ލަންކާއަށް ދާން ބައިލައްކަ ޑޮލަރުގެ އިންޝޫރެންސެއް ބޭނުންވާނެ

58669662_2726994957370892_8561620213374648320_n.jpg

ލަންކާގެ އެމްސީ ހުންނަ ސަރަހައްދު - ފޮޓޯ : ވަގުތު

ލަންކާއަށް ދިވެހިންނަށް ދެން ދެވޭނީ 50،000 ޑޮލަރު (ގާތްގަނޑަކަށް 771،100 ރުފިޔާ)ގެ ޓްރެވަލް އިންޝުއަރެންސެއްގައި ކަމަށާއި އެގައުމުގައި އުޅެނިކޮށް ކޮވިޑް ޖެހިއްޖެނަމަ ކަވާ ކުރާނީ އިންޝުއަރެންސުން ކަމަށް ކަނޑައަޅައިފިއެވެ.

އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކޮވިޑާއި ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުން ، އެގައުމުގައި އުޅެނިކޮށް ކޮވިޑު ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ކުރަން ޖެހިއްޖެ ނަމަ ހޮސްޕިޓަލުގެ ފީ ކަވަ ކުރާނީ ޓްރެވަލް އިންޝުއަރެންސްގެ ބަހައްޓާ އެ 50،000 ޑޮލަރުންނެވެ.

މި އިންޝުއަރެންސަކީ 12 ޑޮލަރު (185ރުފިޔާ) ދައްކަން ޖެހޭ އެއް މަހުގެ އިންޝުއަރެންސް ޕޮލިސީއެކެވެ.

މި އިންޝުއަރެންސުން ސްރީލަންކާގައި މަޑުކުރާ މުއްދަތުގެ އިތުރުން 14 ދުވަސް އިތުރަށް ހިމަނަން ޖެހޭއިރު، ހުރިހާ ދަތުރުވެރިން އެ ގައުމަށް ދިއުމުގެ ކުރިން މި އިންޝުއަރެންސް ހައްދަން ޖެހޭނެ އެވެ. ނޫންނަމަ ލަންކާގެ އެއާޕޯޓުގައި ތިބެގެން ވެސް އިންޝުއަރެންސް ހެއްދޭނެއެވެ. ލަންކާގެ ރައްޔިތުން މި އިންޝުއަރެންސް ހައްދާކަށް ނުޖެހޭނެއެވެ.

ސްރީލަންކާ އަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް ފުރުމުގެ ކުރިން ސްރީލަންކާގެ “ހެލްތް ޑިކްލަރޭޝަން ފޯމް” ފުރިހަމަކުރަންޖެހޭއިރު، ފުރުމުގެ 72 ގަޑިއިރުގެ ތެރޭ ހައްދާފައިވާ ކޮވިޑް-19 ނެގެޓިވް ޕީސީއާރު ނަތީޖާއެއް ގެންދަންޖެހޭނެ އެވެ. އަދި  ވެކްސިނޭޝަން ފުރިހަމަ ކޮށްފައިވާކަމުގެ ކާޑުގެ އަސްލު ގެންދަންޖެހޭނެއެވެ.

އާ އުސޫލުގައި ބުނެފައިވާގޮތުން ދަތުރުކުރުމުގައި ޓޫރިސްޓް ރޫޓު އިހްތިޔާރުކުރާ ނަމަ އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން ހޯދައިގެން ކަމަށާއި ސްރީލަންކާއަށް ދަތުރު ކުރަނީ ދިގު މުއްދަތަކަށް ރެސިޑެންސް ވިސާ ނަގައިގެން ތިބުމަށްކަމަށްވާ ނަމަ ދަތުރުކުރެވޭނީ “އެންޓްރީ ވިސާ” އެއް ނަގައިގެންނެވެ.

އެހެންކަމުން، ސްރީލަންކާއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުކަން ދިނުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކުރެއެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލު އައުން އެކަށީގެންވުމާ އެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފު ކުރުމަށް ވެސް އެ މިނިސްޓްރީން އެދެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މިނިސްޓްރީގެ ހޮޓްލައިން 7983400 ނުވަތަ ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުގެ ހޮޓްލައިން 94768816666+ އަށް ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top