ސަރުކާރުންދޭ ތެލުގެ ސަބްސިޑީޒްތައް އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލު ކޮށް އެއަށް އަމަލު ކުރަން ފަށަން ތައްޔާރުވަމުން ދާކަން ސަރުކާރުން ހާމަ ކޮށްފިއެވެ.
މިކަން ހާމަ ކުރައްވާފައިވަނީ، ރާއްޖޭގެ އިގްތިސާދީ އަދި ފިސްކަލް ހާލަތާ ގުޅޭ މައުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، މިހާރު ސަބްސިޑީ ދެމުންދާ އުސޫލަށް ބަދަލު ގެނައުމަކީ އެކަމުން ވަރަށް ގިނަ ބަޔަކަށް އަސަރު ކުރާނެ ކަމެއް ކަމަށާއި އެހެންކަމުން ސަބްސިޑީ ދެމުންދާ އުސޫލަށް ބަދަލު ގެންނާނީ އެކަމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކޮށް ނިމުމުން ކަމަށެވެ.
ނަމަވެސް ޓާގެޓެޑް ސަބްސިޓީއަށް ދިއުމުގެ މަސައްކަތް މިހާރު އޮތީ ފަށާފައި ކަމަށާއި އެކަން ތަންފީޒު ކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި އެކަމުގެ ތަފްސީލު ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަމީރު މިފަދައިން ވިދާޅުވިއިރު، ސަރުކާރުންދޭ ތެލުގެ ސަބްސިޑީ އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރުން މުހިއްމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ. މިއަހަރުގެ މިނިވަން ދުވަހު ގައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ ނިންމެވުމަކީ ނިންމަވަން އުނދަގޫ ބުރަ ނިންމުމެއް ނަމަވެސް އެކަން ކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގައި ދެމުންދާ ބައެއް އަސާސީ ހިދުމަތްތަކުން ސަބްސިޑީ މިހާރު ދެމުންދަނީ، ކެރިފޯރުންތެރިކަމަށް ބެލުމެއް ނެތި އެންމެނަށް ވެސް ލިބޭ ގޮތަށެވެ.