މަގުހެދުމުގެ މަސައްކަތް މެދުކެނޑިއްޖެ!

DSCN4562-800x600-800x600-1.jpg

އޭދަފުށީގެ މަގެއްގައި ތާރު އެޅުމަށް ތައްޔާރު ކުރަނީ -އީވީ ފައިލް ފޮޓޯ

އޭދަފުށީގެ 17 މަގު ރަނގަޅު ފެންވަރަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއު މިވަގުތު މެދުކެނޑިފައިވަނީ މަސައްކަތަށް ބޭނުންވާ ވެއްޔާއި އަލަށް އިތުރުކުރި ދެ މަގަށް ބޭނުންވާ ބައެއް މެޓީރިއަލް ހުސްވެގެން ކަމަށް ހައުސިންގ މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޑިޕާޓް މަންޓުން ވިދާޅުވެއްޖެއެވެ.

މިކަމާބެހޭ ގޮތުން އީވީއަށް މައުލޫމާތު ދެއްވަމުން އެޑިޕާޓްމަންޓްގެ އިސް އޮފިޝަލަކު ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތް މެދު ކެނޑިފައިވަނީ މޫސުން ގޯސްވެގެން އެތަކެތި އޭދަފުއްޓަށް ނުގެންދެވިގެން ކަމަށާ މޫސުން ރަނގަޅު ވުމާއެކު އެތަކެތި އޭދަފުއްޓަށް ފޮނުވުމާއެކު މަސައްކަތް ފެށިގެން ކުރިއަށް ދާނެ ކަމުގައެވެ.

“މިމަސައްކަތެއް ނުހުއްޓޭ. މޫސުން ރަނގަޅުވުމުން ވެއްޔާއި، އިތުރު ކުރި ދެމަގު ހެދުމަށް ބޭނުންވާ މެޓީރިއަލް ފޮނުވާނަން. މިމަސައްކަތް ހުއްޓާލީއެއް ނޫން. އަދި އެއްވެސް ފަރާތަކުން ހުއްޓާލަން އަންގަވާފައިވެސް ނެތް. “އޭނާ ވިދާޅުވިއެވެ.

އޭދަފުށީގެ މަގު ހެދުމުގެ މަޝްރޫއު މިހާ ހިސާބަށް އައިއިރު މަސައްކަތް ހަވާލު ކުރިއިރު ހަދަން ނިންމާފައި އޮތް 15 މަގުގެ ޕޭމަންޓްގެ މަސައްކަތް ވަނީ އެއްކޮށް ނިމި ފައެވެ. އަދި ތާރު އަޅަން ފެށުމުގެ ކުރިން އަޅާ 150 އެމްއެމްގެ ކޮންކްރިޓް ލޭޔަރ ވަނީ ދެމަގެއްގައި އަޅާފައެވެ. އިތުރަށް ކުރެވެމުން ދަނީ އަލަށް އިތުރު ކުރި ދެމަގުގެ ޕޭމަންޓް މަސައްކަތަކެވެ. މިމަސައްކަތް މެދު ކެނޑިފައިވަނީ ބޭނުންވާ ބައެއް މެޓީރިއަލް ހުސްވުމުންނެވެ.

މީގެ އިތުރުން ތާރު އެޅުމަށް ބޭނުންވާ ގިނަ މެޝިންތަކާ އެކު ތާރުވެސް މިހާރު ވަނީ އޭދަފުއްޓަށް ގެނެސްފައެވެ.

އޭދަފުށީގެ 15 މަގު ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހެދުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ މިހާރު އުވާލާފައިވާ އެމްއާރްޑީސީއާ 15 ޖޫން 2015 ގައެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލު ކުރި މިމަސައްކަތުގެ އަގަކީ 33 މިލިއަން ރުފިޔާއެވެ.

އެމްއާރްޑީސީ އުވާލުމުން މިހާރު މިމަސައްކަތް ކުރަމުން ގެންދަނީ ހައުސިންގ މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top