ބ. ފުޓްބޯޅަ ޗެލެންޖް: މާޅޮސް ބަލިކޮށް ކުޑަރިކިލު މޮޅުވެއްޖެ

viber_image_2019-07-03_16-23-39-876x657.jpg

މިއަދު ބައްދަލު ކުރި މާޅޮސް-ކުޑަރިކިލު މެޗް ފެށުމުގެ ކުރިން

ބ.ފުޓްބޯލް ޗެލެންޖްގައި މިއަދު ހަވީރު ކުޅެވުނު ގްރޫޕް ބީގައި ހިމެނޭ ކުޑަރިކިލާއި މާޅޮހުގެ މެޗު ، ފަސޭހަކާއެކު 2-0 އިން މޮޅުވެއްޖެއެވެ.

ކުޑަރިކިލު ޓީމުގެ ފުރަތަމަ ލަނޑު ޖެހީ މެޗްގެ 36 ވަނަ މިނެޓްގައި އެޓީމްގެ ކެޕްޓަން އަޙްމަދު ނިހާން އެވެ. ފުރަތަމަ ހާފް ނިމުނު އިރުވެސް މާޅޮހަށް ލަނޑު ޖަހާނެ ފުރުސަތެއް ނުދީ ކުޑަރިކިލު މޮޅަށް ކުޅެމުން ގެންދިޔައެވެ.

ދެވަނަ ހާފްގައި މާޅޮހު ޓީމަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ކުޑަރިކިލު ކީޕަރު އެހަމަލާ ދިފާއު ކުރި އެވެ.

ކުޑަރިކިލު ޓީމްގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދިނީ ހަސަން ޔާސިރު އަދުނާނު އެވެ. މިލަނޑާއެކު އޭނާއަށް ވަނީ މި މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައެވެ.

މިއަދު މެޗުން ކުޑަރިކިލު މޮޅުވުމުން، ގްރޫޕް އޭގެ އެއްވަނައިގައި އޮތީ ކުޑަރިކިލެވެ.  ދެވަނައިގައި އޭދަފުށި އޮތްއިރު ތިންވަނައިގައި އޮތީ ގޮއިދޫއެވެ. ގްރޫޕްގެ ފުލުގައި އޮތީ މާޅޮހެއެވެ.

މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ސީގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ބ. ފެހެންދޫ އާއި ބ. ކިހާދޫ އެވެ. މިއީ މި ދެޓީމު ވެސް މުބާރާތުގައި ކުޅޭ ފުރަތަމަ މެޗެވެ. ފެހެންދޫ އަކީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނި ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ޓީމެކެވެ. މި މެޗް ފެށުމަށް ހަމަޖެހިފައިވަނި މާދަމާ ހަވީރު 4:15 ގައި އޭދަފުށީ ޓާފް ދަނޑުގަ އެވެ.

މިމުބާރާތަކީ ފޯސީޒަން ލަނޑާ ގިރާވަރު ރިސޯޓުން އިންތިޒާމުކޮށްގެން އޭދަފުށި ވެސްޓް ވިންގް ޖަމްއިއްޔާއާ ގުޅިގެން ބ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top