މަދަނީ ޖަމިއްޔާތަކުގެ އެވޯޑު ނުވަތަ ސިވިލް ސޮސައިޓީ އެވޯޑަށް ނަން ހުށަހެޅުމަށް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ހުޅުވާލައިފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ، މި އެވޯޑު ދިނުމުގެ މަގުސަދަކީ ޖަމިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށާއި ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްގެން ހިންގާ މަދަނީ ޖަމިއްޔާތަކުން މުޖުތަމައު ބާރުވެރި ކުރުވުމުގެ ގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތް ފާހަގަ ކުރުން ކަމަށެވެ.
އަދި އަމިއްލަ އިސްނެގުމުގެ މަތިން އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމިއްޔާތަކުގެ ތެރެއިން ނަމޫނާ ދަައްކައިދޭ ފަދަ މަސައްކަތްތަކެއް ކޮށްފައިވާ ޖަމިއްޔާތަކަށް ދެވޭ އިނާމެއް ކަމަށާ މި އިނާމު ލިބޭ ފަރާތްތަކަށާއި، ޖަމިއްޔާތަކަށް ޚާއްސަ އެވޯޑަކާއި ސެޓްފިކެޓް ލިބޭނެކަމަށް ޔޫތް މިނސްޓްރީން ބުނެއެވެ.
މި އެވޯޑަށް ޝައުގުވެރިވާ ޖަމިއްޔާތަކުން ނަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 އަށެވެ.
އެޕްލިކޭޝަން ފޯމް ބަލައިގަންނާނީ ގޫގުލް ލިންކް މެދުވެރިކޮށް ނުވަތަ ޔޫތު މިނިސްޓްރީގެ ކައުންޓަރުން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު އަދި ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައެޅުމަށް އެ މިނިސްޓްރީއިން އެދެއެވެ.
އެ އިނާމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.