މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާބެހޭ ބިލު ފާސްކޮށްފި

b_wgL6EceZ85OTPBon8zk6e1btu.jpg

މަސްދަރު ހާމަކުރަންޖެހޭ އިސްލާހާ ގުޅިގެން ނޫސްވެރިން ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި އިހުތިޖާޖު ކުރަނީ --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ހެއްކާ ބެހޭ ބިލު ދިރާސާ ކޮށްފައިވަނީ ޖުޑިޝަރީ ކޮމިޓީންނެވެ.

ޖުޑިޝަރީ ކޮމިިޓީން އެ ބިލު ދިރާސާކުރުމަށް ފަހު ހުށަހެޅި ރިޕޯޓަށް 15 އިސްލާހެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ފާސްކޮށްފައިވެއެވެ. އަދި އެ އިސްލާހުތަކާއެކު އެ ބިލު ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ފަސް މެންބަރަކު ވޯޓު ދެއްވާފައިވެއެވެ. ވަކިގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން ހުށަހަޅައި ކޮމިޓީން ފާސްކޮށްފައިވާ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ، ނޫސްވެރިޔަކަށް މީހަކު މައުލޫމާތު ދިނީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމަށް އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާ ނަމަ، އެ މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭނެ ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް މި މާއްދާގެ (ށ) ގައި ބުނަނީ، އެ މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާ އިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރުވިދާނެ ކަމަށެވެ.

އެގޮތަށް މަޖުބޫރު ކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރެވޭތޯ އާއި މައުލޫމާތު ދޭ ފަރާތްތަކާ ހަމައަށް ނޫސްވެރިންނަށް ވާސިލުވުމުގެ ގާބިލުކަމަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރެވޭތޯ ބަލަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ހެއްކާބެހޭ ބިލުގައި ނޫސްވެރިން ލިޔާ ލިޔުމެއްގެ މަސްދަރު ހާމަކުރަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާތީ މިއަދު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ މެމްބަރުންނާއި ނޫސްވެރިން ވަނީ މަޖިލިސް ކުރިމަތީގައި އިހުތިޖާޖުކޮށްފައެވެ.

އެ ބިލާ ގުޅޭގޮތުން ނޫސްވެރިންނާއި އެމްޖޭއޭގެ މައިގަނޑު ކަންބޮޑުވުމަކީ، މަސްދަރު ހާމަ ކުރަން ޖެހޭ ހާލަތުގެ ގޮތުގައި ބަޔާންކޮށްފައިވާ “ގައުމީ ސަލާމަތަށް ނުރައްކާވުން” ފުޅާ ދާއިރާއެއްގައި މާނަކުރުމުގެ ފުރުސަތު އޮތުމެވެ. އެއީ އެއިރަކު އޮންނަ ސަރުކާރަކަށް ނުރައްކާވާ ކޮންމެ ކަމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އޮތުމެވެ.

މަޖިލީހުގެ ޖަލްސާއަށް މިއަދު އެ ބިލު އެޖެންޑާކޮށްފައި ވަނީ، މަސްދަރު ހާމަކުރެވޭ ހާލަތްތައް ހަނި ކުރުމަށް އެމްޖޭއޭއިން އިއްޔެ ކަރުދާހެއް ހުށަހަޅާފައި ވަނިކޮށް، އެ ކަންކަމަށް ރިއާޔަތް ކުރުމެއް ނެތިއެވެ. މަޖިލިސް މިއަދު ޗުއްޓީއަށް ދިއުމުގެ ކުރިން ބިލު ފާސްކުރުމުގެ ބަދަލުގައި މަސްދަރު ހާމަކުރުމާ ގުޅޭ މާއްދާއަށް ހައްލެއް ހޯދުމަށްފަހު، މި ބިލު ފާސްކުރަން ލަސްކޮށްދޭން އެމްޖޭއޭ އިން މަޖިލީހަށް މިއަދު ސިޓީއެއް ވެސް ފޮނުވިއެވެ.

އެމްޖޭއޭއިން ހުށަހެޅި ކަރުދާހުގައި ހިމަނާފައިވާ އިސްލާހުތަކުގެ ތެރޭގައި “ގައުމީ ސަލާމަތަށް ނުރައްކާވުން” އުނިކުރުމަށް އެދިފައިވެއެވެ. އޭގެ ބަދަލުގައި ޓެރަރިޒަމްގެ ގާނޫނުގައި ބުނާ ކުށްތައް ވަކިން އެ ބިލުގައި ހިމެނުމަށް އެ ޖަމިއްޔާ އިން އެދުނެވެ.

ނަމަވެސް އެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމެއްނެތި މަޖިލީހުން މިއަދު ވަނީ އެ ބިލު ފާސްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top