ޑރ. ޣަފޫރުގެ ކޮލަމް: އަގުހުރި ޝަޚުސިއްޔަތެއްގެ ހަނދާން. މަރުހޫމު ޝައިޚު ހުސައިން ޔޫސުފު

Jq223evOcjCKWQAxc6PU-2.jpg
ޝައިޚު ހުސައިން ޔޫސުފު އަވަހާރަވީތާ ދެ އަހަރު ފުރުނީއެވެ. އޭނާއަކީ އަގުހުރި ޚިދުމަތްތައްކެއް ކުރެއްވި ބޭކަލެކެވެ. އޭނާގެ ޚިދުމަތްތަކުގެ ތެރޭގައި ފަނޑިޔާރުކަން ކުރެއްވުމާއި ރައްޔިތުންގެ މަޖުލީހުގެ މެމްބަރުކަން ކުރެއްވުމާއި އަދި އަމިއްލަ ގޮތުން މަދަރުސާ ހިންގެވުން ހިމެނެއެވެ. 
މަރްހޫމު ހުސައިން ޔޫސުފުގެ އެންމެ އަގުހުރި އެއް ޚިދުމަތް ގުޅެނީ ދީނީ ތައުލީމުގެ ދާއިރާއާއެވެ. ދިވެހިންނަށް ދީނީ ތައުލީމު ލިބުމުގެ މަގުފަހިކޮށްދިނުމާއެވެ. މިގޮތުން 1971 ވަނަ އަހަރު، ތިރީހަކަށް ކުދިންނާއެކު ކަނޑު ބޯޓެއްގައި ޕާކިސްތާނަށް ވަޑައިގަތުމުގެ ދަތުރެއް ފެއްޓެވިއެވެ. އަދި ފައިސްލް އާބާދުގެ ދީނީ މަދަރުސާއެއްގައި އެކުދިންނަށް ކިޔެވުމުގެ މަގު ފަހިކޮށްދެއްވިއެވެ.
މިނަންގަތް ދުވަސްވަރަކީ ރާއްޖޭގައި ކިޔެވުން އަދި އާންމު ނުވެ އޮތް ދުވަސްވަރެކެވެ. މާލޭގައި ހުރި ދެތިން އިސްކޫލެއް ފިޔަވައި ނިޒާމީ ސިފައެއްގައި އެކަށީގެންވާ ގޮތެއްގައި ކުދިންނަށް ތައުލީމެއް ދެވޭ އިސްކޫލެއް ރާެއްޖޭގައި ނެތޭ ވެސް ބުނެވިދާނެއެވެ. ބޭރުގެ ތަނަކަށް އަމިއްލައަށް ކިޔަވަން ދިޔުމަކީ، އާދައިގެ މީހުންނަށް މުސްތަހީލުކަމެކޭ ވެސް ބުނެވިދާނެއެވެ. މަރުހޫމުގެ މި މަސައްކަތުގެ މުހިއްމުކަން ފާހަގަވަނީ މިކަން ހަނދާން ކޮށްލުމުންނެވެ.
ޝައިޚުގެ މި މަސައްކަތާ ވިދިގެން، އޭގެ އަހަރުތަކެއް ފަހުން، ރާއްޖޭގައި އުފެދުނު، ދީނީ ދާއިރާގައި މަސައްކަތްކުރައްވާ ވަރަށް ގިނަ ދީނީ ބޭފުޅުންނަކީ މަރުހޫމު އިންދެވި މި އޮށުން ފަޅައި ހެދުނު ގަހުގައި އެޅި މޭވާއެވެ. ޕާކިސްތާނުން، ސަައުދި އެރޭބިޔާ އަށާއި އަދި އެނޫންވެސް އެހެން ތަންތަނަށް ގޮސް އެބޭކަލުންގެ ތައުލީމީ މަސައްކަތް ކުރިއަށް ގެންދެވައި އެބޭކަލުންގެ ދީނީ ތައުލީމު ފުރިހަމަ ކުރެއްވި ބޭކަލުންނެވެ.
ބޭރަށް ކިޔަވަން ކުދިން ގެންދެވުމުގެ އިތުރުން ވެސް ތައުލީމީ ޚިދުމަތްތަކެއް މަރުހޫމު ހުސައިން ޔުސުފު ކުރެއްވިއެވެ. މާލޭގައި އަރަބި ބަހުން ކިޔަވައިދޭ މަދަރުސާއެއް ތައުސީސު ކުރައްވައި ގާއިމުކުރެއްވިއެވެ. އާދެ، ތައިބާ މަދަރުސާއެވެ. އެއީ އަމިއްލައަށް ބިމެއް ހިއްކަވައިގެން ބިނާކުރެއްވި އަމިއްލަ މަދަރުސާއެކެވެ. މިހާރު ތައިބާ މިސްކިތް އެހެރީ އެބިމުގައެވެ. އެ މަދަރުސާ ބަންދުކުރެވުމުން، މަރުހޫމުގެ ރަށުގައި މަދަރުސާ ހިންގެވުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ހިންގަވަމުން ގެންދެވިިއެވެ.
މީގެ އިތުރުން، ކިޔަވަން އުޅުއްވި ދުވަސްވަރު، އެންމެ ފުރަތަމަ ދިވެހި ބަހުން ލިޔެވުނު ކީރިތި ގުރުއާނުގެ ތަރުޖަމާއާއި ތަފްސީރު ލިޔުއްވި މަރްހޫމު މަލިމް ހުސައިންދީދީގެ ކާތިބެއްގެ ގޮތުގައި ވެސް ޝައިޚު މަސައްކަތް ކުރެއްވިއެވެ. މަރްހޫމަށް ހެޔޮ ރަހުމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށިއެވެ! އާމީން.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top