ދިރާގު ޓީވީގެ ރީބްރޯޑްކާސްޓިން ލައިސަންސް އާ ނުކޮށްދޭން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާފައިވާ ނިންމުން މަޑުޖައްސައިލުމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ދިރާގު ޓީވީއަށް ލައިސަންސް ނުދޭން ކޮމިޝަނުން ނިންމީ ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ގެނައި އިސްލާހަކަށް އަމަލު ކުރުމުގެ ގޮތުންނެވެ. . އިސްލާހުގައިވާ ގޮތުން ސަތޭކަ ޕަސެންޓް ދިވެހި ކުންފުންްޏަކަށް ނޫނީ ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ނުލިބޭނެ އެވެ.
ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސަށް ދިރާގު މިހާރު ޝަރުތު ހަމައެއް ނުވެ އެވެ. އެއީ ދިރާގުގެ މެޖޯރިޓީ ހިއްސާދާރަކީ ބަހުރެއިންގެ ބަޓެލްކޯ އެވެ.
ބްރޯޑްކޮމްގެ ނިންމުން އުވާލުމަށް އެދި ދިރާގުން ހުށަހަޅާފައިވާ މައްސަލާގައި، އެ ކޯޓުން ނެރުނު ވަގުތީ އަމުރުގައި ފާހަގަކޮށްފައިވަނީ، އެފަދަ އަމުރެއް ނެތި، އެ މައްސަލަ ދެން ނިންމޭ ގޮތަކުން، ދިރާގުން އެތައް ފައިސާއެއް އިންވެސްޓްކޮށްފައިވާ ވިޔަފާރިއަށް އިޔާދަނުކުރެވޭ ވަރު ގެއްލުމެއް ވެދާނެ ކަމަށެވެ.
އަދި އެ ފަދަ އަމުރެއް ނެރުމުގެ ސަބަބުން ބްރޯޑްކޮމަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
ދިރާގަށް ބްރޯޑްކާސްޓިންގެ ލައިންސެންސް ދޫކޮށްފައިވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެވެ. އެ ލައިސެންސް އަންނަ ޖެނުއަރީ މަހަށް ހަމަވެ އެވެ.