”އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި، ސަބަބު ސިއްރެއް ނުކުރެވޭނެ.“ 

ahmed-abdulla-didi.jpg

ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި، ތިބި ހަގީގީ ސަބަބު ހާމަކުރަން ޖެހޭނެ ކަމަށާއި އެކަން ސިއްރެއް ނުކުރެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ހޯދުމަށް ނޫސްވެރިއަކު ހުށަހެޅުމުން އެ މައުލޫމާތު ޑިފެންސް މިނިސްޓްރީން ދީފައިނުވާތީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅި މައްސަލައެއްގައި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ވަނީ އަޑުއެހުމެއް ބާއްވާފަ އެވެ. މިއަޑު އެހުމުގައި ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ޝިމާހު ވިދާޅުވީ އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުމަށް ބުރޫ އަރާފާނެ ކަމަށެވެ. އެ ބައްދަލްވުމުގައި ޝިމާހު ވިދާޅުވީ ޑިފެންސް މިނިސްޓްރީން ވަނީ އެ މައުލޫމާތު ހާމަކުރެވިދާނެތޯ ބެލުމަށް ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށައެޅި ކަމަށެވެ. ނަމަވެސް އެއީ ގައުމީ ސަލާމަތާއި ގުޅުންހުރި މައުލޫމާތުތަކަކަށްވާތީ އެ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަަށް ސިފައިންގެ ލަފާދޭ މަޖިލީހުން އަންގާފައިވާ ކަމަށެވެ.

ސިމާހު ވިދާޅުވީ އިންޑިއާ ސިފައިން ތިބި އަދަދާއި އެމީހުންނަށް ދިވެހިރާއްޖޭގެ ދައުލަތުން ކުރާ ހަރަދު ހާމަނުކުރީ އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

އެކަމާ ގުޅިގެން އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނޫ އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރު ބޭނުންކުރެވޭނީ ގާނޫނު އަސާސީގެ 115(ރ)އާ އެއްގޮތަށް ކަމަށާއި ރައްޔިތުންނަށް ޖަވާބުދާރީ ވަނިވި އުސޫލަކުން ކަމަށެވެ.

“އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި، ތިބި ހަގިގީ ސަބަބު ހާމަކުރަންވާނެެ. އދ. ގެ ޗާޓަރ 102 އާ ޚިލާފަށް އެއްބަސްވުން ސިއްރު ނުކުރެވޭނެ.” އަބްދުﷲ ދީދީ ވިދާޅުވިއެވެ.

 

 

ސިފައިންގެ ޤާނޫނުގެ 24 ވަނަ މާއްދާގައި ވާގޮތުން ދިވެހި ރާއްޖޭގެ އަމަން އަމާންކަމަށާއި، ސަލާމަތަށް އެއްވެސް ގެއްލުމެއް ލިބިދާނެ މައުލޫމާތެއް ނަމަ އެ މައުލޫމާތެއް އާންމު ނުކުރެވޭނެ ކަމަށް ސިމާހު ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބެނީ އެ ގައުމުގެ ސިފައިން އުދުއްސާގޮތަށް ރާއްޖެއަށް “ހަދިޔާ” ކޮށްފައިވާ ދެ ހެލްކޮޕްޓަރު ދުއްވުމަށާއި ރާއްޖޭގައި ގާއިމްކޮށްފައިވާ ދިހަ ރާޑާ ސިސްޓަމްގެ އެކި މަސައްކަތްތަކަށެވެ.

ރާއްޖެ-އިންޑިއާ ގުޅުން އެހެން ލެވެލްއަކަށް ގޮސްފައިވާ ކަމަށް ބުނެ އާންމުން ގެންދަނީ “އިންޑިއާ އައުޓް” ގެ ނަމުގައި ކެންޕެއިނެއް ހިންގަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top