީ މިދިޔަ ހުކުރު ދުވަހު އެރަށު މިސްކިތުގައި ހުކުރު ކުރަން ތާވަލުގައި އޮތީ މިސްކިތުގެ މުދިމު ކަމަށާއި އޭނާއަށް ޚުތުބާ ކިޔަންޖެހޭ ހަފުތާގައި، ބަންގި ގޮވާނީ އެހެން މީހެއް ކަމަށެވެ. 

ނަމަވެސް މުދިމު އެ ދުވަހު ހުކުރު ބަންގި ގޮވީ، ޚުތުބާ ކިޔުމަށް މިންބަރަަށް އަރައި ހުރެގެންކަމަށް ވެއެވެ. މިކަމާ ގުޅިގެން މުދިމު ކައުންސިލަށް ހާޒިރުކޮށް އެގޮތަށް އަމަލު ނުކުރަން ނަސޭހަތްތެރިވި ކަމަށް ހަންނާނު ވިދާޅުވި އެވެ.

ހަންނާނު ވިދާޅުވިކަމަށް ރާއްޖެއެމްވީގައި އިތުރަށް ލިޔެފައިވަނީ އެރަށު މިސްކިތް ހިނގަމުންދަނީ އިސްލާމިކް މިނިސްޓްރީގެ ދަށުން ކަމަށްވިޔަސް، ރަށުގައި މިސްކިތުގެ ކަންކަން ބަލަހައްޓަމުންދަނީ ކައުންސިލްގެ އިދާރާގެ ދަށުން ޒިންމާދާރު ވެރިޔާއެވެ. ނަމަވެސް މިސްކިތުގެ މުދިމު ހުކުރު ދުވަހު އަމަލުކުރީ، އެއްވެސް ގޮތަކަށް ޒިންމާދާރު ވެރިޔާއަށް އެއްވެސް ކަމެއް އެންގުމަކާ ނުލައި ކަމަށް ހަންނާނު ވިދާޅުވިއެވެ. 

ކުޑަރިކިލުން ވާހަކަދެއްކި މީހަކު ބުނީ އެދުވަހު އިމާމު މީހާ ބަންގިގޮވީ ބަންގިގޮވަން ހަމަޖެއްސި މީހާ ހުކުރު ކުރުމަށް ކައިރި ރިސޯޓަކަށް ދާންޖެހުމުން ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި ކައުންސިލްގެ އަޅާލުން ކުޑަވާތީ މުދިމު އަމިއްލައަށް މިންބަރަށް އަރައި ބަންގިގޮވާ، ޚުތުބާވެސް ކީއެވެ.

މިއީ ބ. އަތޮޅުގެ ރަށެއްގައި މިފަހުގެ ތާރީހެއްގައި މިފަދަ ގޮތަކަށް ހުކުރު ނަމާދުކުރި ފުރަތަމަ ފަހަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top