އުސްތާޒު އަލީ ޒިޔާދުގެ ދަރެސް: ވަގުތު

quran-2784477_1280.jpg

ރިޕޯޓް ތައްޔާރުކުރީ: އަލްއުސްތާޛު ޢަލީ ޒިޔާދު

އިންސާނެއްގެ ޙަޔާތުގައި ވަގުތަކީ ވަރަށް މުހިންމު އެއްޗެކެވެ. ﷲ ތަޢާލާގެ ފޮތަށް ބަލައިފިމީހަކަށް އެއިލާހު ވަގުތުތައް ގަންދެއްވަވައި ހުވާ ވަޙީ ކުރައްވާފައިވާތަން ފެންނާނެއެވެ. މިކަމުންވެސް ވަގުތުގެ މުހިންމު ކަން ހާމަވެގެންދެއެވެ. އަދި އޭނާގެ ވަގުތު ހެޔޮގޮތުގައި ހޭދަކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ވަގުތު ބޭކާރު ގޮތުގައި ހޭދަކުރުމަކީ ފަހުން އެކަމާ އޭނާ ހިތާމަކުރަންޖެހޭނެކަމެކެވެ. އަދި ހަމަ އެހެންމެ ވަރަށް ގިނަ ބަޔަކު ހުސްވަގުތާއި މެދުވަނީ ޣާފިލުވެފައެވެ. އިންސާނެއްގެ ޙަޔާތުގައި ވަގުތަކީ އެހާއިމެ މުހިންމު އެއްޗަކަށް ވީހިނދު ބޭކާރުގޮތުގައި ނަގައި ނުލާށެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. نِعْمَتانِ مَغْبُوْنٌ فِيْهِمَا كَثِيْرٌ مِنَ النَّاسِ: الصِّحَةُ وَالفَرَاغُ” (رواه البخاري ) މާނައީ: “މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެކަމަކާމެދު ޣާފިލުވެފައިވާ ދެނިޢުމަތެއް ވެއެވެ. އެއީ ފުރިހަމަ ޞިއްޙަތާއި ހުސްވަގުތެވެ.”

އިންސާނެއްގެ ޙަޔާތުގައި ވަގުތަކީ ވަރަށް އަގުހުރި އެއްޗެކެވެ. މި ދުނިޔޭގައި އޭނާ ވޭތުކުރާ ކޮންމެ ވަގުތުކޮޅަކީ އޭނާގެ ޙަޔާތުން މަދުވެގެންދާ ވަގުތުކޮޅެކެވެ. އަލް އިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ގެ ބަސްފުޅެއްގައި އައިސްފައިވެއެވެ.  يَا ابْنَ آدَم أَنْتَ أَيَّامٌ، كُلَّمَا ذَهَبَ يَوْمٌ مِنْهَا ذَهَبَ بَعْضُكَ، وَيُوْشِكُ إِذَا ذَهَبَ بَعْضُكَ أَنْ يَذْهَبَ كُلُّكَ وَأَنْتَ لَا تَعْلَمُ، فَاعْمَلْ، فَالْيَوْمَ عَمَلٌ وَلَا حِسَابَ، وَغَدًا حِسَابٌ وَلَا عَمَلَ  ” އޭ އާދަމުގެ ދަރިޔާއެވެ. ތިބާއަކީ ދުވަސްތަކެކެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ތިބާގެ ޢުމުރުން މަދުވެގެންދާ ދުވަހެކެވެ. އަދި ތިބާ ޣާފިލުކަމުގެ ނިދިން ނިދާފައި އޮއްވާ، ދުވަސްތައް މަދުވަމުން މަދުވަމުންގޮސް، ތިބާގެ ނިމުން އައިސް ތިބާއާ ބައްދަލުކޮށްފާނެތެވެ. އެހެންވީމާ (ޣާފިލުކަމުގެ ނިދިން ހޭލައި) ހެޔޮ ޢަމަލުކުރާށެވެ. އެހެނީ މިއަދު(ދުނިޔޭގައި) އޮތީ ޢަމަލެވެ. ޙިސާބެއް ނެތެވެ. އަދި މާދަމާ (އާޚިރަތުގައި) އޮތީ ޙިސާބެވެ. ޢަމަލެއް ނެތެވެ.”  ނަމަވެސް މިކަމާ މެދު ވިސްނާ ފިކުރު ކުރަނީ ކޮންބައެއްތޯއެވެ؟ މިއިން ޢިބްރަތް ޙާޞިލުކުރަނީ ފަހެ ކޮންބައެއްތޯއެވެ؟

މިއަދު މީސްތަކުންމިވަނީ ދުނިޔޭގެ ކެހިވެރިމަޅިތަކުގައިޖެހި ޝައިޠާނާގެ ވަސްވާހަށް ހެއްލިފައެވެ. ޝަހުވަތުގެ ކަނޑަށް ޣަރަޣުވެފައެވެ. ކުޅިވަރާއި މަޖަލަށް ގެއްލިފައެވެ. ޢުމުރުން މަދުވާ ދުވަސްތައް އެބައިމީހުންނަށް އިޙްސާސްނުވެއެވެ. ބައެއް މީހުންނަށް ނިޢުމަތްތަކުގެ އަގު ވަޒަންކުރެވޭނީ އެ ނިޢުމަތްތަކުން މަޙުރޫމުވުމުންނެވެ. ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާށެވެ. އަގުތެއް އަނބުރާ ނުލިބޭނެއެވެ. ދާއިމީ ދުނިޔެ ބާއްޖަވެރި ކުރުމަށްޓަކައި، މި ފަނާވަނިވި ދުނިޔޭގައި ލިބިފައިމިވާ ކުޑަ ވަގުތުކޮޅުގެ ބޭނުން އޭގެ އެންމެ ފުރިހަމަގޮތުގައި ހިތްޕަވަމާ ހިންގަވާށެވެ!

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top