ދަރަވަންދޫ މީހުން މާސްކު އަޅާ. މިނިސްޓަރަށް އޮޅިވަޑައިގަތީ : ދަރަވަންދޫ ކައުންސިލް

b2891f35149fce8da25eca6af1a9c97b-e1603863565181.jpg

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް -- ފޮޓޯ: ހެލްތު މިނިސްޓްރީ

ދަރަވަންދޫރައްޔިތުން މާސްކް އަޅާ ކަމަށާ އެކްނ ވަނީ މިނިސްޓަރު ނަސީމަށް އޮޅިވަޑައިގެނފައި ކަމަށް ދަރަވަންދޫ ކައުންސިލްުން ބުނެފިއެވެ.

ރޭ އޮންލައިންކޮށް ބޭއްވި އެމްޑީޕީ ބ. އަތޮޅު ރަށްްވެހިފަތިސް ކެމްޕެއިން ބައްދަލުުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ނަސީމް ވަނީ ދަރަވަންދޫ މީހުން އެއްގޮތަކަށްވެސް މާސްކް ނާޅާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

“ދަރަވަންދޫއާ ގުޅޭ ގޮތުން އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުންވޭ. އެރަށުގައި އެއްވެސް ގޮތަކަށް މާސްކު އަޅައިގެން ނޫޅުއްވާ. ތިބޭފުޅުން އެކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ،” މިނިސްޓަރު ވިދާޅުވިއެވެ.

އެކަމާގުޅިގެން ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ މަޖީދު މިރޭ ’ސަން‘ އަށް ވިދާޅުވީ، އެރަށަކީ ފުލުހުންވެސް ތިބޭ ރަށެއް ކަމަށާއި މިހާތަނަށް މާސްކު ނާޅައިގެން އެއްވެސް މީހަކު އެރަށުން ޖޫރިމަނާކޮށްފައި ނުވާ ކަމަށެވެ.

“މިނިސްޓަރަށް އޮޅިގެން އެވާހަކަ ދެންނެވިފައި އެ އޮތީ. މި ރަށުގައި މާސްކު އަޅާ. އަޅުގަނޑަށް އެނގިފައި ނެތް މި ރަށުގައި މާސްކު ނާޅައިގެން އެއްވެސް މީހަކު ޖޫރިމަނާ ކުރިކަމެއް. މާސްކު ނާޅާނަމަ، ޖޫރިމަނާ ކުރާނެ ނޫންތޯ،” އަލީ މާޖިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެއީ މިނިސްޓަރަށް މީހަކު ދިން ދޮގު މައުލޫމާތެއްގެ މައްޗަށް ދެންނެވި ވާހަކައެއް ކަމަށެވެ.

“އަޅުގަނޑު ގޭތެރޭގައި މި އިނީ މާސްކު އަޅައިގެން. މާސްކު އަޅައިގެން ރައްޔިތުން އުޅެނީ. ދެން މިނިސްޓަރަށް ކޮންމެވެސް މީހަކު ދިން މިސްއަންޑަސްޓޭންޑިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ވިދާޅުވި އެއްޗެއް އެއީ،” ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އެމްޑީޕީ ޓިކެޓްގައި ކައުންސިލް ރައީސްކަމަށް އިތުރު ދައުރަކަށް ވާދަ ކުރައްވާ އަލީ މާޖިދު ވިދާޅުވީ، ކޮންމެ ރަށެއްގައި ވެސް ގަވާއިދަށް އަމަލު ނުކުރާ މަދު ބަޔަކު ތިބެދާނެ ކަމަށާއި ހަމައެފަދައިން އެރަށުގައި ވެސް މާސްކު ނާޅާ މަދު ބަޔަކު ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ މާސްކު ނާޅާ މީހުންނާ މެދު ފިޔަވަޅު އެޅުމަކީ ކައުންސިލްގެ ޒިންމާއެއް ނޫން ކަމަށެވެ. އެއީ ފުލުހުންގެ ޒިންމާއެއް ކަމަށާ އެކަން މިނިސްޓަރަށްވެސް މިހާރު ދަންނަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް ކޭސްތައް ރާއްޖޭގައި އިތުރުވަމުންދާތީވެ، އެޗްޕީއޭ އިން ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އަޅަން މަޖްބޫރު ކޮށްފަ އެވެ. މާސްކު ނާޅާނަމަ، 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top