ޑރ. ޣަފޫރުގެ ކޮލަމް: އެތަނުގެ ވާހަކައަކާއި މި ތަނުގެ ވާހަކައެއް

270449723_10160029282945452_6640892856804198705_n-2.jpg
ތަންކޮޅެެއް ކުރިން ހާޒިރުވި ޖަލްސާއެއްގައި މުސްލިމުން ކުރިނާރައިގެން އުޅެނީ ކީއްވެ ކަމާ މެދު ވާހަކަ ދެއްކި ވާހަކަ ދެއްކުންތެރި ދީނީ މީހަކު ބުންޏެވެ. އެއީ ނަމާދުކުރާ އިރު ސަފުތައް އެއްވަރު ކުރުމުގައި ފައިތިލަތައް ރަނގަޅަށް ޖައްސައި ނުހެދުމެވެ! އާދެ، ގަބޫލުކުރަން ދަތި ވިޔަސް މިއީ އެ ވާހަކަ ދެއްކުންތެރިޔާ ބުނި ވާހަކައެވެ. މުސްލިމުންގެ ކުރިން އޭނާ ދެކެ ގޮތުގައި ގުޅުވާލީ މިކަމާއެވެ!
ދެން މިއަދު ނޫހުގައި ލިޔެފައި އޮތް ހަމަ މިފަދަ ވާހަކައެކެވެ. ރާއްޖެތައް ދަރަނިވެރި ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަމަށް ރާއްޖޭގެ ސިޔާސީވެރިޔަކު ބުނި ކަމުގެ ވާހަކައެވެ. އާދެ، މި ސިޔާސީ ވެރިޔާގެ ތޫނު ވިސްނުމަށް ފެނުނީ ދަރަންޏަކީ ފިނި ހޫނު ކަމާއި އޮއިވަރާ ކަނޑުގެ ރާޅުތަކާ ގުޅިފައި އޮތް ކަމެއް ކަމެވެ!
ކުރީގައި ލިޔެވުނު ދީނީ މީހާ ބުނި ވާހަކަ ގަބޫލުކޮށް އޭނަގެ ވާހަކައަށް އަތް ޖަހާ ހަދާނޭ މީހުން އުޅޭނޭ ފަދައިން ފަހުން މިބުނި ދީނާ ދުރު ސިޔާސީ މިހާގެ ވާހަކަ ވެސް ގަބޫލުކޮށް އޭނާގެ ވާހަކައަށް ވެސް އަތް ޖަހާނޭ މީހުން އުޅޭނެއެވެ.
މިހެން ވަނީ ކީއްވެގެން ހެއްޔެވެ؟ މިފަދަ ތާކުން ތާކު ނުޖެހޭ ވާހަކަތައް ގަބޫލުކޮށް އަތް ޖަހާ ހަދަނީ ކީއްވެގެން ހެއްޔެވެ؟ އެއީ ތިމާމެންގެ އަމިއްލަ ވިސްނުން ބޭނުން ނުކުރާތީއެވެ. އަދި، ވާހަކަ ދައްކާ މީހަކީ ކޮންމެ ފަދަ ގޮތަކުން ވިޔަސް، ‘ބަތަލެއް’ ކަމުގައި ބަޔަކު ދެކޭތީއެވެ. އެހެންވެ، ބެލެނީ ދައްކާ ވާހަކައަކަށް ނޫނެވެ. އެ ވާހަކަ ނިކުންނަ ދުލަކަށެވެ. މިހެން ވުމުން، އެއްވެސް ތާކުންތާކު ނުޖެހޭ، މޮޔައިން ދައްކާ ފާޑުގެ ވާހަކަ، ނޫނީ ހަގީގަތާ މުޅިން ޚިލާފު، ސަލާމަތް ބުއްދިވެސް ގަބޫލު ނުކުރާނޭ ފަދަ ވާހަކަ އެއް ދެއްކި ކަމުގައި ވިޔަސް، ތިމާގެ ބަތަލު ބުނުމުން އެވާހަކަތައް ކަމުގޮސް އަތްތިލަބަޑި ޖެހޭ ގޮތް ވެއެވެ! އަދި، ކިޔެއް ހެއްޔެެ؟ އެފަދަ ބަތަލުންނަށް، އެމީހުން ހިތަށް އެރި ގޮތަކަށް، ހައްގާއި ބާތިލު އަދި ތެދާއި ދޮގަކީ ހަމަަ އެކައްޗެއް ކަމުގައި ދެކިގެން ވާހަކަ ދެއްކުމުގެ ކެރުމާއި ޖުރުއަތު ލިބެނީ ކިހިނެއް ވެގެން ހެއްޔެވެ؟ އެމީހުން ދެކޭ ގޮތުގައި އެމީހުންނަށް ތާއީދުކުރާ މީހުން، އެމީހުންގެ ކަނޑުކޮސް ވާހަކަތައް ގަބޫލުކުރާނޭ ކަން އެމީހުން ދެކޭތީއެވެ!

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top