ތައިލެންޑުގައި ކޮވިޑް ފެތުރެން ފެށުމުން އެގައުމަށް ދިއުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފިއެެވެ.
ވިޔަފާރިއާއި އެނޫންންވެސް ބޭނުންތަކަށް ދިވެހިން އާއްމުކޮށް ގޮސްއުޅޭ ތައިލެންޑަށް ދިއުން މަނާ ކޮށްފައި އޮތީ އެގައުމުގައި ކޮވިޑް ފެތުރެން ފެށުމުންނެވެ.
ތައިލެންޑުގެ ޓޫރިޒަމުން ނެރުނު ކޮވިޑް ރިސްޓްރިކްޝަންސް ލިސްޓުގައި ބުނެފައި ވަނީ މާދަމާއިން ފެށިގެން އެ ގައުމަށް ގޮސް ކަރަންޓީނު ވާން ނުޖެހޭނީ އެމީހަކު ހުރި ގައުމެއްގެ ކޮވިޑްގެ ހާލަތު ރަނގަޅުވެފައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާނަމަ ކަމަށެވެ.
އެހެންކަމުން ތައިލެންޑްގެ ވެރިރަށް ބެންކޮކާއި އަދި އެހެން ސިޓީތަކަށް ވެސް ދަތުރު ކުރުމުގައި ދިވެހިންނަށް ދެން އެއްވެސް ހުރަހެއް ނޯންނާނެއެވެ.
ތައިލެންޑުން ވަނީ އެ އުސޫލުތަކަށް ފެތޭ ލިސްޓެއް ވެސް އާންމުކޮށްފަ އެވެ. އެ ލިސްޓުގައި ރާއްޖެއާއެކު 63 ގައުމެއް ހިމެނެ އެވެ. އޭގެ ތެރޭގައި އިންޑިއާ އާއި ސްރީ ލަންކާގެ އިތުރުން ޔޫރަޕްގެ ގައުމުތައް ވެސް ހިމެނެ އެވެ.
ނަމަވެސް މިހާރު ތައިލެންޑަށް އެތެރެވުމުގެ ހުއްދަ އޮތް ގައުމުތަކުގެ މީހުން ވެސް ދަތުރުތައް ރޭވުމުގެ ކުރިން އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށް ތައިލެންޑް ސަރުކާރުން އެދެއެވެ. ތައި ސަރުކާރުން ބުނީ އެހެން ގައުމުތަކުގެ ކޮވިޑްގެ ހާލަތަށް އަންނަ ބަދަލުތައް ބެލުމަށް ފަހު ތައިލެންޑަށް އެތެރެވުމުގެ ހުއްދަ އޮތް ގައުމުތަކުގެ މީހުންގެ ލިސްޓަށް ބަދަލުތަކެއް އައުމަކީއެކަށިގެންވާކަމެއް ކަމަށެވެ.
ތައިލެންޑް ސަރުކާރުން ބުނީ އެގައުމު ފަތުރުވެރިންނަށް ހުޅުވާލުމުގެ އެންމެ ބޮޑު ބޭނުމަކީ ހުއްޓިފައިވާ އިގުތިސޯދު އަލުން ކޮޅަށް ޖެހުން ކަމަށެވެ. ގައުމުގެ އިގުތިސޯދަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ކުރީގެ ހާލަތައް ދިއުމަށް ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމަސް އެދޭކަމަށް ތައި ސަރުކާރުން ބުނެފައި ވެއެވެެ.