ރާއްޖެއިން އޮމިކްރޯންގެ އިތުރު ހަތަރުކޭސް ފެނިއްޖެ

img_md_202112150243371639561417.7936.jpg

އެޗްޕީއޭގެ ޗީފް އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: އެޗްޕީއޭ

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް19ގެ އާ ވޭރިންޓް، އޮމިކްރޯންގެ އިތުރު ހަތަރު ކޭސް ފެނިފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން އެޗްޕީއޭގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެ ހަތަރު ކޭސް ވެސް ފެނިފައި ވަނީ ރާއްޖެއަށް އައި ފަތުރުވެރިންގެ ގައިން ކަމަށެވެ. މިހާރު އެ ހަތަރު ކޭސްގެ ރިސްކު އެސެސްމަންޓް ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވީ، މި ވޭރިއެންޓަކީ އެކަކު ގައިން އަނެކަކަށް ފެތުރުން އަވަސް ވޭރިއެންޓެއް ކަމަށެވެ. ނަމަވެސް ވެކްސިން ޖެހުމުން މި ވޭރިއެންޓުން ރައްކާތެރިވެވިދާނެ ކަމަށް ދައްކާ ކަމަށާއި، ބޫސްޓާ ޑޯޒް ޖެހުމުން އިތުރަށް ކޮވިޑްގެ އެ ވައްތަރަށް ރައްކާތެރިވާ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ ރާއްޖޭގައި ކޭސްތައް ކުއްލިއަކަށް އިތުރުވަމުންދާ ސަރަހައްދުތަކުން ސާމްޕަލްތައް ބޭރަށް ފޮނުވާ ޖީން ސީކުއެންސް ޓެސްޓުތައް ހަދަމުން އަންނަ ކަމަށެވެ. އަދި މިވަގުތު އަތޮޅުތެރޭގައި މިވޭރިއެންޓް އުޅޭކަން ދެނެގަނެވޭނީ އެންމެ ފަހުން ފޮނުވާފައިވާ މި ސާމްޕަލްތަކުގެ ނަތީޖާއާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ގެ އާ ވޭރިއަންޓާ ގުޅިގެން އެޗްޕީއޭ އިން ވަނީ ހަތް ގައުމަކުން ފަތުރުވެރިން ރާއްޖެއަށް އެތެރެވުން މަނާކޮށްފަ އެވެ. އަދި އެ ގައުމުތަކުގައި ތިބެފައި ނޫނީ ޓްރާންސިޓްވެފައި އަންނަ ދިވެހިންނާއި ވޯކް ވިސާ ހޯލްޑަރުން ރާއްޖެ އައުމަށްފަހު 14 ދުވަސް ވަންދެން ކަރަންޓީންވާން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ އޮމިކްރޯން ވޭރިއަންޓު ޖެހިފައިވާ މީހަކު ފެނުނީ ނޮވެމްބަރު މަހު 27 ވަނަ ދުވަހު ރާއްޖެ އައި ޓޫރިސްޓެއްގެ ގައިންނެވެ. މިހާތަނަށް ފެނުނު ކޭސްތަކަކީ ވެސް ސައުތު އެފްރިކާ އަށް ދަތުރުކޮށްފައި އައި މީހުންގެ ގައިން ފެނުނު ކޭސްތަކެކެވެ.

އަފްޒަލް ވަނީ ކުރިއަށް އޮތް ސްކޫލް ޗުއްޓީއާއި ދިމާކޮށް ދަތުރުކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top