ކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަ

IMG_20200724_134047986.jpg

މޫސުން ގޯސް ދުވަހެއް

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ކުރިއަށް އޮތް ތިންދުވަހު ވެސް މުޅި ރާއްޖެ އަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މި ވިއްސާރައިގެ އަސަރު އެއްކޮށް ކެނޑޭނީ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

މިހާރު ބޮޑަށް ވިއްސާރަ ކުރަނީ މެދު ރާއްޖެ ތެރެއާއި ދެކުނު އަތޮޅުތަކަށް ކަމަށް ވިޔަސް އުތުރުގެ އަތޮޅުތަކަށް މިރެއިން ފެށިގެން ވިއްސާރަ ކުރަން ފަށާނެ ކަމަށް މެޓުން ލަފާ ކުރެއެވެ.

“މިރެއިން ފެށިގެން މުޅި ރާއްޖެއަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ. ބޯކޮށް ވާރޭ ވެހޭނެ އަދި ވައި ވެސް ގަދަވާނެ.” އޮފިޝަލު ވިދާޅުވި އެވެ.

ވިއްސާރަވެފައި ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ފާހަގަކުރައްވަމުން އޮފިޝަލު ވިދާޅުވީ ހުރިހާ އަތޮޅުތަކަށް ވެސް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

މެޓުން ބުނީ އަންނަ އާދިއްތަ ދުވަހުގައި ވިއްސާރަ މަޑުވާން ފަށާނެ ކަމަށާއި ނަމަވެސް ބައެއް ސަރަހައްދުތައް ކުޑަކޮށް ވިއްސާރަވާނެ ކަމަށެވެ. މޫސުން އެއްކޮށް ރަނގަޅުވާން ފަށާނީ ހޯމަ ދުވަހުން ފެށިގެން ކަމަށް ވިދާޅުވި އެވެ.

ވިއްސާރައިގައި ލިބިދާނެ ގެއްލުންތައް ކުރިއާލައި ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން ވެސް މޫސުމަށް ބެލުމަށް އިލްތިމާސް ކުރެ އެވެ.

އެ އޮފީހުން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ ސ. ހުޅުމީދު އަށެވެ. އެ ރަށަށް 59 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނީ ލ. ކައްދު އަށެވެ. އެއީ 51 މިލިމީޓަރުގެ ވާރެ އެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ދަނީ ވިއްސާރަ ކުރަމުންނެވެ. މޫސުން ބޮޑަށް ގޯސްވާން ފެށީ މިދިޔަ ހަފުތާގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top