ބ.އަތޮޅު 7 ރަށެއްގެ އަންހެނުންގެ ކޮމިޓީ ގުޅިގެން ”އަލުން ބަލުން“ ރީސޭލް މާކެޓެއް!

ކލކލކ.jpg

ބ. އަތޮޅުގެ ބޮޑު ރީސޭލް މާކެޓް "އަލުން ބަލުން" އެ އަތޮޅު ދޮންފަނުގައި ކުރިއަށް ދަނީ -- ފޮޓޯ: ސޮނެވާ ނަމޫނާ ޖަމިއްޔާ

ބ.އަތޮޅު 7 ރަށެއްގެ އަންހެނުން ކޮމެޓީ އިސްނަގައިގެން އެ ރަށްރަށުގެ ކައުންސިލުތަކާއި ސޮނެވާ ނަމޫނާ ޖަމިއްޔާ ގުޅިގެން ”އަލުން ބަލުން “ގެ ނަމުގައި ރިސޭލް މާކެޓެއް ފަށައިފި އެވެ.

”އަލުން ބަލުން“ މާކެޓުގައި ބައިވެރިވާ ހަތް ރަށަކީ މާޅޮސް، ދަރަވަންދޫ، ކިހާދޫ، ދޮންފަނު، ކުޑަރިކިލު، ކަމަދޫ އަދި ކެންދު އެވެ. އެ ހަތް ރަށުގެ ރައްޔިތުންނަށް ވެސް ކުރިން ބޭނުންކޮށްފައިވާ ތަކެތި ހެޔޮ އަގުގައި އެ މާކެޓުން ލިބޭނެ ކަމަށް ސޮނެވާ ނަމޫނާ ޖަމިއްޔާއިން ނެރުނު ނޫސް ބަޔާނެއްގައި ބުންޏެވެ.

އިއްޔެއިން ފެށިގެން ކުރިއަށް ގެންދާ މި މާކެޓުގެ މަގުސަދަކީ ރަނގަޅު ހާލަތުގައި ހުރި ބޭނުން ނުކުރާ މުދާ އުކާލުމުގެ ބަދަލުގައި އަލުން ބޭނުންކުރުމުގެ ސަގާފަތެއް އުފެއްދުން ކަމަށާއި އެ މާކެޓްގެ ސަބަބުން އެއްޗެހި އުކާލުމުގެ ކުރިން އިތުރަށް ބޭނުން ކުރެވިދާނެ އެއްޗެއްތޯ ރައްޔިތުން ވިސްނާލުމުގެ އާދަ ވެސް އަށަގެންނެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ސޮނެވާ ނަމޫނާ ޖަމިއްޔާގެ ރިޑިއުސް މެނޭޖަރު ޚާދީ ހަމީދު ވިދާޅުވި އެވެ.

މި މާކެޓުގައި ބައިވެރިވާ ރަށްތަކުގެ ގޭބިސީތަކުން އުކާލާ ސާމާނުގައި ހިމެނޭ އަލުން ބޭނުންކުރެވޭނެ ޒާތުގެ ތަކެތި އެ ރަށެއްގެ އަންހެނުންގެ ކޮމިޓީން ފާހަގަކޮށް، ސާފުކޮށް އަދި މަރާމާތުކުރުމަށްފަހު ވިއްކުމަށްޓަކައި މި ޕްރޮގްރާމްގައި ބައިވެރިވާ އެހެން ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް ފޮނުވާނެ އެވެ.

މި ގޮތަށް އެއް ރަށެއްގައި އެއްކުރެވޭ ތަކެތި އެހެން ރަށަކަށް ވިއްކުމަށް ފޮނުވުމުން ކުދި ކުދި ރަށްތަކުގައި ކުރިން ބޭނުންކޮށްފައިވާ ތަކެތި ވިއްކުމަށް ހުންނަ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށް ވެސް އެ ކޮމެޓީން ބުންޏެވެ.

މި މާކެޓުން ލިބޭ ފައިސާ ބޭނުން ކުރާނީ ރަށްރަށުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއިން ކުރާ ކަންކަމަށެވެ.

އެ ހަތް ރަށުގައި އިއްޔެ އެ މާކެޓް އިފްތިތާހު ކުރިއިރު، މި މަހުގެ 8 ވަނަ ދުވަހު މި މާކެޓުގެ ދެވަނަ ބުރު ލޯންޗު ކުރާނީ ކިހާދޫގަ އެވެ. އޭގެފަހުން ކޮންމެ ހޮނިހިރު ދުވަހަކު އެތަނުން ކޮންމެވެސް އެއް ރަށެއްގައި އެ މާކެޓް އޮންނާނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top