ކެންދޫ ބޯފެނަށް ޖެހިއްޖެ. 22000 ލިޓަރު ބޭނުންވޭ

kendhoo.jpg

ބ. ކެންދޫ އޭރިއަލް ފޮޓޯއެއް / ފޮޓޯ: ގެސްޓްހައުސް މޯލްޑިވްސް

ބ. އަތޮޅު ކެންދޫން އާންމުންނަށް ދޫކުރާ ބޯފެން ހުސްވެ، ފެނަށްޖެހިފައިވާތީ ކަމާބެހޭ ފަރާތްތަކުގައި ފެންހޯދުމަށް އެދިއްޖެއެވެ.

ކެންދޫ ކައުންސިލުން ބުނީ ކޮންމެ އަހަރަކުވެސް އިރުވައި މޫސުމުގެ ހަނަފަސް ދުވަސްވަރާ ދިމާކޮށް އެރަށަށް މިމައްސަލަ ދިމާވަމުންދާކަމަށާ، މިއަހަރުވެސް ފެނަށްޖެހިފައިވާތީ، އެކަން ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. ކެންދޫ ކައުންސިލްގެ ނާއިބްރައީސް އަހްމަދު އަބްދުއްސައްތާރު އީވީއަށް ވިދާޅުވީ މިވަގުތު އެރަށުގެ އާންމު ތާނގީތަކުގައި ހުރީ ފަސްހާހެއްހާ ލިޓަރުގެ ވާރޭފެން ކަމަށާ، އިތުރު ބާވީސްހާސް ލިޓަރުގެ ބޯފެން ހޯދުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާކަމަށެވެ.

“މިދިޔަ ހަފްތާގައި ދަންނަވާފައިވާނީ. އަޅުގަނޑުމެން އަތުގައި ތާންގީތަކުގެ ކެފޭސިޓީ ހުރިވަރަކީ ބާވީސްހާސް އެހެންވީމާ އެއަދަދަށް އެދިފައި އޮންނާނީ” އަހްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކެންދުއަކީ ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް ބޯފެނަށްޖެހިގެން ފެން ގެންނަންޖެހޭ ރަށެއްކަމަށާ، މިދިޔަ އަހަރުވެސް ހޫނު މޫސުމުގެ ތެރޭގައި ސައްބީސްހާސް ލިޓަރުގެ ބޯފެން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ފޯރުކޮށްދީފައިވާކަމަށެވެ. އަދި މިއަހަރުވެސް ވަރަށް އަވަހަށް ފެން ފޯރުކޮށްދެވޭނެކަމަށް އުއްމީދުކުރައްވާކަަމަށް އަހްމަދު ވިދާޅުވިއެވެ.

2004 ސުނާމީއަށްފަހު ބ. އަތޮޅުގެ ގިނަރަށްތަކަކަށް ކޮންމެ އަހަރަކުވެސް ފެނުގެ ދަތިތަކާ ކުރިމަތިވަމުންދާތީ، ސަރުކާރުން ފެން އަންނަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން ބ. ކިހާދޫ، ހިތާދޫ، ދޮންފަނު ފާހަގަކޮށްލެވެއެވެ. އަދި އޭދަފުށީގައިވެސް ދޭތެރެ ދޭތެރެއިން އެރަށުގެ ފެން ޕްލާންޓް މެދުވެރިކޮށް އާންމުންނަށް ފެންދޫކުރެއެވެ.

1200 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ބ. ކެންދޫއަކީ ފެންފަށަލައަށްވެސް ސުނާމީގައި ބޮޑުގެއްލުމެއް ލިބުނު ރަށެކެވެ. އެރަށު ކައުންސިލުން ބުނަނީ ވަޅުފެން ތަޢައްޔަރުވެފައިވާތީ، ކެއްކުމާ، ފެންވެރުމަށްވެސް ބޭނުންކުރަން ކަމުނުދާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top