ފެހެންދޫން މިއަހަރު މިނިވަން ޗެންޕިއަންޝިޕްގައި ވާދަކުރަން ނިންމައިފި

15349675_1324121660995011_44348046785718168_n.jpg

ބ. ފެހެންދޫން މިއަހަރު މިނިވަން ޗެންޕިއަންޝިޕްގައި ބައިވެރިވާން ނިންމާފައިވާކަން އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.

ފެހެންދޫ ކައުންސިލުން މިކަން ހާމަކުރީ ފެހެންދޫ ފުޓްބޯޅައިގެ ހަރަކާތްތައް 2018 ވަނަ އަހަރަށް ރާވަމުންދާ ގޮތާ ގުޅޭގޮތުން އޭދަފުށި ވޮއިސްއިން އެރަށު ކައުންސިލާ ކުރިމަތިކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވީ ފެހެންދޫ ފުޓްބޯޅަ ޓީމް ފުރަތަމަ ފަހަރަށް މިނިވަން ޗެންޕިއަންޝިޕަށް މިއަހަރު ނުކުންނަށް ނިންމީ ހުރިހާ ގޮތަކުންވެސް އެފެންވަރުގެ މުބާރާތަކަށް ތައްޔާރުވެފައިވާތީ ކަމަށެވެ.

“އަތޮޅު ފެންވަރުގައި އަޅުގަނޑުމެން އެންމެ ބޮޑެތި ވަރުގަދަ ޓީމްތަކާކުޅެ އެއްއަހަރު ޗެންޕިއަންކަން ހޯދައިފި. ޓީމްގައި އެބަތިބި އަތޮޅު ފެންވަރުގައި ވާދަކޮށް ތަޖުރިބާހުރި ކުޅުންތެރިން. އެހެންވީމާ އަޅުގަނޑުމެން މިހާރު މިނިންމީ ދެން ކުރިމަތިލާނީ ގައުމީ ފެންވަރުގައި ކާމިޔާބެއް ހޯދުމަށް ކަމަށް” ފެހެންދޫ ފުޓްބޯޅަ ޓީމް އަތޮޅު މުބާރާތްތަކުގައި ވާދަކުރިއިރު ޓީމްގެ މެނޭޖަރުކަންވެސް ކޮށްފައިވާ އެމްޑީޕީ ކައުންސިލަރު މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ މިނިވަން ޗެންޕިއަންޝިޕަށް ފެހެންދޫ ޓީމް ނުކުންނައިރު މާލީގޮތުންވެސް ޓީމް އޮތީ ތައްޔާރީ ހާލަތުގައި ކަމަށެވެ. އޭނާ ވިދާޅުވީ ފެހެންދޫ ޓީމަށް ކައުންސިލުން އެއްވެސް ހަރަދެއް ނުކުރާނެކަމަށާ، ހެޔޮއެދޭ ފަރާތްތަކުން މިހާރުވެސް ޓީމް ތައްޔާރުވުމަށް ހަތްދިހަހާސް ރުފިޔާވަރު ސްޕޮންސާކޮށްފައިވާ ކަމަށެވެ.

“ފައިސާގެ ދަތިކަމެއް ނެތް. މިހާރުވެސް ސްޕޮންސާގެ ގޮތުގައި ހެޔޮއެދޭ ފަރާތްތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އެބައާދޭ. ގާތްގަނޑަކަށް ހަތްދިހަހާސް ރުފިޔާވަރު މިހާރުވެސް ލިބިފައި އެބަހުއްޓޭ ދަންނަވަން ކެރޭ އަޅުގަނޑަށް.

މޫސަ ވިދާޅުވީ ފުރަތަމަ އަހަރު މުބާރާތަށް ކުރިމަތިލާއިރު ވިސްނުންހުރީ އަތޮޅު މުބާރާތް ކާމިޔާބު ކޮށް ޒޯނަށް ކޮލިފައިވެ ރަނގަޅު ނަތީޖާއެއް ހޯދުން ކަމަށެވެ.

2015 ވަނަ އަހަރު އެފްއޭއެމުން ފެށި މިނިވަން ޗެންޕިއަންޝިޕް ފުރަތަމަ މުބާރާތުގައި ބ. އަތޮޅުން ވާދަކޮށފައިވަނީ ހިތާދޫއާ އޭދަފުއްޓެވެ. އެއަހަރު އަތޮޅު ޗެންޕިއަންކަން ހޯދި އޭދަފުށި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރިއެވެ. 2016 ވަނަ އަހަރު ބ. އަތޮޅު ވާދަކުރީ އޭދަފުށި އެކަންޏެވެ. އެއަހަރު އޭދަފުށި މުބާރާތުގެ ޗެންޕިއަންކަން ހޯދިއެވެ. 2017 ވަނަ އަހަރު ބ. އަތޮޅުން މިމުބާރާތުގައި ވާދަކުރީ އޭދަފުއްޓާ ދަރަވަންދޫއެވެ. އެއަހަރުވެސް އަތޮޅު ޗެންޕިއަނުންގެ ގޮތުގައި އޭދަފުށި މުބާރާތުގެ ފައިނަލް ރައުންޑަށް ދަތުރުކުރިއެވެ.

މިނިވަން ޗެންޕިއަންޝިޕް މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުއެވެ. މިމުބާރާތުގައި މިއަހަރު ބ. އަތޮޅުން ފެހެންދޫ ވާދަކުރާނެކަން ހާމަކުރިއިރު ރިޕޯޓްތައް ލިބޭގޮތުން އޭދަފުއްޓާއި އިތުރު ބައެއް ރަށްރަށްވެސް މިއަހަރު ބ. އަތޮޅުން މިމުބާރާތަށް ނުކުންނާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top