އެއްފަހަރާ ފަސް ކުދިންނަށްވުރެ ގިނައިން ކިޔަވައިދޭނަމަ ރަޖިސްޓަރީކުރުން ލާޒިމް

7535779B-E356-4F17-BBA8-788513D86FA6-850x548.jpeg

އެއްފަހަރާ، އެއްވަގުތަކު ފަސް ކުދިންނަށް ވުރެ ގިނައިން ޓިއުޝަން ދޭނަމަ ބެލެވޭނީ ޓިއުޝަން ކްލާހެއް ކަމަށް ކަނޑައަޅައި، އެފަދަ ތަންތަން ދެ މަސް ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރަން އެޑިއުކޭޝަން މިނިސްޓްރީން ލާޒިމްކޮށްފި އެވެ.

މި ގަވާއިދުގައި ސްކޫލްތައް ފިޔަވައި، ކިޔަވައިދޭ އެނޫން ތަންތަނުގެ ގޮތުގައި ބުނެފައި ވަނީ ގުރުއާން ކްލާސްތަކާއި ޓިއުޝަންދޭ ތަންތަނާއި އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމާއި ތަމްރީނު ދޭ ތަންތަނުގެ އިތުރުން ބޭބީ ނާސަރީއާއި ނާސަރީއަށް ކިޔަވައިދޭ ތަންތަނާއި ޕްރީސްކޫލާއި ޅަފަތުގެ ތައުލީމުގެ ބޭނުމަށް ހިންގާ އެފެންވަރުގެ ތަންތަނެވެ.

އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން އާއްމު ކޮށްފައިވާ އެ ގަވައިދުގައި ވާގޮތުން، މީގެ ކުރިން ރަޖިސްޓްރީ ނުކޮށް ކިޔަވައިދެމުން ދިޔަ ތަންތަން، އިއްޔެއިން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ޖެހެއެވެ. އަދި މީގެ ކުރިން ރަޖިސްޓްރީ ކޮށްގެން ކިޔަވައިދެމުން ދިޔަ ތަންތަން 20 ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީ ކުރަން ޖެހެއެވެ.

މި ގަވާއިދުގެ ދަށުން، 18 އަހަރުން ދަށުގެ ކުދިންނަށް ކިޔަވައިދޭ އެއްވެސް ތަނެއް ރަޖިސްޓްރީ ނުކޮށް ހިންގުމަކީ މަނާކަމެކެވެ. އަދި ރަޖިސްޓްރީ ކޮށްފައިވާ ތަނެއް ނަމަވެސް، އެތަނުގައި ހިންގުމަށް ހުއްދަ ދީފައިވާ ޕްރޮގްރާމް ނޫން އެހެން ޕްރޮގްރާމްތައް ހިންގުން މަނާވާނެއެވެ.

އެހެންކަމުން، ރަޖިސްޓްރީ ނުކުރާ ތަންތަން ވަގުތުން ބަންދުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިފައިވާކަމަށް އެ ގަވާއިދުގައި ބުނެއެވެ. އަދި އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެކަންވެސް ގަވާއިދުގައި ވަނީ ފާހަގަކޮށްފައެވެ.

ތައުލީމީ ގާނޫނުގައިވާ ‘މުދައްރިސުން ރަޖިސްޓްރީކޮށް ލައިސަންސް ދިނުމުގެ ގަވާއިދު’ އެކުލަވައިލުމުން، ކިޔަވައިދޭ ތަންތަނުގައި މަސައްކަތް ކުރާ ޓީޗަރުންވެސް ރަޖިސްޓްރީކޮށް ލައިސަންސް ހޯދަން ޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

މިގަވާއިދުގައި 18 އަހަރުން ދަށުގެ ކުދިންނަށް ދެވޭ ތައުލީމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް ހިންގާ އެހެނިހެން ތަންތަންވެސް ހިމެނެއެވެ.

މީގެ އިތުރުން، ކިޔަވައިދޭ ތަންތަނުން ނަގާ ފީއަކީ، މިނިސްޓްރީއަށް ހުށަހަޅައިގެން ފާސްކޮށްފައިވާ ފީއަކަށް ވާންޖެހެއެވެ.

އިއްޔެ ދިވެހި ސަރުކާރުގެ ގެޒެޓްގައި މި ގަވާއިދު ޝާއިއު ކުރުމާ ގުޅިގެން، މިހާރު އެ ގަވާއިދަށް އަމަލުކުރަން ވަނީ ފަށާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top