އުރީދޫން ރާއްޖޭގައި މުވާސަލާތުގެ ޚިދުމަތް ދެމުން އަންނަތާ 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެކުންފުނިން ކަސްޓަމަރުންނަށް އެއްމަސްދުވަހަށް ދިގުދެމިގެންދާ ޕްރޮމޯޝަންތަކާއެކު އެއްމިލިއަންރުފިޔާގެ ހަދިޔާ ދިނުމަށްނިންމައިފިއެވެ.
މިކަމާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށްމިއަދު ބޭއްވި ބައްދަލުވުމުގައި އުރީދޫގެ ސީނިއަރ އެގްޒެކެޓިވް ޕަބްލިކްރިލޭޝަން ނޫރާ އިބްރާހީމް ވިދާޅުވީ އުރީދޫގެ ކޮންމެކަސްޓަމަރަކަށްވެސް މިއަދު ހިލޭ 50 މިނިޓް ލިބޭނޭކަމުގައެވެ. އަދި 50 ރުފިޔާއަށްވުރެ ބޮޑުއަދަދަކުން ރީޗާޖްކުރައްވައިފިނަމަ %10 ބޯނަސްވެސް ލިބޭނެކަމުގައި ނޫރާ ވިދާޅުވިއެވެ.
“ގުޑްމޯނިންގ މޯލްޑިވްސް” ޕްރޮމޯޝަން މިއަދުން ފެށިގެން މި މަހުގެ 10ވަނަ ދުވާހާ ހަމައަށް ކުރިއަށް ދާއިރު ހެނދުނު 8:00 ން 10:00 އަށް 50 އެމްބީގެ ޑާޓާ ހިލޭ ލިބޭނެކަމަށްވެސް ނޫރާ ވިދާޅުވިއެވެ.
އެކުންފުނީގެ ސީއީއޯ ވިކްރަމަސިންހާ ވިދާޅުވީ އާޚިދުމަތްތައް ތައާރަފްކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް މުސްތަގްބަލުގައި ހެޔޮއަގުގައި ޚިދުމަތް ފޯރުކޮށްދޭނެކަމުގައެވެ.
އެކުންފުނީގެ ޚިދުމަތް ހޯދަމުން އަންނަތާ 10އަހަރުވެފައިވާ ކަސްޓަމަރުންނަށް އޮތް އެންމެ ބޮޑު އުފަލަކީ އެކަސްޓަމަރުންގެމެދުގައި ނެގޭ ލަކީ ޑްރޯއަކުން ހޮވާލެވޭ 10 ނަސީބުވެރިން ނަށް އަގުބޮޑު އިނާމުތަކެއް ހުށަހެޅިފައިވާ ކަމެވެ. އިނާމުތަކުގެ ތެރޭގައި އައިޕެޑާއި އެޕަލްޓީވީއާއި މެކްބުކްފަދަ އެޕަލްކުންފުނީގެ އުފެއްދުންތައްވެސް ހިމެނެއެވެ.
އުރީދޫއަކީ ދިވެހި ރާއްޖޭގެ މުވާސަލާތުގެ ޚިދުމަތް މޮނޮޕޮލައިޒް ކުރެވިފައި ވަނިކޮށް އެކަމަށް “އިންގިލާބެއް” ގެނެސް އެންމެ ފަގީރުމީހާއާ ހަމައަށް ޚިދުމަތް ފޯރުކޮށްދިން ކުންފުންޏެވެ. އޭގެކުރިން ދިރާގުން ޚިދުމަތްދެމުންއައީ އާދައިގެ މީހަކަށް އަތްފޯރާ ވަރަށްވުރެ ބޮޑުއަގެއްގައެވެ.