ސަރުކާރުން ވަކިކަމެއް ޕްރޮމޯޓު ކުރަން ވަކި މީޑިއާ ތަކަކަށް ފައިސާ ބެހުމަކީ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވިދާޅުވެއްޖެ އެވެ.
އެމްޕީ އަލީ މިހެން ވިދާޅުވީ ސަރުކާރު ޕްރޮމޯޓް ކުރުމުގެ ގޮތުން ދިވެހިރާއްޖޭގައި ހިންގާ ބައެއް ނޫސް ތަކާއި ޓީވީތަކަށް ފާއިތުވެ ދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް ދިން ފައިސާގެ ތަފްސީލް ރައީސް އޮފީހުން ހާމަ ގުޅިގެންނެވެ.
އަލީ ވިދާޅުވީ ދައުލަތުން ވަރަށް ބޮޑު އަދަދެއް ހަރަދުކޮށް ހިންގާ ދައުލަތުގެ މީޑިއާއެއް އޮއްވާ ސަރުކާރުގެ ކަމެއް ޕްރޮމޯޓްކުރުމަށް ކަމަށް ބުނެ އެހެން މީޑިއާތަކަށް ހަރަދު ކުރުމަކީ ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރުން ކަމަށެވެ.
މިކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި އަލީ ވިދާޅުވީ އެހެން މީޑިއާތަކަށް ހަރަދުކުރާނަމަ އެތައް މިލިއަނެއް ހަރަދުކޮށް ދައުލަތުގެ މީޑިއާއެއް އޮތުމުގެ ބޭނުމެއް ނެތްކަމަށެވެ.
ދިވެހިރާއްޖޭގައި ހިންގާ ބައެއް ނޫސް ތަކާއި ޓީވީތަކަށް ފާއިތުވެ ދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް ދިން ފައިސާގެ ތަފްސީލް ރައީސް އޮފީހުން ހާމަކޮށްފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން “ދިޔަރެސް” އިން އެ މައުލޫމާތު ހޯދުމަށް ރައީށް އޮފީހުގައި އެދުމުންނެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ފާއިތުވި އަހަރު ރައީސް އޮފީހުން ވަނީ މީޑިއާތަކަށް 1.2 މިލިއަން ރުފިޔާ ދީފައެވެ. އަދި މިއަހަރުގެ މިހާތަނަށް 150،000 ރުފިޔާ ދީފައެވެ.